ބާޒާރުގައި ވިއްކަން ހުރި ފިޔާ (ދައުރު ފޮޮޓޯ/އިބްރާހިމް އިފާޒު)
އެސްޓީއޯއިން ފިޔާ އެތެރެކޮށް ކޮންޓްރޯލް އަގެއްގައި ހޯލް ސޭލަރުންނަށް ވިއްކަނީ
އިންޑިއާއިން ފިޔާ ބޭރު ކުރުން މަނާކުރުމާ ވިދިގެން ރާއްޖެއަށް ވެސް ފިޔާ ލިބުން ދަތިވެ ފިޔާގެ އަގު ބާޒާރުގައި ބޮޑުވެފައި ވާތީ އަގު ހެޔޮކުރުމުގެ ގޮތުން އެސްޓީއޯއިން ގަވާއިދުން ފިޔާ ގެނެސް ހޯލް ސޭލަރުންނަށް ކޮންޓްރޯލް އަގެއްގައި ވިއްކަން ފަށައިފި އެވެ.
ތަފްސީލް - އެސްޓީއޯއިން ބުނީ އިންޑިއާއިން ރާއްޖެއަށް ދީފައިވާ ހާއްސަ ކޯޓާގެ ދަށުން، އެސްޓީއޯއިން ކޮންމެ ތިން ދުވަހަކުން އެ ގައުމުން ފިޔާ ޝިޕްމަންޓެއް ރާއްޖެ އެތެރެކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެސްޓީއޯއިން ނިންމާފައި ވަނީ:
-
ބާޒާރުގައި ހޯލް ސޭލަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވަކި އަގެއްގައި އެ ފިޔާ ވިއްކަން؛ އެގޮތުން 40 އަށް ވުރެ ގިނަ ފަރާތަށް ފިޔާ ވިއްކޭނެ ކަމަށް ލަފާކުރޭ
-
އެގޮތުން އެ ފަރާތްތަކުން ގަންނަ ފިޔާ ހޯލް ސޭލަރުންގެ ގުދަންތަކާ ހަމައަށް ގެންގޮސްދޭނެ
-
އެސްޓީއޯއިން ހޯލް ސޭލަރުންނަށް ފިޔާ ވިއްކަނީ ކިލޯއެއްގެ އަގު 20ރ. އަށް ވުރެ ބޮޑު ނުކުރަން ޝަރުުތުކޮށްފައި
ބުނީ ކީކޭ؟ - އެސްޓީއޯއިން ބުނީ ފިޔާ ލިބުން އާންމު ހާލަތަކަށް އަންނަން ދެން ފިޔާ އެތެރެކޮށް އެ ކުންފުނިން ހޯލް ސޭލަރުންނަށް ސަޕްލައިކުރަމުން ދާނެ ކަމަށެވެ. މީގެ އިތުރަށް މިހާރެކޭ ވެސް އެއްގޮތަށް އެސްޓީއޯގެ ސުޕަމާކެޓުން ވެސް ރީޓެއިލްކޮށް އާންމުންނަށް ފިޔާ ވިއްކާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯއިން ބުނި ގޮތުގައި ފިޔާ ޝިޕްމަންޓެއް ގެނައުމުގެ ބޭނުމަކީ އަސާސީ މުދަލުގެ އަގު އާންމުންނަށް އަތްފޯރާ އަގެއްގައި ބެހެއްޓުމެވެ.
"އެސްޓީއޯ ވުޖޫދަށް އައުމުގެ މައިގަނޑު އެއް އަސްލަކީ ވެސް އާއްމު ކާބޯތަކެތީގެ ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުން. އަދި އަސާސީ ކާބޯތަކެތި އެތެރެކުރުމުގައި ރާއްޖެއަށް ހުރަހެއް ނެތްކަން ސަރުކާރުން ކަށަވަރުކޮށްދީފައިވާ އިރު އެކަން ތަންފީޒު ކުރުމަކީ މި ކުންފުނީގެ އެންމެ ބޮޑު އަމާޒު،" އެސްޓީއޯއިން ބުންޏެވެ.
ފާހަގަކޮށްލެވޭ - އެސްޓީއޯއިން ބުނި ގޮތުގައި ފިޔާ އަގުހެޔޮ ކުރުމަށް ގެންނަ ފުރަތަމަ ޝިމްޕްމަންޓުގައި ގެނެސްފައި ވަނީ 4500 ބަސްތާގެ ފިޔާ އެވެ. އަދި އެ ތަކެތި މިހާރު ހޯލް ސޭލަރުންނަށް ވިއްކަން ފަށާފައިވާ ކަމަށް ވެސް ބުންޏެވެ.