ތިލަ މާލެ ބްރިޖް މަސައްކަތްތައް ފެންނަ ހިސާބުގައި ވިލިނގިލި ގޮނޑުދޮށުގައި ބަޔަކު މަޑުކޮށްލައިގެން (ދައުރު ފޮޓޯ/ހުސެއިން ސުނެއިމް)

އިގްތިސާދު

އިގްތިސާދީ ކުރިއެރުމަށް ހުއްޓުން އަރައި ކަންބޮޑުވުމަކަށް

މިއަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ރިއަލް ޖީޑީޕީ %5.5ގައި ކުރިއެރި ނަމަވެސް ދެވަނަ ކުއާޓާގައި އިގްތިސާދީ ކުރިއެރުން ވަނީ %0އަށް ވެއްޓިފައި
2 ޑިސެމްބަރު 2023
3

މިއަހަރުގެ ފުރަތަމަ ކުއާޓާ އަޅާބަލާއިރު ޖެހިގެން އައި ދެވަނަ ކުއާޓާގައި ރާއްޖޭގެ އިގްތިސާދު ކުރި ނާރާ އެއްވަރެއްގައި ހިފެހެއްޓިފައި ހުރި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެނގުން މުހިންމު - ކޮވިޑް-19ގެ ބަލިމަޑުކަމަށް ފަހު ރާއްޖޭގެ ޖިޑީޕީ ނުވަތަ އުފެއްދުންތެރިކަން އައީ ގާތްގަނޑަކަށް %25 ގައި ކުރިއަރަމުންނެވެ. އެހެން ނަމަވެސް އެ ކުރިއެރުން ކޮންމ ެވެސް ވަރަކަށް މަޑުޖެހި މިއަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނޭ ކަމަށް ލަފާކޮށްފައި ވަނީ %9.4ގަ އެވެ.

ވީ ކިހިނެއް؟ - އެމްއެމްއޭއިން މިދިޔަ ބުރާސްފަތި ދުވަހު އާންމުކޮށްފައިވާ އިގްތިސާދުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ދެވަނަ ކުއާޓަރުގައި އިގްތިސާދީ ކުރިއެރުން ނުވަތަ ރިއަލް ޖީޑީޕީގެ ކުރިއެރުން ހުރީ %0ގަ އެވެ. އޭގެ މާނައަކީ އިގްތިސާދު އިތުރަށް ކުރި ނާރާ ހުރިވަރުގައި ހިފެހެއްޓިފައި ހުރުމެވެ. އެމްއެމްއޭއިން ފާހަގަކޮށްފައިވާ ގޮތުގައި:

  • މިއީ މިއަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު %4.4ގެ ދަށްވުމެއް

  • މިއަހަރުގެ ފުރަތަމަ ކުއާޓާގައި ރިއަލް ޖީޑީޕީގެ ކުރިއެރުން ހުރީ %5.5ގައި ކުރިއެރި؛ މިއީ 2022 ވަނަ އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާއިރު %1.4ގެ ކުރިއެރުމެއް

  • ރިއަލް ޖީޑީޕީގެ ކުރިއެރުމުގައި ބުރަކި ޖެހުނު މައިގަނޑު ސަބަބަކީ ޓޫރިޒަމްގެ އާމްދަނީއަށް އަސަރުކުރުން

ތަފްސީލް - އެމްއެމްއޭގެ ތަފާސްހިސާބުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި މިއަހަރުގެ އޮކްޓޯބަރުގައި ރާއްޖެ އައި ޓޫރިސްޓުން %4 އިތުރުވެފައިވީ ނަމަވެސް ޓޫރިޒަމްގެ އެހެން މިންގަނޑުތައް ކަމަށްވާ ޓޫރިސްޓުން ހޭދަކުރާ މިންވަރާއި އޮކިއުޕަންސީ ރޭޓް ވަނީ ދަށްވެފަ އެވެ. އެގޮތުން:

  • ބެޑް ނައިޓްސްއަށް %3ގެ ދަށްވުމެއް އައިސްފައިވޭ

  • އޮކިއުޕަންސީ ރޭޓް %58 އިން %53އަށް ވަނީ ދަށްވެފައި

  • ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދު 8.1 އިން 7.6 އަށް ވަނީ ދަށްވެފައި

ޓޫރިޒަމްގެ ދާއިރާއަށް އައި ހީނަރުކަމުގެ އިތުރަށް ހޯލްސޭލް އަދި ރިޓެއިލް ދާއިރާގެ ވިޔަފާރިތަކަށް ވެސް ވަނީ އޮކްޓޯބަރު މަހު ދަށްވުމެއް އައިސްފައި ކަމަށް އެމްއެމްއޭއިން ބުންޏެވެ. 

ފާހަގަކޮށްލެވޭ - ކޮވިޑަށް ފަހު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ރަނގަޅު ހިސާބެއްގައި ހިފެހެއްޓިފައި ހުރި ނަމަވެސް އެ ކުރިއެރުން ދަށަށް ދާތީ ވޯލްޑް ބޭންކުން މިފަހުން ރާއްޖެއާ ގުޅޭ ގޮތުން ނެރުނު ރިޕޯޓްގައި ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރާއްޖެއިން ބޭރު ކުރާ މުދާ ދަށަށް

އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި ރާއްޖެއިން ބޭރުކުރާ މުދާ ނުވަތަ އެކްސްޕޯޓް ވަނީ މިއަހަރުގެ ދެވަނަ ކުއާޓާގައި ދަށަށް ގޮސްފަ އެވެ. ސަބަބެއްގެ ގޮތުގައި ފާހަގަ ކުރީ ރާއްޖެއިން ބޭރު ކުރާ މަހުގެ އުފެއްދުންތައް މަދުވުމެވެ. އެގޮތުން ފާހަގަކޮށްފައި ވަނީ: 

  • މިދިޔަ އަހަރާ ބަލާއިރު އެކްސްޕޯޓް %11 ވަނީ ދަށްވެފައި

  • އެކްސްޕޯޓް ދަށްވީ ޗެޓްފިއުލް ފަދަ ރީއެކްސްޕޯޓްތައް މަދުވުމުން އަދި ބޭރު ކުރާ ފިނިކުރި ކަނޑުމަހާއި މަހުގެ ބާވަތްތައް ވަނީ މެދުވެފައި

އެހެން ނަމަވެސް ރާއްޖެއަށް އެތެރެ ކުރާ މުދާ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު %17 އިތުރުވެފަ އެވެ. 

އެމްޕީއެލް ގަ ބަހައްޓާފައި ހުރި ކޮންޓެއިނަރްތަކެއް ޗެކްކުރުމުގެ މަސައްކަތް ބަނދަރު މުވައްޒަފަކު ކުރަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އިންފްލޭޝަނަށް ހިފެހެއްޓިފައި

އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް މައްޗަށް ދާވަރު އޮކްޓޯބަރު މަސް ތެރޭ ދަށަށް ގޮސްފައިވާކަން އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެގޮތުން: 

  • އިންފްލޭޝަން ވަނީ %2.6ގައި ހިފެހެއްޓިފައި

  • އަގުތައް މައްޗަށް ދާވަރު ވަނީ %0.4 އިން %0.1އަށް ދަށްކުރެވިފައި

އަގުތައް މައްޗަށް ގޮސްފައިވާ ބައިތަކަކީ:

  • ރެސްޓޯރަންޓާއި ކެފޭތަކުގެ އަގުތައް - %0.40 ޕޮއިންޓް

  • މޭވާ - %0.35 ޕޮއިންޓް

  • ގޭގައި ހިފާ ގެންގުޅޭތަކެތި - %0.25 ޕޮއިންޓް

  • ކަރަންޓް - %0.24 ޕޮއިންޓް 

  • ކިރުގެ ބާވަތްތައް - %0.22 ޕޮއިންޓް 

ބޭނުންކުރެވޭ ރިޒާވަށް ރެކޯޑް ދަށްވުމެއް

އިގްތިސާދީ ދާއިރާގެ ބޭފުޅުން އެންމެ ބޮޑަށް ރާއްޖެއާ މެދު މިވަގުތަށް ކަންބޮޑުވާ އެއްކަމަކީ ރާއްޖޭގެ ރަސްމީ ރިޒާވް މިއިން ދުވަހަކު ނުދާހާ ބޮޑަށް ދަށަށް ދިޔުމެވެ. އެގޮތުން: 

  • ރަސްމީ ރިޒާވް މިވަގުތު ހުރީ 552 މިލިއަން ޑޮލަރުގައި 

  • މިއީ އެންމެ 1.9 މަސްދުވަހަށް ރާއްޖެއަށް ބޭނުންވާ ތަކެތި އެތެރެކުރެވޭނެހާ ދަށް ރިޒާވެއް 

  • މި އަހަރު ފެށުނުއިރު ތިން މަހަށް ބޭނުންވާ ތަކެތި އެތެރެ ކުރެވޭނެހާ ފައިސާ ރާއްޖޭގެ ރިޒާވްގައި ހުރި 

އެމްއެމްއޭ ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މައި އިދާރާ (ފޮޓޯ/ދައުރު)

އެމްއެމްއޭއިން ލަފާކޮށްފައިވާ ގޮތުގައި މިއަހަރު ނިމޭއިރު ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް ހުންނާނީ ވަރަށް ދަށްމިންވަރެއްގަ އެވެ. އެއީ 100 މިލިއަން ޑޮލަރުވަރެވެ.

އެހެންވެ، ބަޖެޓް ސަޕޯޓަށް ބޭރުން 200 މިލިއަނެއްހާ ޑޮލަރު ހޯދަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް (3)

ފެރީނިޒާމް

2 ޑިސެމްބަރު 2023
އެމްޑީޕީ މީހުން ބެލީ ގަދަޔަށް ކެވޭތޯ.
0 0

ހިތަދޫ ހުސެން

2 ޑިސެމްބަރު 2023
އުމްރާނީ ތަރައްގީ ހަރަދު ކުރުމުގަ ވަރަށް ބޮޑަށް ބަލަން ޖެހޭ އަދި ޓޫރިސަމް މާކެޓް ކުރުން ވަރުގަދަކޮށް ދިވެހި ކުދި އަދި މެދު ވިޔަފާރިތަކަށް ފަސޭހައިން ކެޕިޓަލް ލިބޭނެ ގޮތް ހަދަން ޖެހޭ! އެއާޕޯޓެއް ، ބަނދަރެއް، ފެނަކަ އިމާރާތެއް އެޅުނީމާ ވީކީ ނޫން އަދި އެއީކީ ތަރައްގީ އެއްވެސް ނޫން. ދިވެހިން ހޭލާ! ވެރިންގެ ހިނގުންތެރިކަން ބަލާ މިނގަޑު ބަދަލް ކުރުވާ، މިދަނީ އަދި ރަނގަޅަކަށް ނޫން!
1 0

ޙާރުޖީ

2 ޑިސެމްބަރު 2023
ނިމިދިޔަސަރުރާކުން ދިއައީ ރާއްޖެވރަށް ބޮަޑަށް ދަރުވާލާފަ، ވިއްކެންހުރި އެއްޗެއްވިޔާ ވިއްކާފަ، އދި އެންމެ ފަހުވަގުތު ސަރުކަރަށް ބުރަޔަކަށް ވާކަހަލައެތަށް ކަމެއްކޮއްފަ، ދެންމި އައިސަރުކާރުން މިއުޅެނީ އަދި ބައިއެޅުމުގެ، ވެރިކަމަށް އަންނަންކުރި ހަރަދު ހޯދުމުގަ، މަގާމިތަށް ބެހުމުގަ، އަވަސް ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފި ނަމަ ޕާކިސްތާނު، ލަންކާއަށް ޖެހުންހާލަތު އޮތީކީމާ ދުރަކުނޫން،
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް