ޕެންޝަން އޮފީސް ހުންނަ އެލައިޑް ބިލްޑިން އިމާރާތް. (ފޮޓޯ/މޯލްޑިވްސް ފައިނޭންޝަލް ރިވިއު)

ޕެންޝަން އޮފީސް

19 ބިލިއަންގެ ޕެންޝަން ފަންޑު އަތޮޅުތަކުގެ ތަރައްގީއަށް ބޭނުން ކުރެވިދާނެ: އިނާޒު

ކުރީގެ ފިނޭންސް މިނިސްޓަރު އަދި ޕެންޝަން އޮފީހުގެ ޗެއާޕާސަންކަން ވެސް ކުރައްވާ އިނާޒު ވިދާޅުވީ ޕެންޝަން ފަންޑުގައި ގާތްގަނޑަކަށް 19 ބިލިއަން ރުފިޔާ ހުރިއިރު، ތަރައްގީއަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އިގްތިސާދީ ގޮތުން ފައިދާކުރާ މަޝްރޫއުތަކަށް އެ ފަންޑު ބޭނުން ކުރެވިދާނެ ކަމަށް
23 ނޮވެމްބަރު 2023

އަތޮޅުތެރޭގެ އުމްރާނީ ތަރައްގީއަށް ޕެންޝަން ފަންޑުން ފައިސާ ބޭނުން ކުރުމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަދި ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަހްމަދު އިނާޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ވޯލްޑް ބޭންކްގެ 'މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް 2023' އިފްތިތާހު ކުރުމަށް އިއްޔެ އެމްއެންޔޫ ބިޒްނަސް ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި، ރާއްޖެއަށް ހުރި ތަރައްގީގެ ފުރުސަތުތަކާއި ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން އިނާޒު ވިދާޅުވީ ތަރައްގީ ގެނައުމުގައި ގޮންޖެހުންތައް ބޮޑު ކަމަށް ފެނިދާނެ ކަމަށެވެ.

އެހެން ނަމަވެސް، އެ ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމަށް އޭނާއަށް ފެނިވަޑައިގަންނަވާ މައިގަނޑު ތިން ކަމެއް އިނާޒު ވަނީ ހިއްސާކުރައްވާފަ އެވެ.

ބުނީ ކީކޭ؟ - ފުރަތަމަ ކަމެއްގެ ގޮތުގައި އިނާޒު ވިދާޅުވީ ޕެންޝަން ފަންޑު ފަދަ، މިހާރު ވެސް ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދަން ބޭނުންކުރާ ޑޮމެސްޓިކް ސޭވިންސް، ހަރުދަނާ އަދި އިގްތިސާދީ ކުރިއެރުން ގެނެވޭ ފަދަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދު ކުރުމެވެ.

"ޕެންޝަން ފަންޑުގައި ހުރި ގާތްގަނޑަކަށް 19 ބިލިއަން ރުފިޔާ ބޭނުންކުރެވިދާނެ، އުފެއްދުންތެރި ގޮތުގައި، އަތޮޅުތެރޭގެ ތަރައްގީއަށް ސްޓްރެޓީޖިކް އިންވެސްޓްމަންޓްސްގެ ގޮތުގައި،" އިނާޒު ވިދާޅުވި އެވެ.

ތަފްސީލު - އެހެން ނަމަވެސް، އެ ފަންޑުތައް ބޭނުންކުރާއިރު ފަހަށް ރައްކާ ކުރެވޭނެ ގޮތްތަކެއް ހޯދައި އާންމުންގެ މެދުގައި ވެސް ފަހަށް ރައްކާ ކުރުމުގެ ސަގާފަތެއް ބިނާކުރުމަކީ އޭނާ ވިދާޅުވި ގޮތުގައި މުހިންމު ކަމެކެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިކަމުގައި ފުރަތަމަ ފިޔަވަޅު އަޅަން ޖެހެނީ ސަރުކާރުންނެވެ.

އެގޮތުން، މަޝްރޫއުތަކަށް ފައިސާ ހޯދުމަށް އިތުރު ގޮތްތަކެއް ނުވަތަ ފަންޑުތަކެއް އުފައްދައި އެ ފަންޑުތައް ފުޅާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިނާޒުގެ ވާހަކައިގައި އުމްރާނީ ތަރައްގީއަށް ހުރި ހުރަސްތަކުން އަރައިގަނެވޭނެ ދެ ވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، މަޝްރޫއުތައް ހިންގޭނެ ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތްތައް ހޯދުމަށް ދިރާސާތައް ކުރުމެވެ. މިސާލަކަށް، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ގައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީ ފަދަ ބޮޑެތި ތަންތަނުން އަމިއްލަ ކޮލެޖުތަކާ ގުޅިގެން އެފަދަ ދިރާސާތައް ހިންގިދާނެ އެވެ.

"މިހާރު ވާ ގޮތަކީ [އަޅުގަނޑު ދެކޭ ގޮތުގައި] ރަށްރަށުން ތަރައްގީގެ މޮޑެލްއަކަށް މިސާލެއްގެ ގޮތުގައި ނަގަނީ މާލެ. މާލޭގައި ބޮޑު ބަނދަރެއް އޮވެއްޖެއްޔާ ރަށްރަށަށް ވެސް ބޮޑު ބަނދަރެއް ބޭނުންވޭ. ނޫނީ ބޮޑު އެއާޕޯޓެއް އެބަ ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

ވޯލްޑް ބޭންކުން ރާއްޖޭގެ އިގްތިސާދާ ގުޅޭ ގޮތުން ނެރުނު ރިޕޯޓުގެ މައުލޫމާތު ދިނުމަށް އެމްއެންޔޫއާ ގުޅިގެން ބޭއްވި ހަރަކާތުގައި އިނާޒް ވާހަކަދައްކަވަނީ. (ފޮޓޯ/ވޯލްޑް ބޭންކް)

ފަހު ނުކުތާގެ ގޮތުގައި އިނާޒު ފާހަގަކުރެއްވި ކަމަކީ ސިޔާސީ ދައުރަކަށް ވުރެ ކުރިއަށް ވިސްނައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގުމެވެ. ރަށްރަށުން ތަރައްގީގެ މޮޑެލްއަކަށް މާލެ ބަލާއިރު، އިނާޒުގެ ވާހަކައިން ދޭހަވަނީ ސިޔާސީ ދައުރަކަށް ވުރެ ކުރިއަށް ނުވިސްނައި މަޝްރޫއުތައް ހިންގުމަކީ މާލެއަށް ދިމާވެފައި އޮތް މައްސަލައެއްގެ ގޮތުގަ އެވެ.

"ކޮންމެ ފަސް އަހަރަކުން ވާ ގޮތަކީ، ކުރިން އޮތް ސަރުކާރުން ހިންގި މަޝްރޫއުތަކަށް ނުބަލައި ކުރިއަށްދަނީ. ސްޓްރެޓީޖިކް ޕްލޭނެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އިނާޒު ވިދާޅުވި ގޮތުގައި، ތަރައްގީ ގެނައުމުގައި ސިޔާސީ ޕާޓީތައް ގުޅިގެން މަސައްކަތްކޮށް، ކައުންސިލްތައް މިހާރަށް ވުރެ ބާރުވެރިކުރަން ޖެހެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް