
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މައި އިދާރާ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
އަގު ވެއްޓުނަސް ހާލަތުގެ ގޮތުން ސޮވަރިން ފަންޑުގައި އޮތް ސަރުކާރުގެ ދަރަނި މާފުކުރަން ޖެހޭ: އެމްއެމްއޭ
ރާއްޖޭގެ އެތެރޭގެ ދަރަނީގެ %10 ވަރު އޮތީ ސޮވަރިން ޑިވަލޮޕްމަންޓް ފަންޑު (އެސްޑީއެފް)ގައި ކަމަށާއި އެ ދަރަނި ރައިޓް އޮފްކުރުން ނުވަތަ މާފުކުރުމަށް ފެންނަ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް ލަފާދިނުމަށް މިއަދު ކޮމިޓީއަށް ހާޒިރުވި އެމްއެމްއޭގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ސީނިއާ ރިސާޗް އެނަލިސްޓް މުހައްމަދު އިމްތިނާނު ސައުދުﷲ ވިދާޅުވި ގޮތުގައި:
-
މިދިޔަ ސެޕްޓެމްބަރުގެ ނިޔަލަށް ސޮވަރިން ފަންޑުގެ ޖުމްލަ އަގަކީ 486.2 މިލިއަން ޑޮލަރު
-
އެ ފަންޑުގައި ވަގުތުން ވަގުތަށް ބޭނުން ކުރެވޭ ގޮތަށް ހުރީ ވަރަށް މަދުކޮށް؛ އެއީ 89.6 މިލިއަން ރުފިޔާ
-
2025 އަދި 2026ގައި ބައެއް ދަރަނި އަދާކުރަން އެ ފަންޑު ބޭނުންކުރަން ރާވާފައިވޭ
"އެ ފަންޑުގެ %76 އިންވެސްޓްކޮށްފައި ވަނީ ޑޮމެސްޓިކް [އެތެރޭގެ] އިންސްޓްރޫމަންޓްތަކަށް... އަޅުގަނޑުމެންނަށް ފާހަގަވާ ގޮތުގައި އެތެރޭގެ ދަރަނީގެ ގޮތުގައި މި އޮތް %60ގެ ތެރެއިން %10 ވަރު މި އޮތީ ސޮވަރިން ފަންޑަށް އޮތް ދަރަނީގެ ގޮތުގައި،" އެތެރޭގެ ދަރަނި ކުޑަކުރަން އެކަން ކުރުން މުހިންމުކަން ފާހަގަކުރައްވައި އިމްތިނާން ވިދާޅުވި އެވެ.
އޭނާ ލަފާކުރެއްވި ގޮތުގައި ސޮވަރިން ފަންޑުގައި އޮތް ދަރަނި މާފުކޮށްފި ނަމަ ރާއްޖޭގެ އެތެރޭގެ ދަރަނި %7-8 ދަށްވުމެއް އަންނާނެ އެވެ.
ތަފްސީލް - އެކަން ކޮށްފި ނަމަ ދެން ވާނޭ ގޮތުގެ ތަފްސީލް ދެެއްވަމުން އިމްތިނާން ވިދާޅުވީ އޭރުން ސޮވަރިން ފަންޑުގެ ވެލިއު ނުވަތަ އަގަށް ދަށްވުމެއް އަންނާނޭ ކަމަށެވެ. ނަމަވެސް، އެކަމަކީ މިވަގުތަށް ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އިމްތިނާން ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.
"މި ވަގުތުގެ ހާލަތު އޮތް ގޮތުން އަޅުގަނޑުމެން ދޭ ލަފަ އަކީ އެ އަދަދު ރައިޓް އޮފް ކުރުން،" އިމްތިނާން ވިދާޅުވި އެވެ.
އޭނާ ވަނީ ފަންޑުގައި ވަގުތުން ބޭނުން ކުރެވޭ ގޮތަށް ހުންނަ ފައިސާ އިތުރުކުރުމަށް ސަރުކާރުން ރާވާފައިވާ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އިމްތިނާން ވިދާޅުވީ:
-
ސަރުކާރުން ރާވާފައި ވަނީ ސެކަންޑުރީ މާކެޓަކަށް އެ އިންސްޓްރޫމަންޓްތައް އަލުން ވިއްކައިގެން ފަންޑަށް ފައިސާ އިތުރުކުރަން
-
ނަމަވެސް، މިވަގުތު ދުނިޔޭގެ މާލީ ބާޒާރުގައި މިފަދަ އިންސްޓްރޫމަންޓްތައް ގަތުމަށް އޮންނަ ޝައުގުވެރިކަން ކުޑަވެފައި ވާތީ ސަރުކާރުން ރާވާފައިވާ ގޮތަށް ސެކަންޑްރީ މާކެޓަކުން އެ ގޮތަށް ފައިސާ ހޯދިދާނޭ ކަމަށް ލަފާނުކުރެވޭ ކަމަށް ވިދާޅުވި
ސޮވަރިން ފަންޑު ހަރުދަނާ ކުރުމާ ގުޅޭ ގޮތުން އެމްއެމްއޭއިން މިވަގުތަށް ދޭ ބައެއް ލަފާތައް ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން އޭނާ މަޖިލީހުގެ ކޮމިޓީގެ ސަމާލު ކަމަށް ގެނައި ކަންކަމަކީ:
-
ސޮވަރިން ފަންޑުން މާލީ އިންސްޓްރޫމަންޓްތަކަށް އެންމެ ގިނައިން އިންވެސްޓް ކުރެވޭނެ މިންވަރެއް ކަނޑައެޅުން
-
ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އޯވަޑްރޯކޮށްފައިވާ ނަމަ ސޮވަރިން ފަންޑަށް ފައިސާ ޖަމާނުކޮށް ޕީބީއޭގެ ބެލެންސް ސާޕްލަސްކުރަން އެ ފައިސާ ބޭނުން ކުރުން
ކޮމެންޓް