
ޕީސީބީ މިހާރު ހިންގުމާ ހަވާލުވެ ހުންނެވި އެ ބޯޑުގެ ނައިބު ރައީސް މުހައްމަދު ފިރާޒް (ފޮޓޯ/ޕީސީބީ)
ޕީސީބީ ހުސްކަމެއްގައި؛ ކުންފުނިތަކަށް ވެެރިން ލުން ލަސްވެދާނެ
ސަރުކާރުގެ ކުންފުނިތަކަށް ޑިރެކްޓަރުން އައްޔަންކޮށް، އެ ތަންތަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ބޯޑް ބައްދަލުވުންތައް ބޭއްވޭ ވަރަށް މެންބަރުން އެ ތަނުގައި ނެތުމުން، އާ ސަރުކާރުން ކުންފުނިތަކަށް ހަމަޖައްސާ ވެރިން އައްޔަންކުރަން ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ބެލެވިއްޖެ އެވެ.
ވީ ކިހިނެއް؟ - ޕީސީބީގެ ހިންގުމާ މިހާރު ވަގުތީ ގޮތުން ހަވާލުވެ ހުންނެވި މުހައްމަދު ފިރާޒް 'ދައުރު'އަށް ވިދާޅުވީ ޕީސީބީގައި މިވަގުތު ތިއްބެވީ ތިން މެންބަރުން ކަމަށާއި، އެ އަދަދަށް މެންބަރުން ތިއްބަވައިގެން ބޯޑުގެ ބައްދަލުވުންތައް ބާއްވަން ކޯރަމް ހަމަނުވާ ކަމަށެވެ.
ބުނީ ކީކޭ؟ - އޭނާ ވިދާޅުވި ގޮތުގައި، އެ ބޯޑުގެ ބައްދަލުވުންތައް ބޭއްވޭ ވަރަށް ކޯރަމް ހަމަވާނީ އިތުރަށް ދެ މެންބަރަކު ސަރުކާރުގެ ފަރާތުން އެ ބޯޑަށް އައްޔަންކޮށްގެން ކަމަށެވެ.
"އަޅުގަނޑު އުންމީދު މިކުރަނީ އާ ރައީސުލްޖުމްހޫރިއްޔާ އެކަން ވަރަށް އަވަހަށް ކުރައްވާނޭ ކަމަށް. އޭރުން އަޅުގަނޑުމެންނަށް ބޯޑުތަކަށް ލާ ބޭފުޅުން އައްޔަން ކުރުމުގެ ކަންކަން ކުރެވެން އޮތީ،" ފިރާޒް ވިދާޅުވި އެވެ.
މީގެ ކުރިން އެ ބޯޑުގައި ތިއްބެވި ބޭފުޅުންގެ ދައުރު ހަމަވުމުން ކުރީގެ ސަރުކާރުން އޮތީ އެ ބޯޑަށް ބޭފުޅުން އައްޔަން ނުކޮށެވެ.

ފާހަގަކޮށްލެވޭ - ޕީސީބީގެ ގާނޫނު ބުނާ ގޮތުން އެ އިދާރާގެ ބޯޑަކީ ރައީސް އައްޔަން ކުރައްވާ ހަތް ބޭފުޅުންގެ މައްޗަށް ހިމެނޭ ބޯޑެކެވެ. އަދި އެ ބޯޑުގެ މެންބަރުންނަށް އައްޔަން ކުރައްވާ ފަރާތްތަކަށް މަޖިލީހުން ރުހުން ހޯދަން ޖެހެ އެވެ.
ފިނޭންސް މިނިސްޓަރުގެ ބަސް - އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އާ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ ޕީސީބީގެ ބޯޑަށް ބޭފުޅުން ހަމަކުރުމަކީ ހާއްސަ އިސްކަމެއް ދީގެން ކުރައްވާނޭ މަސައްކަތެއް ކަމަށެވެ.
"އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން އެކަން ކުރާނެ،" ޝަފީގު ވިދާޅުވި އެވެ.
ތަފްސީލް - ފިރާޒް ވިދާޅުވީ ރައީސް ބޯޑަށް ބޭފުޅަކު އައްޔަން ކުރައްވާ ހިސާބުން ފެށިގެން ވެސް މަޖިލީހުގެ ރުހުން އަދި ނުލިބުނު ނަމަވެސް، ގާނޫނު އޮންނަ ގޮތުން ބޯޑުގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން މަސައްކަތްތައް ކުރެއްވޭނެ ކަމަށެވެ. އަދި މިހާތަނަށް އަމަލު ކުރަމުން އައީ ވެސް އެ އުސޫލުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެ ބޭފުޅަކު އައްޔަން ކުރެއްވީމާ އަޅުގަނޑުމެންނަށް ހުރަހެއް ނޯންނާނެ ކުންފުނިތަކުގެ ބޯޑަށް ބޭފުޅުން އައްޔަން ކުރަން ބޯޑު ބައްދަލުވުންތައް ބާއްވަން. އޭރުން ކޯރަމް ހަމަކުރެވޭނެ،" ފިރާޒު ވިދާޅުވި އެވެ.
ބޯޑުތަކަށް ބޭފުޅުން އައްޔަންކުރަން 5 ދުވަސް ނަގާނެ
ފިރާޒު ވިދާޅުވި ގޮތުގައި އާ ސަރުކާރުން ކުންފުނިތަކުގެ ބޯޑުތަކަށް އައްޔަން ކުރަން ފޮނުވާ ނަންތަކަށް ރުހުން ހޯދުމުގެ މަސައްކަތް އަވަސް ކުރަން ހާއްސަ އިދާރީ އިންތިޒާމްތައް މިހާރުވެސް ދުރާލާ ރާވާފަ އެވެ. އެގޮތުން، ކުށުގެ ރެކޯޑް ސާފުކުރުން އަވަސް ކުރުމަށް އިދާރާތަކާ އެކު މަޝްވަރާކޮށް އެއްބަސްވުންތަކަކަށް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިރާޒް ލަފާކުރައްވާ ގޮތުގައި، ބޯޑުގެ ކޯރަމް ހަމަވާ ވަރަށް މެންބަރުން ހަމަކޮށް ބޯޑުގެ މަސައްކަތް ފަށައި ގަންނަތާ ގިނަ ވެގެން ފަސް ދުވަހުގެ ތެރޭގައި އާ ޑިރެކްޓަރުން ކުންފުނިތަކަށް އައްޔަން ކުރަން ފެށޭނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ކުންފުނިތަކުގެ ބޯޑުތަކަށް ބޭފުޅުން އައްޔަން ކުރުމަށް ވަގުތުކޮޅެއް ނަގަނީ އެ ބޯޑުން އެކުލަވާލާފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކެއްކަން ބެލުމަށް ފަހު ބޯޑުތަކަށް ޑިރެކްޓަރުން އައްޔަން ކުރަން ޖެހޭތީ އެވެ.
"ސްކްރީނިން ޕްރޮސެސްއަށް ވަގުތުކޮޅެއް ނަގާނެ. އަޅުގަނޑުމެން ބަލާނެ ތައުލީމީ ވަކި ޝަރުތުތަކާ ތަޖުރިބާއާ މި ހުރިހާ ކަމަކަށް. އެއަށް ފަހު ބޯޑުގެ މެންބަރުން ވޯޓަކުން ގޮތެއް ނިންމާނީ،" ފިރާޒް ވިދާޅުވި އެވެ.
ގުޅުން ހުރި ކަމެއް - ކުރީގެ ސަރުކާރުން ކުންފުނިތަކަށް އައްޔަންކޮށްފައި ތިއްބެވި ބޭފުޅުން ގިނަ ބޭފުޅުން ވަނީ އިއްޔެގެ ނިޔަލަށް އިސްތިއުފާ ދެއްވައިފަ އެވެ. އެކަމާ ގުޅިގެން ޕީސީބީއިން ވަނީ ކުންފުނިތަކަށް އާ ވެރިން އައްޔަންކުރަންދެން ހިންގުމުގައި އަމަލުކުރާނޭ ގޮތްތައް ކުންފުނިތަކަށް އަންގައިފަ އެވެ. އެގޮތުން، އަންގާފައިވާ ކަންކަމަކީ:
-
ޑިރެކްޓަރުންގެ ބޯޑުގައި ނުހިމެނޭ ކުންފުނީގެ މެނޭޖްމަންޓުގެ އެންމެ އިސް ފަރާތަކަށް (ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު) ނުވަތަ ކުންފުނީގެ މެނޭޖްމަންޓުގައި ހިމެނޭ އިސްފަރާތަކަށް ކުންފުނީގެ ހިންގުން ހަވާލުކުރަން
-
ކުންފުނީގެ ބޯޑަށް އެގްޒެކެޓިވް މެމްބަރަކު އައްޔަންކުރުމާ ދެމެދު ކުންފުނި ދުވަހުން ދުވަހަށް ހިންގުމުގެ ގޮތުން ނިންމަންޖެހޭ ނިންމުންތައް ފިޔަވައި ކުންފުނީގެ ސިޔާސަތާ ގުޅޭ ނުވަތަ ކުންފުނީގެ ނިސްބަތުން ބޮޑު މާލީ ނުވަތަ ވިޔަފާރިއާ ގުޅެ އެއްވެސް ނިންމުމެއް ނުވަތަ ކަމެއް ނުކުރުން
-
ކުންފުނި ހިންގުން ވަގުތީ ގޮތުން ހަވާލުކުރާ ފަރާތުގެ މައުލޫމާތު (ނަން، މަގާމު، އީމެއިލް އެޑްރެސް އަދި ފޯނު ނަންބަރު) ޕީސީބީއާ ހިއްސާކުރުން
ކޮމެންޓް