
ބޭރު ފައިސާ މާރުކުރާ ތަނެއްގެ ތެރޭ މީހަކު މަޑުކޮށްލައިގެން (ދައުރު ފޮޓޯ)
މުއިއްޒު ފުރަތަމަ ހޯއްދަވަން ޖެހެނީ 200 މިލިއަން ޑޮލަރު؛ ނޫނީ ރިޒާވް ހުސްވާނެ
ސަޕްލިމަންޓްރީ ބަޖެޓަށް މައުލޫމާތު ހޯދުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހާޒިރުކޮށް މިއަދު ބޭއްވި ބަޖެޓް ކޮމިޓީގައި މެންބަރުން ތަކުރާރުކޮށް އެއްސެވި އެއް ސުވާލަކީ، މިއަހަރުގެ ބާކީ މި އޮތް ދުވަސްތަކަށް ހަރަދުތައް ހަމަޖައްސަން ބޭނުންވާ 4.2 ބިލިއަން ރުފިޔާ (271.9 މިލިއަން ޑޮލަރު) ލިބޭނޭ ކަމުގެ އޮތީ ކޮން ޔަގީންކަމެއް ހެއްޔެވެ.
އެ ސުވާލުތަކަށް މިނިސްޓަރަށް ދެއްވާނޭ މާ ބޮޑު ޖަވާބެއް ނެތެވެ. އެ ފައިސާ ހޯދުމުގެ ޒިންމާ އަމީރު ދޫކުރައްވަން ޖެހެނީ އާ ރައީސް ޑރ. މުހައްމަދު މުއިއްޒަށެވެ.
މެންބަރުންގެ އެ ސުވާލުތަކަށް އަމީރު ވިދާޅުވީ އޭނާގެ މިނިސްޓަރު ކަމުގައި އެ ފައިސާ ހޯދަން އެކި ފަރާތްތަކާ މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި ފެހި ސިގްނަލް އެކަމުން ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

ޑިސެމްބަރުގެ ނިޔަލަށް ހޯދަން ޖެހޭ 271.9 މިލިއަން ޑޮލަރުގެ ތެރެއިން ހަމައެކަނި ލިބޭނޭ ކަމުގެ ޔަގީންކަން އަދި އޮތީ އިންޑިއާގެ ލައިން އޮފް ކްރިޑިޓް ނުވަތަ މަޝްރޫއުތައް ހިންގަން ދޭ 1.1 ބިލިއަން ރުފިޔާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. ދެން ހުރި ފައިސާ އަކީ ބޭރުގެ އެކި ފަރާތްތަކުން ހޯދަން އަދިވެސް މަސައްކަތް ކުރަން ޖެހޭ ފައިސާ އެވެ.
މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި އެ ފައިސާ ބޭރުން ހޯދުން ނޫން ގޮތެއް މިވަގުތަކަށް ނެތެވެ.
"ބޭރުން ހަމަ މި ފައިސާ [200 މިލިއަން ޑޮލަރު] ހޯދަން ޖެހޭނީ. އެހެން ނޫނީ ރިޒާވް ރަނގަޅު ނުކޮށް ކުރިއަކަށް ނުދެވޭނެ. އެހެން ނޫނީ ރިޒާވަށް ވަރަށް ބޮޑަށް އަސަރުކުރާނެ،" އަމީރު ވިދާޅުވި އެވެ.
ކޮމިޓީއިން މިހާރު ފާސްކޮށް ތަޅުމަށް ހުށަހަޅަން ތައްޔާރުވެފައި އޮތް ސަޕްލިމަންޓްރީ ބަޖެޓްގައި ހަރަދުތައް ފޫބައްދަން ފައިސާ ހޯދަން ރާވާފައި އޮތީ ދަރަންޏަށް ފައިސާ ނަގައިގެންނެވެ. އެގޮތުން:
-
ބޭރުގެ ފަރާތްތަކުން - 4.2 ބިލިއަން ރުފިޔާ
-
ރާއްޖޭގެ ފަރާތްތަކުން - 1.9 ބިލިއަން ރުފިޔާ
-
ޖުމްލަ ހޯދަން ޖެހޭ - 6.1 ބިލިއަން ރުފިޔާ

ބޭރުން ހަމަ މި ފައިސާ [200 މިލިއަން ޑޮލަރު] ހޯދަން ޖެހޭނީ. އެހެން ނޫނީ ރިޒާވް ރަނގަޅު ނުކޮށް ކުރިއަކަށް ނުދެވޭނެ
200 މިލިއަން ޑޮލަރު ހޯދަން ޖެހެނީ ކީއްވެ؟
ސަޕްލިމަންޓްރީ ބަޖެޓަށް އެމްއެމްއޭއިން ފޮނުވި ލަފާގައި އެންމެ ބޮޑު ކަންބޮޑުވުމަކީ މިއަހަރުގެ ބާކީ އޮތް ދުވަސްތަކަށް އިތުރަށް ކުރަން ޖެހޭ ހަރަދުތަކަށް ބޭނުންވާ 200 މިލިއަން ޑޮލަރު ބޭރުން ނުލިބިދާނެ ފަދަ ހާލަތެއް ކުރިމަތި ވެދާނެތީ އެވެ. އެ ފައިސާ ލިބޭނޭ ކަމުގެ ޔަގީންކަން ނެތި އެ ބަޖެޓަށް ރުހުން ނުދިނުމަށް އެ ލަފާގައި އެމްއެމްއޭއިން ބާރު އަޅާފައިވެ އެވެ.

އެމްއެމްއޭއިން ސަޕްލިމަންޓްރީ ބަޖެޓާ މެދު ކަންބޮޑުވަނީ އެކަން އެގޮތަށް ނުވެއްޖެ ނަމަ ދެން އިގްތިސާދީ ގޮތުން ކުރިމަތި ވެދާނޭ ނުރައްކާތައް ބޮޑުކަމުންނެވެ. އެ ލަފާގައި އެ ނުރައްކާތައް ތަފްސީލްކޮށް ދެމުން އެމްއެމްއޭއިން ބުނެފައި ވަނީ:
-
ބޭރުން ހޯދަން ރާވާފައިވާ ފައިސާ ނުލިބިއްޖެ ނަމަ ރާއްޖޭގެ ރިޒާވް އެކަށީގެންވާ މިންވަރެއްގައި ނުހިފެހެއްޓި ދަށަށް ހިނގައިދާނެ
-
ބޭރުން ފައިސާ ނުހޯދޭ ނަމަ ޕަބްލިކް ބޭންކް އެކައުންޓް އޯވަޑްރޯކުރުން، ފައިސާ ޗާޕްކުރަން ޖެހިދާނެ؛ އެގޮތަށް މި އަހަރު ވެސް 4.35 ބިލިއަން ރުފިޔާ ޗާޕްކޮށް ދިގު މުއްދަތުން ފައިސާ ދައްކާ ގޮތަށް ބަދަލުކޮށްފައިވޭ. އެކަން ކުރަން އެމްއެމްއޭ ދެކޮޅު
-
ރާއްޖޭގެ އެތެރޭން އެ ފައިސާ ހޯދާ ނަމަވެސް ފައިސާ ހޯދަން ވަރަށް އުނދަގޫވާނެ؛ ސަބަބަކީ ސަރުކާރުގެ ބޮންޑްތައް ޕްރައިވެޓް ބޭންކުތަކުން ގަންނަ ވަރު މިއަހަރު މަދުވެފައިވުން
މި ހުރިހާ ކަންބޮޑުވުންތަކުގެ ތެރެއިން ވެސް އެންމެ ބޮޑު ކަންބޮޑުވުުމަކީ ރިޒާވްގައި ހުންނަ ފައިސާ ބޭނުން ކުރަން ޖެހި އެންމެ ފަހުން ރިޒާވް އެކީ ހުސްވެދާނެތީ އެވެ. އެހެން ވެއްޖެ ނަމަ އެއީ އިގްތިސާދީ ގޮތުން ވަރަށް ނުބައި އިންޒާރެކެވެ. އަދި އާ ސަރުކާރަށް ކުރިމަތި ވާނޭ ގޮންޖެހުމެކެވެ.
މިއަދުގެ ކޮމިޓީގައި އެ ކަންބޮޑުވުން އެންމެ ބޮޑަށް ފާޅުކުރެއްވީ މުއިއްޒުގެ އިކޮނޮމިކް މިނިސްޓަރަކަށް ވަޑައިގަންނަވާ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އެވެ.


އެއީ ޑިބޭޓެބުލް ކަމެއް ނޫން. [ބޭރުން ފައިސާ] ހޯދަން ޖެހޭ. އެހެން ނޫނީ ނެގެޓިވް ރިޒާވަކަށް މި ދަނީ
އޭނާ ވިދާޅުވީ މިއަހަރުގެ 45 ދުވަހަށް 271 މިލިއަން ޑޮލަރު ބޭރުން ނުހޯދިއްޖެ ނަމަ ރިޒާވް މައިނަސްއަކަށް ދިޔުމުގެ ފުރުސަތު ވަރަށް ބޮޑަށް މިހާރު އެބަ އޮތް ކަމަށެވެ. އަދި އިންތިގާލީ މަރުހަލާގައި އެމްއެމްއޭއާ އެކު ދެކެވުނު ވާހަކަތަކުން ވެސް މިހާ ހިސާބަށް ކަންކަން ގޮސްފާނޭކަން އެ އިދާރާއިން މާކުރިން އިންޒާރުކުރަމުން ދިޔަކަން އެނގޭ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
"އެއީ ޑިބޭޓެބުލް ކަމެއް ނޫން. ހޯދަން ޖެހޭ. އެހެން ނޫނީ ނެގެޓިވް ރިޒާވަކަށް މި ދަނީ،" ސައީދު ވިދާޅުވި އެވެ.
ސައީދު އެ ވިދާޅުވާ ވާހަކަތަކަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ވެސް ބާރު ލިބެ އެވެ. އެގޮތުން އެ ހިސާބުތަކުން ދައްކާ ގޮތުގައި:
-
މިދިޔަ މަސް ނިމުނު އިރު އެމްއެމްއޭގެ ރަސްމީ ރިޒާވް ވަނީ 552 މިލިއަން ޑޮލަރަށް ވެއްޓިފައި
-
އޭގެ ތެރެއިން ބޭނުން ކުރެވޭ ރިޒާވްގައި ހުރީ 78 މިލިއަން ޑޮލަރު؛ މިއީ ރެކޯޑް ދަށްވުމެއް
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެއްޗާއި ތެލާއި ބޭސް ފަދަ އަސާސީ މުދާ އެތެރެ ކުރަން މަހެއްގެ މައްޗަށް 66 މިލިއަން ޑޮލަރު އެންމެ މަދުވެގެން ވެސް ބޭނުންވެ އެވެ. މިހާރު ބޭނުން ކުރެވޭ ރިޒާވް އެ ހުރީ ދޮޅުމަހެއްހާ ދުވަހަށް އަސާސީ ތަކެތި އެތެރެ ކުރެވޭނެހާ މަދު ފައިސާ އެވެ.
މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގެ ހަރަދުތަކަށް ބޭނުންވާ އަދަދާ ކައިރިއަށް ވެސް ރިޒާވްގައި ޑޮލަރެއް ނެތެވެ. އިތުރު ޑޮލަރު ބަޖެޓް ސަޕޯޓަށް ނުލިބި ރިޒާވްގައި ހުރި ޑޮލަރު ހަރަދުތައް ހަމަޖައްސަން ބޭނުން ކުރަން ޖެހިއްޖެ ނަމަ ސައީދު ބުނާ ފަދަ ރިޒާވް އެކީ ހުސްވުމުގެ ހާލަތާ ކުރިމަތިލާން ޖެހޭނެ އެވެ.
މާ ބޮޑު ގޮތްތަކެއް އަދި ފެންނާކަށް ނެތް
ބައެއް ގައުމުތަކާއި ބައިނައަގުވާމީ މާލީ އިދާރާތަކާ 200 މިލިއަން ޑޮލަރު ބަޖެޓް ސަޕޯޓަށް ހޯދަން މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވުމުން ސައީދު ވަނީ އެއީ ކޮން ތަންތަނަކުންތޯ ސުވާލު ކުރައްވައިފަ އެވެ.
އެ ސުވާލަށް އަމީރު ވިދާޅުވީ ފައިސާ ހަމަޖައްސައިދޭން އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިބީ) އިން ފެހި ސިގުނަލް ލިބިފައިވާ ކަމަށެވެ. އަދި ބައެއް މެދު އިރުމަތީގެ ގައުމުތަކާ އެކުވެސް މަޝްވަރާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އެހެން ވިދާޅުވުމުން ސައީދު ވަނީ އެ ބޭންކާ އެކު މިފަހުން އޭނާ މަޝްވަރާތަކެއް ކުރި ކަމަށް ވިދާޅުވެ އެ ބޭންކުން ރާއްޖެއަށް މާލީ އެހީދޭން ނިންމާފައި އޮތީ ބަޖެޓް ސަޕޯޓުގެ ގޮތުގައި ނޫން ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ، އެ ފައިސާ އަކީ އެހެން ހަރަދުކުރަން ލިބޭނޭ ފައިސާއެއް ނޫން ކަމަށް ވިދާޅުވި އެވެ. އަދި މެދުއިރުމަތީގެ ގައުމުތަކާ އެކު ކުރި މަޝްވަރާތަކަކީ އެ ގައުމުތަކުގެ އިސްވެރިންގެ ލެވަލްގައި ހިނގި މަޝްވަރާތަކެއް ކަމާ މެދު ވެސް ސައީދު ސުވާލު އުފެއްދެވި އެވެ.

މިއަދު ބަޖެޓް ކޮމިޓީގައި ދެއްކި ވާހަކަތަކުން ޔަގީންވާ ކަމަކީ މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގެ ހަރަދުތައް ހަމަޖައްސަން ބޭރުން ފައިސާ ބޭނުންވާނޭ ކަމެވެ. އެހެން ނޫން ނަމަ ރިޒާވް ނުރައްކާ ހިސާބަކަށް ދާނެ އެވެ. އަންނަ ހުކުރު ދުވަހު ވެރިކަމާ ހަވާލުވުމަށް ފަހު މުއިއްޒަށް ކުރައްވަން ޖެހިވަޑައިގަންނަވާނޭ ކަމަކީ އެ ފައިސާ ހޯއްދެވުމުގެ މަސައްކަތް ފެއްޓެވުމެވެ.
ހުވާކުރެއްވުމަށް ފަހު މަޑު ނުޖެހި ވީހާ ވެސް އަވަހަކަށް ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ އަދި ތުރުކީއަށް އެމަނިކުފާނު ވަޑައިގަތުމަށް ނިންމަވާފައި ވަނީ އެ މަސައްކަތުގައި ކަމަށްވުން ވަރަށް ގާތެވެ.
ކޮމެންޓް (2)
އަސީ
މަކުނުބެ ބުނި ބަކުރު