މީހަކު އޭޓީއެމްއިން ޑޮލަރު ނަގަނީ: ރާއްޖޭގައި ޑޮލަރުގެ ހަމަ އަގު ހަމަޖައްސަނީ ކަޅު ބާޒާރުގައި (ފޮޓޯ/ބީއެމްއެލް)

ޑޮލަރު 18ރ އިން މައްޗަށް؛ އެކި ތަޖުރިބާކާރުން ދައްކަނީ އެކި ސަބަބު

ކަޅު ބާޒާރުގައި މިހާރު ޑޮލަރުގެ އަގު އެހުރީ މި ފަހުން ފެނުނު އެންމެ މަތީ ރޭޓްގައި. ޓޫރިޒަމް ސީޒަންއާ އެކު އަނެއްކާވެސް ތިރިވުމުގެ ފުރުސަތު އެބަ އޮތް
18 ނޮވެމްބަރު 2023
2

ރާއްޖޭގައި ޑޮލަރެއްގެ އަސްލު އަގު ނުވަތަ ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު އެ ހުރީ 18.10-18.90ރ.  ގަ އެވެ. މިއީ މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި ޑޮލަރެއްގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 17ރ. ހިސާބުގައި ހިފެހެއްޓެ އެވެ. 

މިކަމުގެ ތުރާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ވިޔަފާރިވެރިން ބުނާ ގޮތުން މިހެން ވެގެން އުޅެނީ ސަރުކާރުން ޗާޕްކުރާ ރުފިޔާ އިތުރުވުމުންނެވެ. ކުރުކޮށް ބުނާ ނަމަ ޑޮލަރު ފަހާ ދުވާ ރުފިޔާ އިތުރުވީ އެވެ. މިކަމަށް އެއްބަސްވާ އިގްތިސާދީ ދާއިރާގެ ބޭފުޅުން ވެސް އެބަ ތިއްބެވި އެވެ. 

ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މި ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި 8.1 ބިލިއަން ރުފިޔާއަށް ވުރެ ގިނައިން ޕްރިންޓް ކުރުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ އެކްސްޗޭންޖް މާކެޓަށް އަންނަނީ ވަރަށް ބޮޑަށް ކުރަމުންނެވެ. އަދި ހާއްސަ ގޮތެއްގައި އިތުރަށް ޗާޕްކުރާ ފައިސާ ސަރުކާރުން ބޭނުން ކުރަނީ ދުވަހުން ދުވަހަށް ކުރަން ޖެހޭ ހަރަދުތައް ކަމަށްވާ މުސާރަ ދިނުން ފަދަ ކަންކަމަށް ހޭދަކުރަން ކަމަށް ވާތީ އެކަމުން ކުރާ އަސަރު ވަރަށް ބޮޑު ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ. 

ނަމަވެސް އެކަމާ ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު މުޅިން އެއްބަސްވެވަޑައެއް ނުގަންނަވަ އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ޑޮލަރުގެ އަގު މަތިވެގެން މި ވަގުތަށް އުޅެނީ މުޅިން އެހެން ސަބަބަކާ ހެދި އެވެ.

މައްސަލައަކީ ތެޔޮ ބިލްގެ ހޭދަ ބޮޑުވުން

މިނިސްޓަރު ކަމުގައި ހުންނަވައިގެން 'ދައުރު'އަށް މިދިޔަ އަންގާރަދުވަހު ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަމީރު ވަނީ ޑޮލަރުގެ އަގު ބޮޑުވުމާ ފައިސާ ޗާޕްކުރުމާ ގުޅުމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. 

"އެއްވެސް ގޮތަކަށް މިހާރު އަގުބޮޑުވެގެން މި އުޅެނީ އެހެން ވެގެނެއް ނޫން،" އަމީރު ވިދާޅުވި އެވެ. 

އޭނާ ގަބޫލުކުރައްވާ ގޮތުގައި ޑޮލަރުގެ އަގު މިހާރު ކަޅު ބާޒާރުގައި ބޮޑުވެގެން އުޅެނީ އަސާސީ މުދާ އެތެރެކުރަން މީގެ ކުރިން ރާއްޖެއަށް ބޭނުންވާ އަދަދަށް ވުރެ ގިނައިން މިހާރު ޑޮލަރު ބޭނުން ވާތީ އެވެ. ސަބަބަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު މައްޗަށް ދިޔުމުން ތެޔޮ ބިލްތަކަށް ފައިސާ ދައްކަން އިތުރު ޑޮލަރު ބޭނުންވުމެވެ. 

ފިނޭންސް މިނިސްޓަރު އަމީރު 'ދައުރު' އަށް އިންޓަވިއު ދެއްވަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ތަފާސްހިސާބުތަކުން ހެކި ދައްކަވަމުން މިނިސްޓަރު ވިދާޅުވީ 2020 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވްގައި 980 މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ. ޔޫކްރެއިން ހަނގުރާމަ ފެށުމުގެ ކުރިން ތެޔޮ ބިލްތަކަށް މަހަކު ދައްކަން ޖެހެނީ 25 މިލިއަން ޑޮލަރު ކަމަށް ވިޔަސް ހަނގުރާމައާ އެކު އެ އަދަދު މަހަކު 50-60 މިލިއަން ޑޮލަރަށް އިތުރުވި ކަމަށް ވިދާޅުވި އެވެ. އެހެންވެ، އޭނާގެ ވައިގެ މައިގަނޑަކީ، މިހާރު ރާއްޖެއިން ބޭރުވާ ޑޮލަރު އިތުރުވުމެވެ. 

"ހަނގުރާމަ ނައި ނަމަ ދެ ގުނަ ރިޒާވްގައި ހުންނާނެ. ހަނގުރާމަ ނައި ނަމަ ޔޫސަބުލް ރިޒާވްގައި ވެސް 500 މިލިއަން ޑޮލަރު ހުންނާނެ. ވަރަށް ހެލްތީ ރިޒާވް ޕޮޒިޝަނެއް ހުންނާނެ،" އަމީރު ވިދާޅުވި އެވެ.

"މި އުޅެނީ އެހެނެއް ނޫން ވެގެން. ޕީބީއޯ އޯވަޑްރޯކޮށްގެން [ރުފިޔާ ޕްރިންޓްކޮށްގެން] އުފެދޭ އިތުރު ރުފިޔާ ގޮސްފައި އެމްއެމްއޭގެ އޯވަނައިޓް ޑިޕޮސިޓް ފެސިލިޓީގައި ހުންނާނީ. އޭގެ ސަބަބުން އިންފްލޭޝަނަރީ ކުޑަ ޕްރެޝަރެއް ހުއްޓަސް ހުންނާނީ،" އަމީރު ވިދާޅުވި އެވެ.

ރިސޯޓްތަކުގެ ވިކުރާއަށް އަސަރުކުރުން ސަބަބަކަށް

އިގްތިސާދުގައި ޑޮލަރު ދައުރުވާ ވަރު މަދުވެ ޑޮލަރުގެ އަގުތައް މައްޗަށް ހިފާފައި ހުރި އިރު އެކަން މިވަގުތަށް ކުރިމަތިވާ ބޮޑު ސަބަބެއް މިނިސްޓަރު އަމީރު ވަނީ ބަޖެޓް ބަޔާނުގައި ވެސް ފާހަގަކުރައްވައިފަ އެވެ. އެއީ ޔޫރަޕުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މަދުވެ އެކަމުގެ ސަބަބުން ރިސޯޓްތަކުގެ އާމްދަނީއަށް އަސަރު ކުރުމެވެ. 

ޓޫރިޒަމް ދާއިރާގެ ބޭފުޅަކު ވިދާޅުވި ގޮތުގައި ޔޫރަޕުން އަންނަ ޓޫރިސްޓުން މަދުވުމުން އާމްދަނީ ދަށްވަނީ ޔޫރަޕް ޓޫރިސްޓުންނަށް ވުރެ އޭޝިޔާގެ ގައުމުތަކުން އަންނަ ޓޫރިސްޓުން ރިސޯޓްތަކުގައި ކުރާ ހޭދަ މަދުވީމަ އެވެ. މީގެ އިތުރަށް ޔޫރަޕް ޓޫރިސްޓުން މަދުވާ ނަމަ ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރާ ދުވަހުގެ އަދަދު މަދުވެ އެވެ. މިކަމުގެ ސަބަބުން ސީދާ އަދި ނުސީދާ ގޮތުން ބޭރު ފައިސާގެ އާމްދަނީ ލިބޭ މިންވަރު ދަށްވެ އެވެ. 

މަޓާޓޯއިން މިފަހުން ހެދި ދިރާސާއަކުން ވެސް ދެއްކި ގޮތުގައި މި އަހަރު މިހާތަނަށް ވަނީ ޓޫރިޒަމުން 60 މިލިއަން ޑޮލަރު، މިދިޔަ އަހަރާ އަޅާބަލާއިރު މަދުވެފަ އެވެ. ސަބަބަކަށް ވަނީ ރާއްޖޭގެ އޮކިޕެންސީ ރޭޓް އާއި ހޭދަކުރާ ރޭގެ އަދަދު ދަށްވުމެވެ. 

ކުރިއަށް މި އޮތީ ޓޫރިޒަމް ސީޒަން ކަމަށް ވުމުން އަންނަ މަހުން ފެށިގެން ޑޮލަރުގެ އަގު ކޮންމެވެސް ވަރަކަށް ދަށްވުމުގެ ފުރުސަތު އެބަ އޮތެވެ. ނަމަވެސް ޑިސެމްބަރާ އެކު އަންނަ ސްކޫލް ޗުއްޓީއާ އެކު އަނެއްކާވެސް ޑޮލަރަށް އޮންނަ ޑިމާންޑު މަތިވުމުގެ ފުރުސަތު އޮންނާނެ އެވެ. 

އެކަން މުޅިން ހައްލު ވާނީ ރާއްޖެއިން ޑޮލަރު ބޭރުވާ ބޭރުވުމާއި ޑޮލަރު މާރުކުރުމުގެ ބާޒާރު ހަމައަކަށް އަޅުވަން ހަރުކަށި އުސޫލުތަކެއް ގެނެސްގެން ކަމަށް މަރުކަޒީ ބޭންކުން މީގެ ކުރިން ބުނެފައިވެ އެވެ. ނަމަވެސް އިގްތިސާދު މުޅިން ހަމައަކަށް ނޭޅި ލޮޅުންތައް ހުރުމުން އެފަދަ ކުއްލި ފިޔަވަޅުތަކެއް އެޅުން އެމްއެމްއޭއިން އޮތީ މަޑުޖައްސާލައިފަ އެވެ. 

ކޮމެންޓް (2)

ދޮން ބާޒާރު

19 ނޮވެމްބަރު 2023
މަސަލަ ވަރައް ސާފް
0 0

ގަވަރުނަރުނަރު

18 ނޮވެމްބަރު 2023
ހުރިހާވެސް މައްސަލައިކީ އެމްއެމްއޭ ގެ ވެރިންގެ ނާގާބިލުކަން. މާލެތެރޭގައި އެންމެންގެ ލޯކުރިމަތީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަޅުބާޒާރުގައި ބޭނުންގޮތަކަށް ޑޮލަރު ވިއްކަން ދޫކޮށްގެން ތިބީ އެމްއެމްއޭގެ ވެރިންނަށް އޭގެ ނާޖާއިޒު މަންފާ ފޯރާތީ ކަމަށް ބެލެވޭ ވަރަށް އެމްއެމްއޭ އިން މިކަން އޮތީ ދޫކޮށްލާފަ. ޑިޖިޓަލް ކަރަންސީ އާ އޯޕަން ބޭންކިންގ ކަހަލަ ފިއުޗަރިސްޓިކް ކަންކަމާ ނޫޅެ ގައުމަށް ފައިދާވާނެ ކަހަލަ ކަންކަމާ އުޅެންވެއްޖެ ނޫންތޯ؟. ލޯނު އިންޓަރެސްޓަށް ހިތުހުރިވަރެއް ނަގާ ބޭންކުތަކުން އާމުން ފެލަނީ. މަނީޗޭންޖަރުންވެސް ހަމަ އެފަދަ. އެމްއެމްއޭ އަދި އެތަނުގެ ބޯދާ ވިސްނުމުގެ ވެރިން ނިދާފަ.
6 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް