
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު (ފޮޓޯ/މަޖިލިސް)
މާލީ ވަޒީރުގެ އިލްތިމާސްތަކެއް އާ ސަރުކާރަށް
މިއަދުގެ ބަޖެޓް ބަޔާން ފައްޓަވަމުން މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވީ އަންނަ އަހަރަށް އެކުލަވާލާފައިވާ ބަޖެޓަކީ އާ ސަރުކާރުގެ ސިޔާސަތުތަކަށް ފުރުސަތު ދީ، އެ ސަރުކާރަށް ފަސޭހަވާނޭ ގޮތަށް އަދި އިންތިހާބީ ރައީސްގެ އޮފީހުގެ ލަފާގެ މަތިން އެކުލަވާލި ބަޖެޓެއް ކަމަށެވެ. އެއަށް ފަހު އަމީރު ވަނީ އާ ސަރުކާރުން ސަމާލުކަން ދޭންވީ ކަންކަމުގެ މައްޗަށް އާ ސަރުކާރަށް އިލްތިމާސްތަކެއް ކުރައްވައިފަ އެވެ. ބަޖެޓް ބަޔާނުގެ ބޮޑު ބައި މިނިސްޓަރު ހާއްސަކުރެއްވީ އާ ސަރުކާރަށް އިލްތިމާސްތައް ކުރެއްވުމަށެވެ.
އަންނަ ހުކުރު ދުވަހު ވެރިކަމާ ހަވާލުވާ އާ ސަރުކާރުގެ ކިބައިން އަމީރު އެދިވަޑައިގެންނެވީ، ކޮވިޑާ ގުޅިގެން ނަގަން ޖެހުނު ބޮޑެތި ދަރަނިތަކާ އެކު، ބޮޑުވެފައިވާ ދައުލަތުގެ ދަރަނި ކުޑަކޮށް، ދެމެހެއްްޓެނިވި މަގަކަށް ގެންދިއުމަށް މި ސަރުކާރުން ރާވާފައިވާ ސިޔާސަތު އެގޮތުގައި ތަންފީޒުކޮށްދިނުމަށެވެ. އެގޮތުން، އަމީރު އާ ސަރުކާރަށް އިލްތިމާސްކުރެއްވި މައިގަނޑު ކަންތައްތަކަކީ:
-
1-
2026ގެ ނިޔަލަށް ދައުލަތުގެ ސީދާ ދަރަނި، ޖީޑީޕީގެ ނިސްބަތުން %95އަށް ވުރެ ތިރިކުރުން
-
2-
ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން %5އަށް ވުރެ ތިރިކުރުން
-
3-
އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި ދަށަށް ދާނެ މިސްރާބެއްގައި ހިފެހެއްޓުން
-
4-
ރިކަރަންޓް ހަރަދު، ދައުލަތުގެ އާމްދަނީއަށް ވުރެ އިތުރު ނުވާނެ މިންވަރަކަށް ތިރިކޮށް، އެ މިންގަނޑުގައި ހިފަހައްޓައިދިނުމަށް
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ހަތަރު ކަންތައް ހާސިލްކުރުމަށް އާ ސަރުކާރަކުން އެންމެ ބޮޑަށް ސަމާލުކަން ދޭންވީ މިއަދު ހުށަހަޅައި މަޖިލީހުން ފާސްކުރާ ބަޖެޓުން އެގޮތަށް ތަންފީޒުކޮށްދިނުމަށެވެ. ނަމަވެސް، އަމީރު ތަކުރާރު ކުރެއްވީ ބޮޑުވެފައިވާ ދަރަނި ކުޑަކުރަން އާ ސަރުކާރަކުން އަހަންމިއްޔަތުކަން ދިނުމަށެވެ.
"ރާއްޖޭގެ ދަރަނި މެނޭޖްކޮށް ފިސްކަލް ހިރާސްތައް ކުޑަކުރުމަކީ، މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް ރާއްޖޭގެ އިގްތިސާދު ރަނގަޅު މިސްރާބެއްގައި ބެހެއްޓުމުގެ އިތުރުން، ދެން އަތުވެދާނެ އިގްތިސާދީ އަދި މާލީ ކާރިސާއަކަށް ތައްޔާރުވުމުގެ ގޮތުން މި ވަގުތު ކޮންމެހެން ކުރަންޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
"ދެން އަންނަ ސަރުކާރަކުން، މި ޓާގެޓްތައް ހާސިލުކުރުމަށް މަސައްކަތްކުރުމަށް އަޅުގަނޑު ގޮވާލަން."


ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ޓަކައި ދައުލަތުގެ ހަރަދާއި ފައިނޭންސް ހޯދަން ޖެހޭ މިންވަރު ކުޑަކުރަން ޖެހޭއިރު އެކަމަށް ހަރަދު ކުޑަކުރުމާ ގުޅޭ ފިޔަވަޅުތައް ތަންފީޒުކުރަން ޖެހޭ. އާ ސަރުކާރުން ބަޖެޓުގައި ރާވާފައިވާ ގޮތަށް އެ ފިޔަވަޅުތައް ތަންފީޒުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް
ހަރަދުކުޑަކުރުގެ ފިޔަވަޅުތައް އާ ސަރުކާރުގެ ޒިންމާއަށް
އަމީރު ވިދާޅުވީ ދައުލަތުގެ ދަރަނި ދެމެހެއްޓެނިވި ގޮތަކަށް ބެހެއްޓެމަށް އައިއެމްއެފްގެ މާލީ އެހީތެރިކަމާ އެކު މިހާރު އެކުލަވާލާފައިވާ ސިޔާސަތުގައި މައިގަނޑު ގޮތެއްގައި އޮތީ ދެ ކަމެކެވެ. އެއީ ހަރަދު ކުޑަކުރުމާއި ދައުލަތަށް ލިބޭ އާމްދަނީ ޖީޑީޕީގެ %35 އިތުރުކުރުމެވެ.
ޖީއެސްޓީ ބޮޑުކުރުމާއި ކޮތަޅު ޓެކްސް ފަދަ އާ ޓެކްސްތައް ތައާރަފްކޮށްގެން މިހާރު ވެސް ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތައް މި ސަރުކާރުން އަޅާފައިވާ ކަމަށް އަމީރު ފާހަގަ ކުރެއްވި އެވެ.

އަމީރު ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ ދައުރު ހުކުރު ދުވަހު ނިމޭއިރު އަތުން ކައްސާލައިގެން ގޮސްފައި އޮތީ ހަރަދުކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތަކެވެ. އެހެންވެ، މި އަހަރުގެ ބަޖެޓްގައި ވެސް ހިމަނާފައިވާ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އާ ސަރުކާރުން ތަންފީޒުކޮށްދިނުމަށް މިނިސްޓަރު ގޮވާލެއްވި އެވެ. އެގޮތުން، އޭނާ ފާހަގަކުރެއްވި ކަންކަމަކީ:
-
ސަރުކާރުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ހާއްސަކުރެވޭ ގޮތަށް ސަބްސިޑީތައް ބަދަލުކުރުން
-
އާމްދަނީ އާއި ދިރިއުޅުމުގެ ފެންވަރަށް ބަލައި ޓާގެޓްކޮށްގެން ދޭ ޑައިރެކްޓް ސަބްސިޑީއެއް ތައާރަފުކުރުން
-
އާސަންދަ ނިޒާމުގެ ތެރެއިން ހޯދާ ހިދުމަތްތައް ވެސް ޓާގެޓިން ނިޒާމާ ގުޅުވާލައި ކަވަރޭޖަށް ބަދަލުތަކެއް ގެނައުން
-
ބޭސްފަރުވާކުރުމަށް ވެލްފެއާގެ ގޮތުގައި ސަރުކާރުން އެހީދިނުމަށް ކަނޑައަޅާފައިވާ އުސޫލުތައް މިހާރަށްވުރެ ހަރުދަނާކޮށް ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހިފުމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރަން
"ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި، ދައުލަތުގެ ހަރަދާއި ފައިނޭންސް ހޯދަން ޖެހޭ މިންވަރު ކުޑަކުރަން ޖެހޭއިރު، ހަރަދު ކުޑަކުރުމާ ގުޅޭ ފިޔަވަޅުތައް ތަންފީޒުކުރަން ޖެހޭ،" އަމީރު ވިދާޅުވި އެވެ.
"ފިސްކަލް ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް މި ފިޔަވަޅުތައް، ބަޖެޓުގައި ރާވާފައިވާ ގޮތަށް ތަންފީޒުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް."
2026އަށް ދުރާލާ ތައްޔާރުވޭ
މި ސަރުކާރުން ދަރަނި ނެގީ އެހެން ގައުމުތަކަށް ޖެހުނު ހާލު ނުޖެހި އިގްތިސާދަށް ދިރުން ގެންނަކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ، އޭގެ ނޭދެވޭ އަސަރަކީ ދައުލަތުގެ ދަރަނި ބޮޑުވެ އެކަމުގެ ނުރައްކާ ރާއްޖޭގެ މާލީ ހާލަތަށް ބޮޑުވެފައިވުން ކަމަށެވެ. އަދި އެއީ ކުރިން ވެސް އެނގިފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ނުރައްކާތަކުން ސަލާމަތްވުމަށް މާލީ ސިޔާސަތު ރޭވިފައިވާ ގޮތަށް މެދު ރާސްތާގައި ވެސް ކުރިއަށް ގެންދަންޖެހުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަމީރު ވިދާޅުވި ގޮތުގައި، ދުރާލާ 2026އަށް ތައްޔާރުވާން ޖެހެ އެވެ. އެއީ 1 ބިލިއަން ޑޮލަރު ދަރަނީގެ ގޮތުގައި ރާއްޖެއިން ދައްކަން ޖެހޭ އަހަރެވެ.
އަމީރު ވިދާޅުވީ އެ އަހަރަށް ތައްޔާރުވާން މި ސަރުކާރުން ވަރަށް ހަރުދަނާ ކަންކަން ރާވާފައި ހުރި ކަމަށެވެ. އެ ކަންކަން އާ ސަރުކާރުން ވެސް ސަމާލުކަން ދީގެން ތަންފީޒުކޮށް ދިނުމަށް ގޮވާލެއްވި އެވެ. އެގޮތުން، ހުރި ކަންތައްތަކަކީ:
-
ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމަށް މަސައްކަތްކުރުން؛ އެ ކަން ކުރެވިއްޖެ ނަމަ، 2026ގައި އަދާކުރަން ޖެހޭ ދަރަނި އަދާކުރުމަށް ނުވަތަ ރީފައިނޭންސްކުރުމަށް ދައުލަތުގެ ގާބިލްކަން އޭރު ހުންނާނެ
-
ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުންނަ ފައިސާ އިތުރުކުރުމުގެ މަސައްކަތް ވެސް ހިމެނޭ؛ ސޮވަރިން ފަންޑު 9 ބިލިއަން ރުފިޔާއަށް ގެންދަން ޖެހޭ
"ދެން ކުރިއަށް ދިއުމުގައި ޑެފިސިޓް ކުޑަނުކޮށް ކުރިއަށް ދެވޭނެ މަގު ހަނި ކަމުގައި ދެކެން،" އާ ސަރުކާރަށް ކުރެއްވި އިލްތިމާސްތައް ނިއްމާލައްވަމުން އަމީރު ވިދާޅުވި އެވެ.
ކޮމެންޓް