އޮގަސްޓު 20، 2023: ވެލާނާ އިންޓަނަނޭޝަނަލް އެއާޕޯޓުގެ އާ އިންޓަނޭޝަނަލް ޓާމިނަލް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
އާ ޓާމިނަލާ ގުޅުން ހުރި ގިނަ މަސައްކަތްތަކެއް ހުރީ ހަވާލުނުކޮށް: މުއިއްޒު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ބޭނުން ކުރަން ފަށަން ބޭނުންވާ ގިނަ މަސައްކަތްތައް ނިންމަން ހަވާލުކޮށްފައި ނުވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ މައި ވައިގެ ބަނދަރު ތަރައްގީ ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި މަޝްރޫގައި ހިމެނޭ އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް އިންތިހާބީ ރައީސް މުއިއްޒު މިއަދު ވަނީ އެއާޕޯޓަށް ވަޑައިގެންފަ އެވެ.
އެނގުން މުހިިއްމު - ސަރުކާރާ ހަވާލުވުމަށް ފަހު އެންމެ އިސްކަމެއް ދެއްވާނީ އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއު ނިންމުމަށް ކަމަށް މުއިއްޒު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
އާ ޓާމިނަލްގެ މަސައްކަތް ކުރަނީ ސައުދީ އަރަބިއާގެ ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެންނެވެ. އެ ކުންފުންޏާ 2016 ވަނަ އަހަރު ހަވާލު ކުރި އެ މަޝްރޫއުގެ ދަށުން އެ ކުންފުނިން ކުރަންޖެހޭ މަސައްކަތުގެ %54 ނިމިފައިވާ ކަމަށް ސައުދީ ބިންލާދިން ގްރޫޕާ ހަވަލާދީ މުއިއްޒު މިއަދު ވިދާޅުވި އެވެ.
ބުނީ ކީކޭ؟ -"އެބޭފުޅުންގެ ސްކޯޕްގެ %54 މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށް އެބޭފުޅުން ވިދާޅުވޭ. އޭގެ ނިޝާންތައް އެބަ ފެނޭ. އެހެން ނަމަވެސް އެބޭފުޅުންގެ ސްކޯޕު ނިންމަން އަދި އެބައޮތް ޝެޑިއުލްގައި 2025ގެ މެދަކާ ހަމައަށް. އަޅުގަނޑު ބޭނުންވަނީ 2024ގެ އޮކްޓޯބަރު މަހަށް އެބޭފުޅުންގެ ސްކޯޕް ނިންމަން،"
ޓާމިނަލްގެ މަސައްކަތް ބައްލަވާލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ޝެޑިއުލަށް ވުރެ ކުރިން މަސައްކަތް ނިންމަން އަމާޒު ހިފި ނަމަވެސް ބިންލާދިން ގްރޫޕުގެ މަސައްކަތުގެ ތެރޭ ނުހިމެނޭ މުހިއްމު މަސައްކަތްތައް އެބަހުރި ކަމަށެވެ.
"އެ މަސައްކަތްތަކާ ނުލާ ބިންލާދިން ގްރޫޕުގެ ސްކޯޕް ނިމުނަސް ތަން ބޭނުން ނުކުރެވޭ މަސައްކަތްތައް އެބަހުރި. އެކަންކަން ފާހަގަވެއްޖެ. މިސާލަކަށް މި ހުރިހާ އޮޕަރޭޝަނަކާ ގުޅުވައިދޭ ސާވިސް ރޯޑް. މަގު ހަދާކަށް ނެތް ހަވާލުކޮށްފައެއް. އެވެސް އެންމެ މުހިއްމު އެއް މަޝްރޫއު،"
އެ މަގު ހަދަން ގާތްގަނޑަށް 10 ވަރަކަށް މަސް ހޭދަވާނެ ކަމަށާއި އެންމެ އިސްކަންދީގެން ކުރައްވާނެ އެއް މަސައްކަތަކީ އެއީ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މިހާރުން މިހާރަށް ހަވާލުކުރެވިގެން ނޫނީ މިދެންނެވި ތާރީހަށް މިތަން ނިންމައި އޮޕަރޭޝަނަށް ގެންނަ ނަމަ، އެތަނެއް ނުނިމޭނެ،"
އިންޓަނޭޝަނަލް ޓާމިނަލްގެ ޑިއުޓީ ފްރީ ސަރަހައްދު ތަރައްގީ ކުރަން ވެސް ބަޔަކާ ހަވާލުކޮށްފައި ނުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މި ޕްރޮޖެކްޓުގައި ނެތް ޑިއުޓީ ފްރީ ނިންމަން ހަވާލުކޮށްފައެއް. ހަމައެކަނި ބޭސިކް ފިނިޝިންއެއް އޮތީ. ޑިއުޓީ ފްރީ އޮޕަރޭޝަނަށް ނުގެނެސް މި އެއާޕޯޓުގެ ފުރިހަމަ ކަމެއް ނުލިބޭނެ،" އާމްދަނީގެ ބޮޑުބަޔެއް ލިބެނީ ޑިއުޓީ ފްރީގައި ހިންގާ ފިހާރަތަކުންކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވި އެވެ.
"ޑިއުޓީ ފްރީ ނިންމަން ބަޔަކާ ހަވާލުކުރަން ވެސް އަޅުގަނޑުމެން ސަމާލުކަން ދޭނަން،"
މީގެ އިތުރުން މުއިއްޒު ވިދާޅުވީ އާ ޓާމިނަލް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށް އެއާޕޯޓުގެ އޭޕްރަން ވެސް ބޮޑުކުރަން ޖެހޭ ކަމަށެވެ. އެ މަސައްކަތް ވެސް މަސައްކަތުގެ ސްކޯޕްގައި ނުހިމެނޭ ކަމަށާއި ޓާމިނަލްގައިި ހުންނަ ފަތުރުވެރިންނަށް ހިދުމަތްދޭ ބޫތުތައް ހުންނަ ސަރަހައްދު ނިންމަން ވެސް ހަވާލުކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމާ އޭޕްރަން އެކްސްޓެންޝަން ބަޔަކާ ހަވާލު ކުރަން ޖެހޭ. މިދެންނެވި އޭރިޔާ ނިންމަން ހަވާލު ކުރަން ޖެހޭ. މި ހުރިހާ ކަމެއް ހިމެނޭހެން އިރާދަކުރެއްވިއްޔާ ޕެރަރަލީ [އެކުއެކީ] މަސައްކަތް ކުރެވޭ ގޮތެއް ހަމަޖައްސައި މިކަމަށް ބޭނުންވާ ފަންޑިންއަށް އެއްޗެއް މަދުވާ ނަމަ އެކަން ވެސް ހަމަޖެއްސުމާ އެކީގައި ވަރަށް ޔަގީންކަން އެބައޮތް ގުޅިގެން ކުރެވޭ މަސައްކަތުގެ ތެރެއިން އެންމެ އިސްކަންދީގެން މި ޓާގެޓު ހާސިލް ކުރެވޭނެ ކަމަށް،"
މުއިއްޒު ވިދާޅުވީ އެއާޕޯޓުގެ ފުރިހަމަ ބޭނުން ކުރުމަށް އިތުރަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށެވެ.
"ޖެޓް ސާވިސްއަށް އެބަ ޖެހޭ ޖެޓް ޓާމިނަލެއް ވެސް ހެދިގެން ދާން. ލޭންޑް ސައިޑްގެ ޓްރާންސްޕޯޓް ޕާކިންއަށް ޕްލޭންޑް ހައްލެއް ގެންނަން އެބަޖެހޭ،" އެއާޕޯޓުގެ މަޝްރޫއު ނިންމަން ގިނަ މަސައްކަތްތަކެއް އަދި ވެސް އެބަހުރި ކަމަށް އިންތިހާބީ ރައީސް ވިދާޅުވި އެވެ.
އިންތިހާބީ ރައީސް ވިދާޅުވީ އެ މަޝްރޫއު ނިންމަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށާއި އެކަމަށްޓަކައި ދުވަހުން ދުވަހަށް ނިންމަން ޖެހޭ ނިންމުންތައް ވެސް ނިންމާނެ ކަމަށެވެ.
އެކަމަށް ބޭނުންވާ ފައިސާ އާ ގުޅޭ ގޮތުން މުއިއްޒު ވިދާޅުވީ އެއާޕޯޓް މަޝްރޫއަށް އަބޫދާބީން 80 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށާއި އެއީ އެމަނިކުފާނު އަބޫދާބީ ޑިވެލޮޕްމެންޓް ފަންޑާ އެކު ކުރެއްވި މަޝްވަރާތަކުން ލިބުނު ފައިސާ ކަމަށެވެ.
-
އޭގެ ކުރިން ސައުދީ އިން ވަނީ 100 މިލިއަން ޑޮލަރު ދީފައި
-
އިތުރަށް ފައިސާ ބޭނުން ނަމަ ޕްރޮޖެކްޓަށް އެހީދޭ ފަރާތްތަކުން ތިބީ ތައްޔާރަށް ކަމަށް މުއިއްޒު ވިދާޅުވި
"އަޅުގަނޑު ދޭން އޮތީ ވަރަށް އުއްމީދީ ޖަވާބެއް. ވަރަށް އުއްމީދުން ފުރިގެންވާ ޔަގީންކަމެއް. އިގްތިސޯދު ނަގާ ކޮޅަށް ޖެހުމުގައި މި މަޝްރޫއަކީ އަޅުގަނޑުމެން މި ދެންނެވި ޓާގެޓުގައި ނިންމަން ކުރަންޖެހޭ ހުރިހާ ކަމެއްކޮށް ކާމިޔާބު ކުރާ މަޝްރޫއަކަށް ވާނެ."
އެއާޕޯޓްގެ އާ ޓާމިނަލް:
-
ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރީ މެއި 2016ގައި
-
350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ) ހަރަދު ކުރާނެ
-
7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެއް
-
40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު
-
ފްލައިޓަށް އަރަން އެއިރޯ ބްރިޖުތައް ގާއިމް ކުރާނެ