ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ކުރަނީ (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

އިގްތިސޯދު ފުޅާކުރަން 5 އަހަރުތެރޭ ގިނަ މަސައްކަތްތަކެއް ކޮށްފިން: ރައީސް

ރާއްޖެއަށް ގެންނަމުންދާ އިގްތިސޯދީ ބޮޑުބަދަލު ފުރިހަމަ ވުމުން 2028 ވަނަ އަހަރާ ހަމައަށްދާ އިރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެތައް ގުނައަކުން އިތުރުވާނެ ކަމަށް ރައީސް ވިދާޅުވި

ރާއްޖޭގެ އިގްތިސޯދު ފުޅާ ކުރުމަށް މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭ ގިނަ މަސައްކަތްތަކެއް ކުރެވި، ގިނަ މަޝްރޫއުތަކެއް ފައްޓަވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. 

ވީ ކިހިނެއް؟ - ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ރައީސް ސޯލިހު ދެއްވި ހިތޯބުގައި އެމަނިކުފާނު ވަނީ ފާއިތުވި ފަސް އަހަރު ތެރޭ އިގްތިސޯދީ ގޮތުން ކުރިއަށް ގެންދިޔަ މަޝްރޫއުތަކަށް އަލިއަޅުވާލައްވައި، ވާހަކަފުޅު ދައްކަވައިފަ އެވެ.

ބުނީ ކީކޭ؟ - އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު އަމިއްލަ ފައިމަތީގައި ހިފެހެއްޓުމަކީ ދިވެހިންގެ އަމިއްލަވަންތަކަން ޖީލުތަކަށް ވާރުތަ ކުރުމުގެ އަސާސް ކަމަށާއި އަމިއްލަ ފުދުންތެރިކަން ނެތި އަމިއްލަ ވަންތަކަމެއް ނުދެމެހެއްޓޭނެ ކަމަށެވެ.

ރައީސް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ފަށާފައިވާ މަސައްކަތަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވައިފަ އެވެ.

އެގޮތުން ވިދާޅުވީ އެ މަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގަތް އިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން އަޅާފައިވަނީ އާ ޓާމިނަލުގެ ބިންގާ ކަމަށާއި އެ ޓާމިނަލުން ފުރިހަމަ ހިދުމަތް ދިނުމަށް ޑިޒައިނަށް ބަދަލު ގެނެސް އެ ޓާމިނަލަށް ކޮންމެހެން ގެންނަން ޖެހޭ ބަދަލުތައް މި ސަރުކާރުން ގެނައި ކަމަށެވެ.

"މަޝްރޫއު ކުރިއަށް ގެންދަން ހޯދަންޖެހުނު ފައިސާ އަޅުގަނޑުމެން ހޯދިން. އެގެނެވުނު ބަދަލުތަކާ އެކު، ނިމެމުން އެދާ ހިތްގައިމު ޓާމިނަލްގެ ހަގީީގީ ސިފަ ހުޅުލޭގެ މަލައިން އެހުރީ ފެންނަން. ނިމޭއިރު އެ ޓާމިނަލް ވެގެންދާނީ މި ސަރަހައްދުގެ އެންމެ ހިތްގައިމު އެއް ޓާމިނަލްއަށް،" ރައީސް ވިދާޅުވި އެވެ.

ހަނިމާދޫގައި ތަރައްގީކުރާ ބައިނަލްއަގުވާމީ އެއާޕޯޓުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާ ކަމަށާއި އައްޑޫގެ އިގްތިސޯދީ ތަރައްގީގެ މައި ނާރެސް ކަމަށްވާ، ގަން އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ވެސް ކުރިއަށް ދާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

 އައްޑޫގެ މުސްތަގުބަލަށް ބޭނުންވާ ބިން މިދައުރުގައި އިތުރުކޮށްފައިވާ ކަމަށާއި އިގްތިސޯދީ އިތުރު ފުރުސަތުތައް އައްޑުއަށް ހޯދައިދިނުމަށް ތިން ރަށް އިތުރުކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސް ސޯލިހުގެ ސަރުކާރުގައި ކުރެވުނު މަސައްކަތްތަކާ ބެހޭ ގޮތުން އެމަނިކުފާނު ވިދާޅުވީ، މައުނަވީ ގޮތެއްގައި، ދެމެހެއްޓެނިވި މަސްވެރި ސިނާއަތެއް ކުރިއެރުވުމަށް މީގެކުރިން ދެވިފައި އޮތް ސަމާލުކަން ކުޑަ ނަމަވެސް، މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އެ ސިނާއަތް ކުރިއެރުވުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ކަމަށެވެ.

"ބާނާ މަހަށް އެކުވި އަގެއް ލިއްބައިދެވޭނެ ވެލިއުއެޑެޑް އުފެއްދުންތަކެއްގެ ގޮތުގައި މަސް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ކަންކަން އެދަނީ ނިމެމުން. އަޅުގަނޑުމެން މަސައްކަތްކޮށްފައިވާނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ، މަސްވެރިންނަށް ލިބޭ ނަފާ އިތުރުކުރެވޭނެ ގޮތްތައް ހޯދައިދިނުމަށް." ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް ގެންނަމުންދާ އިގްތިސޯދީ ބޮޑުބަދަލު ފުރިހަމަ ވުމުން 2028 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެތައް ގުނައަކުން އިތުރުވާނެ ކަމަށެވެ. އެއީ ދައުލަތުގެ އާމްދަނީ ދެގުނަ ކުރެވޭނެ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް