މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުން (ފޮޓޯ/މަޖިލިސް)
އޮޑިޓް އޮފީހުން އަންނަ އަހަރަށް އެދުނީ 123 މިލިއަންގެ ބަޖެޓެއް
އޮޑިޓާ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް ލަފާކޮށް 123 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްްދިނުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް މިއަދު ހުށަހެޅި ބަޖެޓުގައި އެ އިދާރާގެ މުވައްޒަފުންނަށް ޑިޕެންޑެންޓު އެލަވެންސެއްގެ ގޮތުގައި އެލަވެންސެއް ދޭން ހިމަނާފައިވެ އެވެ.
އެނގުން މުހިއްމު - އޮޑިޓް އޮފީހަށް މި އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކޮށްދިނީ 93.4 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް، އަހަރުގެ މިހާތަނަށް އެއަށް ވުރެ 7 މިލިއަން ރުފިޔާ އިތުރަށް، ޖުމްލަ 100.7 މިލިއަން ރުފިޔާ އޮޑިޓް އޮފީހުން ވަނީ ހަރަދުކޮށްފަ އެވެ.
-
ބަޖެޓަށް ވުރެ އިތުރަށް ހޭދަވީ އޮފީސް ބަދަލު ކުރަން ޖެހުމުން ކުރަން ޖެހޭ ހޭދަ އިތުރުވުމުން
ތަފްސީލް - ބަޖެޓުގެ ތަފްސީލް ހުށަހަޅަމުން މިއަދުގެ ކޮމެޓީގެ ޖަލްސާގައި އޮޑިޓް އޮފީހުން ބުނީ މުވައްޒަފުންނަށް ޑިޕެންޑެންޓް އެލަވެންސެއްގެ ގޮތުގައި އިތުރު އެލަވެންސެއް ދީ، މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް ދިނުމަށް 56 މިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ.
-
އަލަށް ހަތް މުވައްޒަފުން ވައްދަން ބޭނުންވޭ
-
އިތުރު އިނާޔަތެއް ތައާރަފު ކުރަނީ މުވައްޒަފުން ރިޓެއިން ކުރުމަށް؛ ފާއިތުވި އަހަރުތަކުގެ ތެރޭގައި 35 މުވައްޒަފުން ކެނޑިގެން ގޮސްފައިވޭ
-
މުވައްޒަފުން ކެނޑޭ މައިގަނޑު ސަބަބަކީ ރަނގަޅު މުސާރަތައް އެހެން މުއައްސަސާތަކާއި އޮފީސްތަކުން ހުށަހެޅުން
-
މުވައްޒަފުން ކެނޑިގެންދިއުމުން އެ މަގާމުތަކަށް އާ މުވައްޒަފުން ތަމްރީނު ކުރަން ދުވަސް ނަގާ
އޮޑިޓް އޮފީހުން ހުށަހެޅި ބަޖެޓުގެ ތަފްސީލް:
-
އޮޑިޓާ ޖެނެރަލްގެ މުސާރަ އާއި އިނާޔަތްތައް: 795،000ރ.
-
މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް: 55.4 މިލިއަން ރުފިޔާ
-
ޕެންޝަން އަދި ރިޓަޔާ ކުރާ މުވައްޒަފުންނަށް ދޭ ފައިސާ: 1.2 މިލިއަން ރުފިޔާ
-
މުވައްޒަފުން ތަމްރީނު ކުރުމަށް: 1.1 މިލިއަން ރުފިޔާ
-
ދަތުރު ހަރަދު: 5.7 މިލިއަން ރުފިޔާ
-
އޮފީހުގެ އިދާރީ ހަރަދު: 21 މިލިއަން ރުފިޔާ
-
ހުޅުމާލޭގައި ހަދާ އާ އޮފީސް އިމާރާތް (ޕީއެސްއައިޕީ): 30 މިލިއަން ރުފިޔާ
ބުނީ ކީކޭ؟ - މިއަދުގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ އެ މުއައްސަސާގެ މުސާރަތައް އަދި ފިނޭންސް މިނިސްޓްރީއަށް ހުށަނާޅާ ކަމަށާއި އެ އިދާރާގެ އެދުމަކީ މަޖިލީހުން އޮޑިޓު އޮފީހުގެ ބަޖެޓު ފާސްކުރާއިރު މުސާރަ ހިމަނައިގެން ބަޖެޓު ފާސްކޮށް ޕޭ ކޮމިޝަނުން މުސާރަ ފާސް ކުރުން ކަމަށެވެ.
"މުސާރަތައް ހަގީގަތުގައި ހަމަޖެހިގެން ދިޔައީ އެންމެ ފުރަތަމަ އޮޑިޓަ ޖެނެރަލަކަށް އިބްރާހިމް ނައީމް ހޮވުނު އިރު 2008 ވަނަ އަހަރު. އޭގެ ފަހުން އަޅުގަނޑުމެންގެ މުސާރައަށް ބަދަލެއް ނެތް ގެނެވިފައެއް. ވަރަށް ކުދިކުދި އިންކްރިމެންޓު ގެނެވިފައި އެބަހުރި އެކި ދުވަސްވަރު މަތިން، 1،500ރ.، 2،000ރ އިން. ދެ އަހަރުން ތިން އަހަރުން،" އޭނާ ވިދާޅުވި އެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން އޮޑިޓު އޮފީހުގެ މުވައްޒަފުން އެ ތަނުން ކެނޑިގެން، ރަނގަޅު މުސާރަ ލިބޭ ތަންތަނަށް ބަދަލުވާކަން އޮޑިޓާ ޖެނެރަލް ފާހަގަކުރެއްވި އެވެ.
އޮޑިޓާ ޖެނެރަލް ވިދާޅުވީ:
-
އެ ތަނުގެ ޑިރެކްޓަރުންނަށް ދެނީ މަހަކަށް 30،000ރ.ގެ މުސާރައެއް؛ އެ ޑިރެކްޓަރުންގެ ޕޯޓްފޯލިއޯގައި 50-60 އޮޑިޓް ނިންމަން ޖެހޭ
-
އެސްއޯއީތަކުގެ އިންޓާނަލް އޮޑިޓަށް 40،000-45،000ރ. ހުށަހަޅާ؛ އެފަދަ ސަބަބުތަކާ ހުރެ ތަނުގައި ތިބި ތަޖުރިބާ ހުރި މުވައްޒަފުން ކެނޑިގެން ގޮސްފައިވޭ
-
އަލަށް އެލަވެންސެއް އިތުރު ކުރަނީ ދާއިރާގެ އެހެން މަސައްކަތްތެރިންނާ މުސާރަ ހަމަކުރުމަށް