ވ. ފޮއްތެޔޮފަޅު: މި ފަޅުން 400 ހެކްޓަރު ހިއްކައިގެން ރިސޯޓެއް ތަރައްގީކުރަން ވަނީ ނިންމާފައި.
ވާވު މެގަ ޕްރޮޖެކްޓު: ފޮއްތެޔޮފަޅުން 400 ހެކްޓަރު ހިއްކައި ރިސޯޓެއް ހަދަނީ
ޓޫރިޒަމް ދާއިރާގައި ދެން ހިންގާނެ އެންމެ ބިޔަ މަޝްރޫއުގެ ގޮތުގައި، ވ. އަތޮޅުގައި ހިންގަން ސަރުކާރުން އިއުލާންކޮށްފައިވާ މަޝްރޫއަކީ އެ އަތޮޅުގައި އޮންނަ ފޮއްތެޔޮފަޅުން 400 ހެކްޓަރު ސަރަހައްދެއް ހިއްކައި ރިސޯޓެއް ތަރައްގީ ކުރުން ކަމަށް ވ. އަތޮޅު ކައުންސިލުން ބުނެފި އެވެ.
ވީ ކިހިނެއް؟ - ރިޔާސީ ކެމްޕޭންގައި އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ވ. އަތޮޅަށް ވަޑައިގެން، ދެން ހިންގާ ޓޫރިޒަމްގެ އެންމެ ބޮޑު މަޝްރޫއު ވ. އަތޮޅުގައި ހިންގާނެ ކަމަށް އިއުލާން ކުރައްވާފަ އެވެ. އެކަމަކު މަޝްރޫއުގެ ތަފްސީލެއް ނުދެއްވަ އެވެ.
އޭގެ ބަދަލުގައި ރައީސް ވިދާޅުވީ:
-
ރާއްޖޭގައި ދެން ހިންގާނެ އެންމެ ބޮޑު ޓޫރިޒަމްގެ މަޝްރޫއު ހިންގުމަށް ބަޔަކާ އެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށް
-
އެ މަޝްރޫއާ އެކު، ވ. އަތޮޅަށް ވައިގެ މަގުން ދަތުރުކުރެވޭނޭ ގޮތަށް އެއާޕޯޓް ވެސް އަޅާނެ ކަމަށް
"އޭގެ ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެވި ދެން އަޅުގަނޑުމެން މާދަމާ [މިއަދު] މާލެ ގޮސް އިކޮނޮމިކް ކައުންސިލްގައި ދެން އޮންނާނީ އޭގެ ދެން ހުރި ކަންކަން ނިންމުން. އެއަށް ފަހު އޮންނާނީ އަމަލީ މަސައްކަތް ފެށުން. ކުރެހުންތައް ނިންމުން. އެ މަޝްރޫއާ އެކު ތިބޭފުޅުން އެދޭ ގޮތަށް ވައިގެ މަގުން މި އަތޮޅު ވެސް ގުޅިގެން ދާނެ،" ވ. ކެޔޮދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިއްޔެ ރައީސް ވިދާޅުވި އެވެ.
ތަފްސީލް - މަޝްރޫއުގެ ތަފްސީލު ސަރުކާރުން ހާމަނުކުރި ނަމަވެސް، ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވަނީ އެ މަޝްރޫއާ ގުޅޭ މުހިއްމު ކަންކަން އާއްމު ކުރައްވާފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި:
-
އެ ޕްރޮޖެކްޓުގެ ދަށުން، ވ. ފޮއްތެޔޮފަޅުން 400 ހެކްޓަރު ސަރަހައްދެއް ހިއްކައި ރިސޯޓެއް ތަރައްގީ ކުރާނެ
-
މިއީ ވ. އަތޮޅުގެ އިރުމަތީ ބިތް، ގާތްގަނޑަކަށް އެއްކޮށް ހިމެނޭ ފަޅެއް
-
އެ އަތޮޅު މީހުން އެ ފަޅަށް މުހާތަބު ކުރަނީ 'ހިނގާކުޅި ފިނޮޅު'ގެ ނަމުން
'ގުދުރަތީ މުހިއްމު ސަރަހައްދެއް ހަލާކުކޮށްލަނީ'
ސަރުކާރުގެ މި ޕްރޮޖެކްޓާ މެދު މާ ކުރިން ވެސް ވ. އަތޮޅުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެ މީހުން ދެކޭ ގޮތުގައި މި މަޝްރޫއުގެ ސަބަބުން ގުދުރަތީ މުހިއްމު ސަރަހައްދެއް ނެތި ދިޔުމުގެ ބިރު އެބަ އޮތެވެ.
ކައުންސިލްގެ ރައީސް ޝުޖާއު މިއަދު ވަނީ، މި މަޝްރޫއާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީއަށް މީގެ ދޮޅު މަސް ކުރިން ފޮނުއްވި ސިޓީއެއް ޓްވިޓާގައި އާއްމު ކުރައްވާފަ އެވެ. އެއީ ކްރޮސް ސަބްސިޑީގެ އުސޫލުން، ފޮއްތެޔޮފަޅު ހިއްކައި ރިސޯޓު ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ މެދު، ކައުންސިލުން ދެކޭ ގޮތެއް ސާފުކުރުމަށް ބައްދަލުވުމެއް އިންތިޒާމުކުރުމަށް މިނިސްޓްރީން ފޮނުވާފައިވާ އެންގުމަކާ ހަވާލާދީ ފޮނުއްވާފައިވާ ސިޓީ އެވެ.
ތިއީ ގާނޫނާ ހިލާފަށް ހިންގަވާ ޑީލެއް. ވާވު އަތޮޅު ވިއްކުން ހުއްޓުވަން ޖެހޭ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް އެޑްރެސްކުރައްވައި މިދިޔަ 30 މެއިގައި ފޮނުއްވި ސިޓީގައި ޝުޖާއު ވިދާޅުވީ:
-
ހިއްކުމަށް ނިންމާފައިވާ ފަޅަކީ، ވ. އަތޮޅުގައި ތިމާވެށީގެ ގޮތުން ހާއްސަ ސަރަހައްދެއްގެ ގޮތުގައި ބެލެހެއްޓުމަށް ކައުންސިލާއި އެންވަރަމެންޓް މިނިސްޓްރީން ކަނޑައަޅާފައިވާ ސަރަހައްދެއް
-
އެއީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށް ކަނޑައަޅައި ނިންމުމަށް 10 ޖެނުއަރީގައި ވ. އަތޮޅު ކައުންސިލުން ވަނީ ގަރާރެއް ފާސްކޮށްފައި
-
ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމާ ބެހޭ ގަވައިދުގެ ދަށުން އެކުލަވާލައި 'ހިމާޔަތްކޮށް ރައްކާތެރިކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމާ ބެހޭ މެނޭޖްމެންޓް ޕްލޭން' އެކުލަވާލުމުގެ މަސައްކަތް ވެސް ކޮށްފައިވާ ސަރަހައްދެއް
-
އެ ސަރަހައްދު ގިންތިކޮށްފައިވަނީ ވެސް ގުދުރަތީ ގޮތުން ދެމެހެއްޓެނިވި ބޭނުންތައް ހިފޭނެ ސަރަހައްދެއްގެ ގޮތުގައި؛ މަގްސަދަކީ އެއީ ރާއްޖޭގައި ހިމެނޭ ގުދުރަތީ ގޮތުން އެންމެ މުއްސަނދި އަދި ހާއްސަ ސިފަތަކެއް ލިބިފައިވާ އެއް ފަޅަށް ވުމުން، އެ ސަރަހައްދާއި ވަށައިގެންވާ މާހައުލުގެ ދިރުންތަކުގެ މުހިއްމުކަމާއި ގުދުރަތީ ވަސީލަތްތައް މެނޭޖްކޮށް، ރައްކާތެރިކުރުމަށް ކަނޑައެޅޭ ސަރަހައްދެއްގެ ގޮތުގައި ބެލެހެއްޓުން
ޝުޖާއު ކުރެއްވި ޓުވީޓްގައި އޭނާ ވަނީ އެ މަޝްރޫއާ ދެކޮޅަށް ވާހަކަދައްކަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުން ހިންގާ "މެގަ ޕްރޮޖެކްޓަ"ކީ ވާވު އަތޮޅުގެ އިރުމަތީ ބިތް އެއްކޮށް "ވިއްކާލުމުގެ ޖަރީމާ ޕްރޮޖެކްޓެ"ކެވެ.
"ތިއީ ގާނޫނާ ހިލާފަށް ހިންގަވާ ޑީލެއް. ވާވު އަތޮޅު ވިއްކުން ހުއްޓުވަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
Vaav Atolhuga kuriyah gendhiyumah @ibusolih iulaan kurehvvi "mega project" akee Vaav Atolhuge "irumathee bih" ehkoh vihkkaalumuge "jareemaa" project. Thee Gaanoonaa hilaafah hingavaa "deal" eh. Vaav atolhu vikkun huttuvaan jehey @mvpeoplesmajlis @ACC_Maldives @MohamedNasheed pic.twitter.com/sBJaYihuap
— Shuja VAAVU RAEES (@Shuj4uAli) July 17, 2023
ފަޅު ހިއްކައި ރިސޯޓު ތަރައްގީކުރުމާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް އެދިފައިވާތީ 25 މެއިގައި ކައުންސިލުން ވަނީ މަޝްވަރާކޮށްފަ އެވެ. އެ ބައްދަލުވުމުގައި ނިންމީ:
-
ރިސޯޓު ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދަކީ ކޮބައިކަން، ބައުންޑަރީ އެނގޭ ގޮތަށް ސާފުކޮށްދިނުމަށް
-
އެ ސަރަހައްދުގައި ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅޭ މައިގަނޑު ވިސްނުން، އަތޮޅު ކައުންސިލާ ހިއްސާކޮށްދިނުމަށް އެދި ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ލިޔުން ފޮނުވައި އެކަމާ ގުޅޭ ސާފު ޖަވާބެއް ލިބި ކައުންސިލުން ގޮތެއް ނިންމަންދެން، އެ ބޭނުމަށް ފަޅު ބޭނުންކުރުން ކައުންސިލުން އިއުތިރާޒް ކުރާ ކަމަށް