ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ސްޓެލްކޯ

ސްޓެލްކޯއާ އެއް ފެންވަރަށް ހިދުމަތް ދެވޭނެ އެހެން ކުންފުންޏެއް ނެތް: ޝަރީފް

ކަރަންޓު ބިލާ ގުޅިގެން ސްޓެލްކޯ އަށް އަމާޒުކުރެވޭ ތުހުމަތުތަކަށް ނިމުން ގެނައުމަކީ އަމާޒެއްކަމަށް ޝަރީފް ވިދާޅުވި

ސްޓެލްކޯ އިން ފޯރުކޮށްދޭ ހިދުމަތްތައް އެ ކުންފުންޏާ އެއްވަރަށް ފޯރުކޮށްދެވޭނެ އެހެން ކުންފުންޏެއް ނެތް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސްޓެލްކޯގެ 26 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ސްޓެލްކޯ އަކީ އެ ކުންފުނިން ދޭ ހިދުމަތުގައި ދެވަނައެއް ނެތް ކުންފުންޏެއް ކަމަށާއި އެކަން ރައްޔިތުން ވެސް ގަބޫލު ކުރާ ކަމަށެވެ.

ބުނީ ކީކޭ؟ - ޝަރީފް ވިދާޅުވީ، ސްޓެލްކޯގެ މުވައްޒަފުންނަކީ ހުނަރުވެރި، ގާބިލް މުވައްޒަފުން ކަމަށާއި ފުރިހަމަ ހިދުމަތެއް ފޯރުކޮށްްދެވެނީ އެ މުވައްޒަފުންގެ މަސައްކަތުން ކަމަށެވެ.

"ސްޓެލްކޯ އިން ދޭ ހިދުމަތާ އެއްވަރު ކުރެވޭނެ ހިދުމަތެއް ދޭނެ ކުންފުންޏެއް އަދި ވުޖޫދަކަށް ނާދޭ،" ޝަރީފް ވިދާޅުވި އެވެ.

ސްޓެލްކޯގެ އަހަރީ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

އެ މުވައްޒަފުން ތައްޔާރުކުރެވުނީ އެތައް އަހަރެއްގެ މަސައްކަތުންކަން ފާހަގަކުރައްވައި ޝަރީފް ވަނީ އެކި ފަހަރު މަތިން ކުންފުނީގެ ވެރިންގެ ގޮތުގައި މަސައްކަތް ކުރެއްވި ފަރާތްތަކަށާއި ކުންފުނީގެ އިިސް ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.

"ކަރަންޓުގެ ހިދުމަތް ދޭން އުފެއްދި މި ކުންފުނި މިހާރު މި ވަނީ އިތުރަށް ފުޅާވެ، ކަރަންޓާއި ފެނާ އަދި ނަރުދަމާގެ ހިދުމަތް ވެސް ދޭ ކުންފުންޏެއްގެ ގޮތުގައި ފާހަގަ ވެފައި،" ކަރަންޓާއި ނަރުދަމާ އަކީ ސްޓެލްކޯއަށް އާ ދެ ހިދުމަތް ނަމަވެސް އެ ދެ ހިދުމަތަށް ވެސް ހުނަރުވެރި، ގާބިލް މުވައްޒަފުން އުފެއްދިއްޖެކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި ވެސް މުވައްޒަފުންނަށް ބޭނުންވާ އިތުރު ތަމްރީނުގެ ފުރުސަތުތައް ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ޝަރީފް ދެއްވި އެވެ.

ކަރަންޓު ބިލާ ގުޅިގެން ސްޓެލްކޯއަށް އަމާޒުކުރެވޭ ތުހުމަތުތަކަށް ނިމުން ގެނައުމަކީ އަމާޒެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހިދުމަތް ހޯއްދަވާ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ ޔަގީން ކުރައްވާ، ސްޓެލްކޯ އިން އަޅުގަނޑުމެން ތިބޭފުޅުން ބޭނުން ނުކުރައްވާ ކަރަންޓަކަށް ބިލެއް ނުކުރާނަން. އަދި މިހާތަނަށް ވެސް ކޮށްފައެއް ނެތް. ކުރިމަގުގައި ވެސް ނުކުރާނެ،" ޝަރީފް ވިދާޅުވި އެވެ.

އެކަމަށް ހައްލު ހޯދުމަށް މި އަހަގރު ތެރޭގައި ގޭގޭގައި ސްމާޓު މީޓަރު ހަރުކުރަން ފަށާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. ސްމާޓް މީޓަރު ހަރުކުރުމުން ކޮންމެ ކަސްޓަމަރަކަށް ވެސް، ކޮންމެ ދުވަހަކު ބޭނުންކުރެވުނު ކަރަންޓުގެ މިންވަރާއި ކޮންމެ މަހަކު ބޭނުން ކުރެވޭ މިންވަރު ވެސް ބެލޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިހާރު ކޮންމެ ގޭބީސީއެއްގައި އާންމު ގޮތެއްގައި އެވްރެޖުކޮށް އެ ގޭބީސީއަކަށް ދާނެ ކަރަންޓުގެ މިންގަނޑު ކަނޑައެޅުމަށް ފަހުގައި، އެ މިންގަނޑަށް ވުރެ މައްޗަށް ދާ މަސްމަހުގައި ކަސްޓަމަރަށް ނޫނީ އެ ބޭނުން ކުރާ ފަރާތަކަށް އޮޓަމެޓިކުން މެސެޖެއް ދާ ގޮތަށް. ތިބޭފުޅާގެ ގޭގައި ކަރަންޓުގެ ބޭނުން ކުރުމުން މިހާ މައްޗަށް ހިނގައްޖެއޭ. މެސެޖެއް ފޮނުވުމުގެ ވަސީލަތްތައް ގާއިމްކުރުމުގެ ވިސްނުން އެބަހުރި،" ޝަރީފް ވިދާޅުވި އެވެ.

ފާހަގަ ކުރެވޭ ކަމެއް - ރޭގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ދިގު މުއްދަތަކަށް ކުންފުންޏަށް ހިދުމަތް ކުރިި މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑު ދީފައިވެ އެވެ.

އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ލަތީފަށް ސްޓެލްކޯގެ އައުޓްސްޓޭންޑިން ސާވިސް އެވޯޑު ރޭ ވަނީ އަރުވައިފަ އެވެ.

admin@stelco.com.mv
3320982

އިތުރު އާޓިކަލް

އިތުރު އާޓިކަލް