ހުޅުމާލޭ ދެވަނަ ފޭހުގައި ހަދާ ކްރޫޒް ޓާމިނަލް އާއި ޔޮޓް މެރީނާ އޮންނާނެ ގޮތް ދައްކުވައިދޭ ވީޑިއޯއިން ނަގާފައިވާ ފޮޓޯއެއް- (ވީޑިއޯ/އެޗުޑީސީ)

ހުޅުމާލެ

ހުޅުމާލެއިން ގޯތި ދޫކުރަން ފޭސް ދޭއްގެ ފަޅު ހިއްކަނީ

މި ބޮޑު ބަދަލާ އެކު ފޭސް ދޭއްގެ ޕްލޭންގައި ކުރިން ހިމެނުނު ކްރޫޒްލައިނާ ޓާމިނަލް އެތަނުގައި ނޭޅޭނެ

ހުޅުމާލެއިން ގޯތި ދޫކުރަން ދެ ވަނަ ފިޔަވަހީގެ ފަޅު ހިއްކަން ނިންމައި، އެކަމުގެ އިދާރީ ތައްޔާރީތައް ވަމުން ދާކަން 'ދައުރު'އަށް އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - ސަރުކާރުން މި ފަހުން ވައުދުވެފައި ވަނީ މާލޭ މީހުންނަށް ހުޅުމާލޭ ދެވަނަ ފޭހުން ހިލޭ ގޯތި ދޭށެވެ. ނަމަވެސް ގޯތި ހޯދަން ހުށައެޅި މީހުންގެ ނިސްބަތުން ފޭސް ދޭކުން ގޯތި ދޭން އޮތް ބިން ކުޑަ އެވެ.

ހުޅުމާލޭ ދޭއް ޕްލޭންކޮށްފައި އޮތީ ބައިނަލްއަގުވާމީ ފެންވަރުގެ ކްރޫޒް ޓާމިނަލެއް ވެސް ހަދާ ގޮތަށެވެ. އެތަން ހަދަނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ހުޅަނގު ފަރާތު ފަޅުގެ ކަނޑު ތޮށި ހިމަނައިގެންނެވެ. ޓާމިނަލް އަޅާނެ ބަޔަކު ހޯދަން އިއުލާންކުރުމުން އޭގެ ތަޖުރިބާ ހުރި ބޮޑެތި ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރިކަމަށް، އާބަންކޯއިން ކުރިން އޮތީ ބުނެފަ އެވެ.

ނަމަވެސް މާސްޓަ ޕްލޭނަށް ބޮޑު ބަދަލެއް ގެނެސްގެން ދެވަނަ ފިޔަވަހީގެ ފަޅު ހިއްކަން ނިންމައި، އެކަމުގެ އަމަލީ މަސައްކަތުގެ ކުރިން އިދާރީ ގޮތުން ކުރަން ހުރި ކަންކަން އާބަންކޯއިން މިހާރު ކުރަމުން އަންނަ ކަމަށް އިތުބާރު ހުރި ފަރާތްތަކުން 'ދައުރު'އަށް ޔަގީންކޮށްދިނެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ހިއްކަނީ ހުޅުމާލޭ ދެ ފޭސް ގުޅުވާލާ ބްރިޖްތައް ހިމެނޭ ޓަނަލް ހުޅަނގު އުތުރުކޮޅަށް ނިމޭ ހިސާބުން، އުތުރަށް އޮތް މުޅި ފަޅެވެ. އޭރުން ފަރުކޮޅުފުށި ވެސް ދާނީ ހިއްކާ ތަނުގެ ތެރެއަށެވެ.

'ދައުރު'އަށް އެނގިފައިވާ ގޮތުގައި ބިން ހިއްކުމުގެ މަސައްކަތް ކުރާނީ ސިނަމާލެ ބުރިޖު ވެސް އެޅި، ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިންނެވެ. 

މިކަމާ ގުޅޭ ގޮތުން އާބަންކޯގެ ޕީއާރު ޓީމުގެ އެކި ބޭފުޅުންނަށް ތަކުރާރުކޮށް ގުޅައި މެސެޖު ކުރުމުން ވެސް އެއްވެސް ޖަވާބެއް ނުދެއްވި އެވެ. އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް ވެސް ފޯނަށް ޖަވާބު ނުދެއްވާތީ އޭނާ ބަހެއް ލިބޭ ގޮތެއް ވެސް ނުވި އެވެ.

އާބަންކޯގެ މައި އޮފީސް: ހުޅުމާލޭ ފޭސް ދޭއްގެ މާސްޓަޕްލޭނަށް ވަރަށް ބޮޑު ބަދަލެއް ވަނީ ގެނެސްފައި (ފޮޓޯ/އެޗްޑީސީ

އެނގުން މުހިންމު - ކްރޫޒް ޓާމިނަލް ހަދާނެ ބަޔަކު ހޯދަން ހުޅުވައިލި ފުރުސަތުގައި މާލީ ގޮތުން ގާބިލް އަދި ދުނިޔޭގެ ފެންވަރުގެ ބައެއް ކުންފުނިތައް ކުރިމަތިލި ކަމަށް، 'ދައުރު'އާ ވާހަކަދައްކަވަމުން އާބަންކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު އޭރު ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވި ގޮތުން ނަމަ އެކަން ކުރާނެ ބަޔަކު ޑިސެމްބަރު 2021ގެ ކުރިން ހޮވޭ ވަރުވާނެ އެވެ.

އޭގެެ މާ ކުރިން، ފޭސް ދޭއްގެ ބިން ހިއްކާ ނިމުމާ އެކު ކުރީގެ ސަރުކާރުގެ ދުވަސްވަރު 2 މާޗު 2016ގައި ވެސް ކްރޫޒް ޓާމިނަލް އަޅާނެ ބަޔަކު ހޯދަން އިއުލާންކުރި އެވެ. ނަމަވެސް އެކަށީގެންވާ ތަރުހީބެއް ނުލިބުނު ކަމަށް ބުނެ 31 މެއި 2016ގައި އެ އިއުލާން ބާތިލުކުރީ އެވެ.

ފަސްމަންޒަރު - ހުޅުމާލޭގެ މާސްޓަ ޕްލޭނަށް ކުއްލި މި ބަދަލު ގެނައުމާ އެކު އުފެދޭނެ އެންމެ ބޮޑު އެއް މައްސަލައަކަށް ވާނީ ހުޅަނގު ފަރާތުން ބޮޑު ފަޅެއް ނެތިދިއުމެވެ. މިހާރު ވެސް ހުޅުމާލެއަކީ ގިނަ އަދަދެއްގެ ސަފާރީ އުޅަނދުފަހަރު އަޅަން ބޭނުންކުރާ ތަނެކެވެ. ސަފާރި އުޅަނދުފަހަރު އަޅާނެ ބަނދަރެއް އެއްވެސް ސަރުކާރަކަށް ހެދިފައެއް ނުވެ އެވެ. 

ދެކުނު ފަރާތު ފަޅާ އެކު ހުޅުމާލެއަށް ލިބޭ ރީތިކަން ވެސް އެހާމެ ބޮޑެވެ.

ކޮމެންޓް (1)

ހާހަހަ

10 މޭ 2023
ތިހެންވިއްޔާ ވިނަރެސް "ސީވިއު" އަކީ ސްކޭމްއެއްތާ
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް