ރެޑްވޭވްގައި ވިއްކާ ބައެއް ބާވަތްތަކުގެ މުދާ. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު

ރޯދަ 2023

ވިޔަފާރިވެރިން ބުނަނީ މި ރޯދަ މަހު ތަކެތީގެ އަގުހެޔޮ ވާނެ ކަމަށް

ރޯދަމަހަށް ޑިމާންޑު ބޮޑުވާ މުދާ މިހާރު ގެނެސްފައި ވާއިރު، ވިޔަފާރިވެރިން ބުނާ ގޮތުގައި ޑޮލަރު ރޭޓު ފިޔަވައި މިދިޔަ އަހަރުތަކުގައި ތަކެތީގެ އަގު ބޮޑުވާން މެދުވެރިވި ސަބަބުތައް މިފަހަރަކު ނެތް

މި އަހަރުގެ ރޯދަމަސް މި ހަފްތާގައި ފަށާއިރު، މިދިޔަ އަހަރުތަކާ ހިލާފަށް މި އަހަރުގެ ރޯދަމަހު ތަކެތީގެ އަގު ބޮޑުނުވެ އެއް ވަރެއްގައި ހިފަހައްޓާލެވޭނެ ކަމަށް، ރާއްޖެއަށް މުދާ އެތެރެކުރާ ބައެއް ބޮޑެތި ކުންފުނިތަކުން ބުނެފި އެވެ.

ވީ ކިހިނެއް؟ - 'ދައުރު'އާ ވާހަކަދެއްކި ކުންފުނިތަކުން ބުނި ގޮތުގައި، ރޯދައަށް ހާއްސަކޮށް ގެންނަން ޖެހޭ މުދާ މިހާރު ވަނީ ގެނެސްފަ އެވެ. މިދިޔަ އަހަރުތަކުގައި ތަކެތީގެ އަގު އުފުލެން މެދުވެރި ސަބަބުތައް މި ފަހަރު ނެތް ކަމަށް އެ ފަރާތްތަކުން ބުންޏެވެ.

މި ފަހަރު އަގުތައް ވީ ހެޔޮ: އެމްއެޗުއޭ

އެމްއެޗުއޭގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި އަހަރު މުދާ ގެނައުމުގައި މާ ބޮޑު ދައްޗެއް ކުރިމައްޗެއް ނުވެ އެވެ.

ރޯދައަށް ހާއްސަކޮށް އެ ކުންފުނިން އާންމުކޮށް ގެންނަނީ ކަދުރާއި ކައްކާ ތެޔޮ ފަދަ ބާވަތްތަކެވެ. އެ ހުރިހާ ބާވަތްތައް ވެސް މިހާރު ވަނީ ގެނެސްފަ އެވެ.

"އަގު އަސްލު ހެޔޮވީ. ކޮމްޕެޓެޓިވް ވީމަ އަންނަ ބަދަލެއް އެއީ. މިކޮޅުން ގެނައި އެއްޗެހީގައި،" އޭނާ ވިދާޅުވި އެވެ.

"ބައެއް އެއްޗެހި އެކަމަކު އަގުބޮޑުވާނެ. ޔޫރަޕުން އަންނަ ގިނަ އެއްޗެހި އަގުބޮޑުވާނީ. އެހެން ގައުމުތަކުން އަންނަ އެއްޗެހީގެ އަގަކަށް އަދި ނާދޭ ބަދަލެއް."

ބާޒާރުމަތީގައި ހުންނަ އެމްއެޗްއޭގެ ފިހާރައެއް. (ދައުރު ފައިލް ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދު)

އާންމު ދިރިއުޅުމުގައި ބޭނުންކުރާ ގިނަ އަދަދެއްގެ ބާވަތްތައް ރާއްޖެ އެތެރެކޮށް، ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކާ ރެޑްވޭވްގެ ހެޑް އޮފް އޮޕަރޭޝަންސް އަލީ ޝަހީމް ވިދާޅުވި ގޮތުގައި، ރޯދަމަހަށް ބޭނުންވާ ހުރިހާ ބާވަތެއްގެ މުދާ އެ ކުންފުނިން ވެސް މިހާރު ވަނީ ގެނެސްފަ އެވެ.

"ލުނބޯ ލިބުމުގައި ތާށިކަމެއް އުޅޭ. އެހެން ހުރިހާ އެއްޗެއް މިހާރު ވެސް އެބަހުރި. ލުނބޯ ވެސް ލިބޭނެ ރޯދަ ފެށެން ވާއިރަށް،" އޭނާ ވިދާޅުވި އެވެ.

"މިއީ ރަނގަޅަށް ތައްޔާރުވެވޭ ރޯދަމަހަކަށް ވާނެ."

ރެޑްވޭވްއިން ވިއްކާ ބައެއް ތަކެތި. (ދައުރު ފޮޓޯ)

ޝަހީމް ވިދާޅުވި ގޮތުގައި، ރެޑްވޭވުން ވިއްކާ މުދަލުގެ އަގު ރޯދަމަސް ނޫނަސް އާންމުކޮށް ވެސް ހެޔޮވާނެ އެވެ.

"އެހެން ތަންތަނުން، [މިސާލަކަށް] 1،000ރ.އަށް ކުރެވޭ ވިޔަފާރި، ރެޑްވޭވުން 800ރ.އަށް ކުރެވޭނެ،" ޝަހީމް ވިދާޅުވި އެވެ.

ރެޑްވޭވް ސެންޓްރަލް. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު

ޑޮލަރު ރޭޓާ މެދު ކަންބޮޑުވުން އެބައޮތް

ކޮވިޑް-19ގެ ބަލިމަޑުކަމަށް ފަހު ހިންދެމިލަން ލިބުނު ވަގުތު ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ފަށައި އެކަމާ ގުޅިގެން ކުރިމަތިވި އެކި ދަތިތަކާ ހުރެ، ފާއިތުވެދިޔަ ދެތިން އަހަރު ޝިޕިން އަގުތައް ބޮޑުވުމާއި މުދާ ތާށިވުން ފަދަ މައްސަލަަތައް ކުރިމަތިވި އެވެ. ނަމަވެސް، ޝަހީމް ވިދާޅުވީ މި ރޯދަމަހާ ދިމާކޮށް އެފަދަ ދައްޗެއް ވެސް ކުރިމަތިނުވާ ކަމަށެވެ.

"ފްރައިޓް ވެސް ހެޔޮވަމުން އަންނަނީ. ކުރީގެ ހާލަތަކަށް ނާދޭ މި ފަހަރު. ޝިޕިންގައި ވެސް ނެތް އެއްވެސް މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ޑޮލަރު ރޭޓު ބޮޑުވުމުގެ ކަންބޮޑުވުން ޝަހީމް ފާޅުކުރެއްވި އެވެ.

"މިހާރު ޑޮލަރު މި ލިބެނީ 17.30ރ.ގެ ރޭޓުން. އާންމުންނަށް މިހާރު މުދާ މި ވިއްކާ އަގުތަކަށް ވުރެ %20 ހެޔޮކޮށް ވިއްކޭނެ، ދައުލަތުން އެސްޓީއޯއަށް 15.42ރ.ގެ ރޭޓުން ޑޮލަރު ހޯދައިދޭ ގޮތަށް ހަމަޖައްސައިދޭ ނަމަ،" ޝަހީމް ވިދާޅުވި އެވެ.

އެސްޓީއޯއިން ވެސް ރޯދައަށް ތަކެތީ އަގު ހެޔޮކޮށްފައި

ރޯދައާ ދިމާކޮށް އަދި ރޯދަމަހު ވެސް ފިޔާ، އަލުވި އަދި ބިހަކީ ޑިމާންޑު ބޮޑުވާ ބާވަތްތަކެވެ. އިތުރުވާ ޑިމާންޑާ އެކު އެ ބާވަތްތައް ހުސްވެއްޖެ ނަމަ އަގުތައް ބޮޑުވާނެތީ އެކަން ހައްލުކުރުމަށް، ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ވަނީ ރޯދައަށް ހާއްސަކޮށް ފިޔާ، އަލުވި އަދި ބިހުގެ ޝިޕްމަންޓެއް މި އަހަރު ވެސް ގެނެސް، އެ ތަކެތީގެ ހޯލްސޭލް އަގު ހެޔޮކޮށްފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަގުތަކަށް ގެނައި ބަދަލަކީ:

  • އަލުވި ބަސްތާއެއް ވިއްކާނީ 10ރ. އަގުހެޔޮކޮށް، 240ރ.އަށް

  • ފިޔާ ބަސްތާއަކުން 10ރ. ހެޔޮކޮށް، ދެން ވިއްކާނީ 160ރ.އަށް

  • ބިސް ކޭހަކުން 10ރ. ހެޔޮކޮށް، ވިއްކާނީ 280ރ.އަށް

ހޯލްސޭލް އަގުތައް ކުޑަކުރި ނަމަވެސް، ރީޓެއިލް އަގުތަކަށް ބަދަލު ގެނެސްފައެއް ނުވެ އެވެ. އެގޮތުން:

  • އަލުވި ކިލޯއެއް - 11ރ.އަށް

  • ފިޔާ ކިލޯއެއް - 9ރ.އަށް

  • ބިހެއް 1.75ރ.އަށް

އެސްޓީއޯއިން ރޯދަައަށް ހާއްސަކޮށް އިންޑަސްޓްރިއަލް ވިލެޖްގައި ހުޅުވި ހޯލްސޭލް ސެންޓަރުން ތަކެތި ޕިކަޕަކަށް އަރުވަނީ (ފޮޓޯ/އެސްޓީއޯ

އެސްޓީއޯއިން ވަނީ ރޯދަ މަހާ ދިމާކޮށް މުދާ ލިބުން ފަސޭހަކުރުމުގެ ގޮތުން އިންޑަސްޓްރިއަލް ވިލެޖްގައި ވެސް އާ ހޯލްސޭލް ސެންޓަރެއް ހުޅުވައިފަ އެވެ. އަދި ހުޅުމާލޭ ދެވަނަ ފޭސްގެ ވިނަރެސް ފްލެޓް، ޓަވަރު ނުވައެއްގައި ހުންނަ ރޯދަ މާޓުން ވެސް މުދާ ހޯލްސޭލް ކުރާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް