
އުރީދޫ އާއި މައިކްރޯސޮފްޓާ ދެމެދު އެއްބަސްވުމެއް ގާއިމްކުރުން (ފޮޓޯ/އުރީދޫ
އުރީދޫން ވިޔަފާރިތަކަށް މައިކްރޯސޮފްޓުގެ ސޮފްޓްވެއާތައް ގެނެސްދެނީ
ރާއްޖޭގެ ވިޔަފާރިތަކަށް އީޖާދީ ޑިޖިޓަލް ހިދުމަތްތަކާއި ހައްލުތައް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން މައިކްރޮސޮފްޓާ އެކު ޕާޓްނާޝިޕެއް ގާއިމްކޮށްފި އެވެ.
ވީ ކިހިނެއް؟ - މި ޕާޓްނާޝިޕް ގާއިމްކޮށްފައިވަނީ އުރީދޫ ގްރޫޕުން ވިޔަފާރިތަކަށް ކްލައުޑް ބޭސްޑް ހައްލުތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުންނެވެ.
-
މީގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް އުރީދޫގެ ހިދުމަތާ އެކު ބަންޑަލްކޮށްގެން ނުވަތަ ވަކިން ވެސް މައިކްރޮސޮފްޓްގެ ޒަމާނީ ޓެކްނޮލޮޖީ އާއި ސޮފްޓްވެއާ ސޮލިއުޝަންތަކުގެ ބޭނުން ހިފުމުގެ ފުރުސަތު ފަހިވާނެ
ތަފްސީލު - މައިކްރޮސޮފްޓާ އެކު ހެދި ޕާޓްނާޝިޕްގެ ދަށުން، ސޮފްޓްވެއާތަކުގެ އެހީގައި ވިޔަފާރީގެ މަސައްކަތްތަކުގެ މަރުހަލާތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގު ފަހިވާނެ އެވެ. އެ ސޮފްޓްވެއާތަކުގެ ތެރޭގައި ހިމެނެނީ:
-
އޮފީސް 365
-
މައިކްރޯސޮފްޓް ޓީމްސް
-
މައިކްރޯސޮފްޓް ޓީމްސް ވޮއިސް
-
މައިކްރޯސޮފްޓް ޓީމްސް ރޫމްސް
-
މައިކްރޯސޮފްޓް ޕަވާ އެޕްސް
-
މޮބައިލް ޑިވައިސް މެނޭޖްމަންޓް
-
ޝެއާޕޮއިންޓް
ބުނީ ކީކޭ؟ - މި ޕާޓްނާޝިޕާ ބެހޭ ގޮތުން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ބައިނަލްއަގްވާމީ ޕާޓްނާޝިޕްތަކުގެ ބޭނުން ހިފައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތަކުގެ ދިރިއުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް އުރީދޫ އިން ކުރަމުން އަންނަ ކަމަށެވެ.
"މައިކްރޮސޮފްޓާ އެކު މި ވެވުނު ޕާޓްނާޝިޕް އާއި އެކު ވިޔަފާރިތައް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް އެންމެ ފަހުގެ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އަމާޒަކީ ވިޔަފާރިތައް އެންމެ ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބާރުވެރިކުރުވުން. މި ޕާޓްނާޝިޕަކީ މި އަމާޒަށް ވާސިލުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް." އޭނާ ވިދާޅުވި އެވެ.

އުރީދޫ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަޒީޒް އަލްއުތުމާން ފަގްރޫ ވިދާޅުވީ ޓެކްނޮލޮޖީ ދާއިރާ ހަލުވިކަމާ އެކު ކުރިއަރަމުން އަންނައިރު، އީޖާދީ އުފެއްދުންތަކާއި ހިދުމަތްތަކާއި ހައްލުތަކަށް އޮތް ޑިމާންޑް އިތުރުވަމުން އަންނަ ކަމަށެވެ.
"އުރީދޫގެ ޒަމާންވީ ޕާޓްނަރެއް ކަމަށްވާ މައިކްރޮސޮފްޓްގެ ކްލައުޑް ބޭސްޑް ސޮލިއުޝަންތަކާއި ހިދުމަތްތަކާ އެކު މާކެޓް ވިޔަފާރިތަކާއި އަޅުގަނޑުމެންގެ ކަސްޓަމަރުންގެ މި ބޭނުންތަކަށް ހައްލު ހޯދައިދިނުމުގެ ފުރުސަތު ފަހިވެގެންދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" އޭނާ ވިދާޅުވި އެވެ.
މައިކްރޮސޮފްޓްގެ ވައިސް ޕްރެޒިޑެންޓް ގްލޯބަލް ކޮމިއުނިކޭޝަންސް ޕާޓްނާސް ބިން ޝެން ވިދާޅުވީ، ހިދުމަތްތައް ތަރައްގީވަމުން އަންނައިރު، ދުނިޔޭގެ އެކި ސަރަހައްދުތަކާއި ސިނާއަތްތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާއި ވިޔަފާރިތަކަށް ކްލައުޑް ބޭސްޑް ހިދުމަތްތަކާ އެކު އާ ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، އުރީދޫއާ އެކު އެ ކުންފުނިން ގާއިމްކޮށްފައިވާ ޕާޓްނާޝިޕް ފުޅާ ކުރުމަކީ އުފަލެއް ކަމަށެވެ.
އެނގުން މުހިއްމު - މި ޕާޓްނާޝިޕްގެ ސަބަބުން އުރީދޫ އަކީ ޓެލެކޮމިއުނިކޭޝަންގެ ހިދުމަތްތަކުގެ އިތުރުން ކްލައުޑް ބޭސްޑް ހައްލުތަކާއި ހިދުމަތްތައް ފޯރުކޮށްދޭ ވަން-ސްޓޮޕް-ޝޮޕެއްގެ ގޮތުގައި ހަރުދަނާވެ، ވިޔަފާރިތަކަށް ބޭނުންވާ މުހިންމު ހިދުމަތްތައް ފޯރުކޮށްދޭނެ އެވެ.
ކޮމެންޓް