ފެނަކަ ކުންފުނީގެ އެމްޑީ ސައީދު. (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)

ފެނަކައިން ތެޔޮ ބިލްތަކަށް އެސްޓީއޯއަށް 1.8 ބިލިއަން ރުފިޔާ ނުދައްކާ

ތެޔޮ ބިލްތަކަށް ފައިސާ ނުދައްކާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެ، އެކަމުގެ ސަބަބުން އެސްޓީއޯއަށް މާލީ ގޮންޖެހުންތައް ވަނީ ބޮޑުވެފައި

އަތޮޅުތަކުގައި ކަރަންޓްގެ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނި، ފެނަކައިން ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯއަށް ދައްކަން ޖެހިފައިވާ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަރައި އެކަމުގެ ސަބަބުން އެސްޓީއޯއަށް މާލީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިވާން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެސްޓީއޯގެ ބޯޑް މެންބަރަކު، ނަން ނުޖަހާ ގޮތަށް 'ދައުރު'އަށް މިއަދު ވިދާޅުވީ އެސްޓީއޯއިން ފޯރުކޮށްދޭ ތެލަށް ފެނަކައިން ފައިސާ ނުދައްކާތާ މިހާރު ދެ އަހަރުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ތެޔޮ ބިލްތަކަށް ފައިސާ ދެއްކުމަށް އެކި ފަހަރު ހަދާންކޮށްދީ، އެ ފައިސާ ހޯދުމަށް މަސައްކަތް ކުރި ނަމަވެސް މިއަދާ ހަމައަށް ވެސް އެ ފައިސާ ލިބިފައި ނުވާ ކަމަށެވެ.

"ދެހާސް އެކާވީސް ވަނަ އަހަރުން ފެށިގެން ވެސް މި އަހަރުގެ މިހާތަނަށް ފެނަކައިން އެއްވެސް ފައިސާއެއް އެސްޓީއޯއަކަށް ނުދައްކާ. އެހެންވެ، ތެޔޮ ބިލްތަކަށް ފެނަކައިން ދައްކަން ވެފައި އޮތް ވަރު 1.8 ބިލިއަން ރުފިޔާއަށް ވަނީ މިހާރު އަރާފައި،" އެ ބޯޑް މެންބަރު، ކަންބޮޑުވުމާ އެކު ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި އެސްޓީއޯގެ އޭޖީއެމްއެއްގައި ބޯޑް މެންބަރުންނާއި ހިއްސާދާރުން (ފޮޓޯ/އަވަސް)

ތަފްސީލް - އޭނާ ވިދާޅުވީ އެއްވެސް ވަރަކަށް ފެނަކައިން ފައިސާ ދައްކަމުން ނުދިޔުމުގެ ސަބަބުން އެސްޓީއޯގެ ކޭޝްފްލޯއަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށެވެ. ބޭރުން ތެޔޮ ގަންނަނީ، ތެޔޮ ވިއްކާފައި ލިބޭ ފައިސާއިންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެހާ ބޮޑު އަދަދެއް ނުދައްކާ އޮތުމުން ތެޔޮ ގަތުމުގައި ވެސް ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

"ވަރަށް ބޮޑު އަދަދެއް އަޅުގަނޑުމެންގެ ކޭޝްފްލޯއިން މި ވަނީ ހިފެހެއްޓިފައި،" އޭނާ ވިދާޅުވި އެވެ.

ތެޔޮ ފޯރުކޮށްދިނުން ހުއްޓާނުލާނެ 

އެސްޓީއޯއިން މިއަދު ބުނި ގޮތުގައި ފެނަކައަށް ފޯރުކޮށްދޭ ތެލަށް އެ ކުންފުނިން އެސްޓީއޯއަށް ފައިސާ ނުދެއްކި ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ކަރަންޓް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް އެންމެ މުހިއްމު އެއްޗަކީ ތެޔޮ ކަމަށް ވާތީ އެ ކުންފުނިން ބަރާބަރަށް ތެޔޮ ފޯރުކޮށްދޭނޭ ކަމަށެވެ.

"މި މައްސަލަ ހައްލުކުރުމަށް ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީއިން މި ކުންފުންޏަށް އެހީތެރިކަން އަންނަނީ ލިބެމުން،" އެސްޓީއޯއިން ފޮނުވި މެސެޖެއްގައި ބުންޏެވެ.

ވެލާނާ އިންޓަނޭޝަލް އެއާޕޯޓު ޕާކިން ޒޯންގައި މީހަކު މަޑުކޮށްލައިގެން ހުރި އިރު، ކުރިމަތީގައި އޮތް ތެޔޮ ރައްކާ ކުރާ އެސްޓީއޯގެ ފުނަދޫ ޖެޓީގައި ތެޔޮ ބޯޓެއް ބަނދަރުކޮށްފައި. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެނގުން މުހިންމު - އެކަމާ ގުޅޭ ގޮތުން ފެނަކައިގެ ބަހެއް ހޯދުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދަށް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ގުޅި ނަމަވެސް އޭނާ ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. އަދި މެސެޖުން ސުވާލުތައް ފޮނުވިތާ 24 ގަޑިއިރު ފާއިތުވެގެން ދިޔައިރު ވެސް ސައީދު ޖަވާބެއް ނުދެއްވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ފެނަކައިން އަމިއްލަ ކުންފުނިތަކުން ގަނެފައިވާ ތަކެއްޗާއި ހިދުމަތަށް ފައިސާ ނުދައްކާ މައްސަލަތަކެއް ވެސް މީގެ ކުރިން ފެންމަތިވެ ޝަކުވާ ބޮޑުވި އެވެ. ނަމަވެސް، އިންތިހާބުތަކާ ދިމާކޮށް ފެނަކައިން ވަޒީފާތައް ދިނުމާއި ސީއެސްއާރުގެ ދަށުން ރަށްރަށަށް ހަރަދުތައް ކުރާކަމުގެ ޝަކުވާ ބޮޑެވެ.

މީގެ އިތުރަށް، ފެނަކައަށް ތަކެތި ގަތުމާއި ހިދުމަތް ހޯދުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާ ކަމުގެ ތުހުމަތު ވެސް އެ ކުންފުންޏަށް ކުރެ އެވެ. ނަމަވެސް، އެ ކުންފުނިން މީގެ ކުރިން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، އެފަދަ އަމަލުތަކެއް ނުހިންގާ ކަމުގެ ޔަގީންކަން ދީފަ އެވެ.

ކޮމެންޓް (1)

ހަސަންދީ

14 މާރިޗު 2023
ކާކުތަ ބިލިއަނުން ކުރެޑިޓްދެނީ؟ ދަރަންޏަށް ފައިސާދޭއިރު އަނބުރާ ދެއްކުމުގެ ގާބިލުކަން ހުރިތޯ ނުބަލާ ދަރަނިދޭ ބައެއްގެ މައްސަލަ އެންމެ ފުރަތަމަ ބަލަންވީ.
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް