ރެޑްވޭވް

ރެޑްވޭވްގެ 15 ވަނަ ފިހާރަ، ރެޑްވޭވް ސެންޓްރަލް' ހުޅުވައިފި

މިއީ ރެޑްވޭވުން ހިންގާ 15 ވަނަ އަދި މި އަހަރު ހުޅުވި ތިން ވަނަ ފިހާރަ. މި ފިހާރައިން ސުޕަމާކެޓަކުން ލިބޭ ހުރިހާ ބާވަތެއްގެ މުދާ ގަންނަން ލިބޭނެ

ރާއްޖޭގައި ފުޅާދާއިރާއެއްގައި ސުޕަމާކެޓްގެ ވިޔަފާރިކުރަމުން އަންނަ ރެޑްވޭވް ކުންފުނީގެ އެންމެ ބޮޑު ފިހާރަ، "ރެޑްވޭވް ސެންޓްރަލް" ހުޅުވައިފި އެވެ.

ވީ ކިހިނެއް؟ - ރެޑްވޭވް ސެންޓްރަލް ފިހާރަ ހުޅުވީ މަޖީދީމަގުގައި ކުރިން އަގޯރާ ފިހާރަ ހިންގި ތަނުގަ އެވެ. މިއަދު ބޭއްވި ހަފްލާއެއްގައި އެ ފިހާރަ ހުޅުވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް އެވެ.

ރެޑްވޭވް ސެންޓްރަލްއިން ވިއްކާ މުދަލުގެ އެކި ބާވަތްތައް. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު

ތަފްސީލު - އަލަށް ހުޅުވި ރެޑްވޭވް ސެންޓްރަލް އަކީ ތިން ފަންގިފިލާގެ ފިހާރައެކެވެ. އެ ތަނުން މައިގަނޑު ގޮތެއްގައި ވިއްކަނީ:

  • ގްރައުންޑް ފްލޯ - މޭވާ، ތަރުކާރީ އަދި ކާބޯތަކެތީގެ އެކި ބާވަތްތަކާއި އެ ނޫނަސް ސުޕަމާކެޓްތަކުން އާންމުކޮށް ވިއްކާ އެކި ސާމާނު

  • އެއް ވަނަ ފަންގިފިލާ - ކޮސްމެޓިކްސް، ކުޅޭ ސާމާނު

  • ދެ ވަނަ ފަންގިފިލާ - ގޭގައި ހިފާގެންގުޅޭ ތަކެތި، ބަދިގެ ސާމާނު

  • ތިން ވަނަ ފަންގިފިލާ - ކުޑަކުދިންނާއި ބޮޑެތި މީހުންގެ އަންނައުނު

ރެޑްވޭވް ސެންޓްރަލްއިން ވިއްކާ މުދަލުގެ އެކި ބާވަތްތައް. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު
ރެޑްވޭވް ސެންޓްރަލްއިން ވިއްކާ މުދަލުގެ އެކި ބާވަތްތައް. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު

ބުނީ ކީކޭ؟ - ރެޑްވޭވް ސެންޓްރަލް ހުޅުވައިދެއްވުމަށްފަހު ސަލީމް ވިދާޅުވީ، މިއީ އެ ކުންފުނީގެ 15 ވަނަ އަދި މާލޭގައި ހުރި އެންމެ ބޮޑު ފިހާރަ ކަމަށެވެ.

އަގުތަކާ ބެހޭގޮތުން ސަލީމް ވިދާޅުވީ، ރެޑްވޭވްއަކީ އެންމެ އަގުހެޔޮ ފިހާރަ ކަމަށެވެ. މިއަހަރުގެ ރޯދަމަސް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، ސަލީމް ވިދާޅުވި ގޮތުގައި ރޯދައަށް ވެސް މުދަލުގެ އަގު ވާނީ ހެޔޮކޮށްފަ އެވެ.

"އަޅުގަނޑުމެންގެ މި ތަނުގެ އަގު އިންތިހާއަށް ހެޔޮވާނެ. ރޯދައަށޭ ކިޔާފައި އެއްވެސް އެއްޗެއް އަގުބޮޑެއް ނުކުރަން، އަގުހެޔޮ ކުރީ،" އޭނާ ވިދާޅުވި އެވެ.

ރެޑްވޭވް ސެންޓްރަލްއިން ވިއްކާ ކޮސްމެޓިކްސްގެ އެކި ބާވަތްތައް. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު
ރެޑްވޭވް ސެންޓްރަލްއިން ވިއްކާ މުދަލުގެ އެކި ބާވަތްތައް. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު

ކުރިއަށް އޮތް ތަނުގައިވެސް އަގުހެޔޮކޮށް ތަކެތި ވިއްކަން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ ރެޑްވޭވްގެ އެންމެ ބޮޑު މަގްސަދަކީ އާންމުންނަށް އެކަށީގެންވާ އަގެއްގައި މުދާ ވިއްކުން ކަމަށެވެ.

"ހަގީގަތުގައި ރެޑްވޭވް މި ވިޔަފާރީގައި ނޫޅޭނަމަ މިއަދު ތަކެތީގެ އަގު ހުންނާނީ މިހާރު މި ވިއްކާ އަގުގެ %30 - %50 މަތީގައި. މިހާރުވެސް އަޅުގަނޑުމެން އަގު ޖައްސާލާއިރަށް ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ދާނެ،" ސަަލީމް ވިދާޅުވި އެވެ.

"ބައެއް ފަހަރަށް ބައެއް ބޭފުޅުން އަޅުގަނޑުމެންނާ މެދު ހިތްހަމަވެސް ނުޖެހޭ އަޅުގަނޑުމެން ތަކެތީގެ އަގު ހެޔޮކޮށް ވިއްކާތީ."

ރެޑްވޭވްގެ 15 ވަނަ ފިހާރަ، ރެޑްވޭވް ސެންޓްރަލް. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު
ރެޑްވޭވްގެ 15 ވަނަ ފިހާރަ، ރެޑްވޭވް ސެންޓްރަލް. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ފިހާރައެއް ނުހުޅުވުމުގެ ކަންބޮޑުވުން

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ރެޑްވޭވްގެ ދެ ފިހާރަ ހުރެ އެވެ. އެހެން ނަމަވެސް އަލަށް އާބާދުކުރި ދެ ވަނަ ފިޔަވަހީގައި އެ ކުންފުނީގެ ފިހާރައެއް ނުހުންނާތީ އެކަމުގެ ކަންބޮޑުވުން ސަލީމް ހިއްސާކުރެއްވި އެވެ.

ސަލީމް ވިދާޅުވީ، އެ ކުންފުނިން ރާވަނީ ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ރެޑްވޭވް މެގަ މޯލްއަށްވުރެ ވެސް ބޮޑު ފިހާރައެއް ފޭސް ދެއްގައި ހުޅުވަން ކަމަށާއި ނަމަވެސް އެކަމަށް ބޭނުންވާ ބިން އަދި ނުލިބޭ ކަމަށެވެ.

"ވަރަށް ބުރަ މަސައްކަތް ކޮށްގެންވެސް އެ ތަނުން ބިންކޮޅެއް ނުލިބުނު ވާހަކަ ހިތާމައާއެކު ދަންނަވަން. ބިޑް ކުރާ ކޮންމެ ފަހަރަކުވެސް ބޮޑު އަގުލާފައި ހުށަހަޅަނީ،" އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ މިހާރުވެސް ޕްރޮޕޯސަލްއެއް ލާފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ ފުރުސަތު ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އެނގުން މުހިންމު - ރެޑްވޭވްގެ 15 ވަނަ ފިހާރަ މިއަދު ހުޅުވިއިރު، މިއީ މި އަހަރުގެ ތެރޭގައި އެ ކުންފުނިން ހުޅުވި ތިން ވަނަ ފިހާރަ އެވެ. އެގޮތުން ރެޑްވޭވް ސެންޓްރަލްގެ ކުރިން ހުޅުވި ދެ ފިހާރައަކީ:

  • ރެޑްވޭވް އެކްސްޕްރެސް - މަޖީދީމަގު، ހެންވޭރު ފާމަސީ ކުރިމަތީގައި

  • ރެޑްވޭވް ސޯސަން - ސޯސަންމަގު، ކުރީގެ އަގޯރާ ފިހާރަ ހުރި ތަނުގައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް