
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. (ފޮޓޯ/މަޖިލިސް)
ބަޖެޓް ގާތްގަނޑަކަށް ހުސްވެއްޖެ؛ ބާކީ 2.1 ބިލިއަން ރުފިޔާ
މި އަހަރަށް ހަރަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން 36.9 ބިލިއަން ރުފިޔާގެ ބަޖެޓްގެ %94 ހަރަދުކޮށް، ގާތްގަނޑަކަށް ބަޖެޓް ހުސްވުމާ ގާތްވެއްޖެ އެވެ.
އެނގުން މުހިންމު - މި އަހަރަށް ކަނޑައެޅި ބަޖެޓް ކުޑަވެ، މި އަހަރުގެ ބަޖެޓަށް 5.8 ބިލިއަން ރުފިޔާ އިތުރުކުރަން ފިނޭންސުން ވަނީ ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް މިހާރު ވެސް ހުށަހަޅައިފަ އެވެ. އެ ބަޖެޓަށް ކޮމިޓީން ރުހުން ދީފައި ވާއިރު، އަންނަ ހަފްތާގައި އެ ބަޖެޓް ފާސްކުރަން ވަނީ ތާވަލްކޮށްފަ އެވެ.
ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ސަރުކާރުން ވަނީ 34.9 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެހެންކަމުން، މި އަހަރަށް ފާސްކޮށްދިން 36.9 ބިލިއަން ރުފިޔާގެ ބަޖެޓުން މިހާރު ބާކީ އޮތީ 2.1 ބިލިއަން ރުފިޔާ އެވެ.
މި އަހަރު ބާކީ، މަހަކަށް ވުރެ ގިނަ ދުވަސް އޮތް އިރު ހަރަދުތައް ހަމަޖެއްސުމަށް 3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭނުންވާނެ ކަމަށް ބެލެވެ އެވެ.
ހަރަދުތަކުގެ މުހިންމު ބައިތައް:
-
23.6 ބިލިއަން ރުފިޔާ - ރިކަރަންޓް
-
8.5 ބިލިއަން ރުފިޔާ - ކެޕިޓަލް
-
2.9 ބިލިއަން ރުފިޔާ - ލޯނު ހިދުމަތުގެ ހަރަދު
-
2.6 ބިލިއަން ރުފިޔާ - ލޯނު އަނބުރާ ދެއްކުން
މި އަހަރުގެ ބަޖެޓް ޑެފިސިޓް މިހާތަނަށް ވަނީ 8.5 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.
ލަފާކުރި އާމްދަނީގެ ބޮޑު ބައެއް ލިބިއްޖެ
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިހާތަނަށް އާމްދަނީގެ ގޮތުގައި ވަނީ 23.7 ބިލިއަން ރުފިޔާ ލިބިފަ އެވެ. މި އަަހަރަށް ފާސްކޮށްފައިވާ ބަޖެޓްގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 24.3 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން، އާމްދަނީގެ ގޮތުގައި ލިބޭނޭ ކަމަށް ލަފާުކުރި އަދަދުގެ %97 މި ވަނީ ލިބިފަ އެވެ.
ނަމަވެސް، އާމްދަނީއަށް ހިލޭ އެހީގެ ގޮތުގައި ލިބޭނޭ ކަމަށް ލަފާކުރި އަދަދާ ކައިރިއަށް ވެސް ހިލޭ އެހީ ލިބިފައެއް ނުވެ އެވެ. އެގޮތުން، ބަޖެޓްގައި 2.9 ބިލިއަން ރުފިޔާ ހިލޭ އެހީއަށް ލިބޭނޭ ކަމަށް ލަފާކުރި ނަމަވެސް އަދި ލިބިފައި ވަނީ 322.4 މިލިއަން ރުފިޔާ އެވެ.
ޓެކްސްގެ ގޮތުގައި ލިބޭނޭ ކަމަށް ލަފާކުރި އާމްދަނީއަށް ވުރެ އިތުރަށް ޓެކްސްތަކުން ވަނީ އާމްދަނީ ލިބިފަ އެވެ. އެގޮތުން، ޓެކުހުން ލިބޭނޭ ކަމަށް ލަފާކުރި 15.3 ބިލިއަން ރުފިޔާ އެވެ. ނަމަވެސް، އެއަށް ވުރެ އިތުރަށް އާމްދަނީގެ ގޮތުގައި ވަނީ 16.9 ބިލިއަން ރުފިޔާ މިހާތަނަށް ލިބިފަ އެވެ.
އިދާރީ ހަރަދާއި ޕީއެސްއައިޕީއަށް އިތުރަށް ހަރަދުކޮށްފި
ޕީއެސްއައިޕީ ނުވަތަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް މި އަހަރަށް ބަޖެޓްކޮށްފައި ވަނީ 6.3 ބިލިއަން ރުފިޔާ އެވެ. ނަމަވެސް، ތަފާސްހިސާބުތަކުން ޕީއެސްއައިޕީއަށް 6.4 ބިލިއަން ރުފިޔާ މިހާތަނަށް ހަރަދުވެފައިވާ ކަމަށެވެ. އެހެންކަމުން، ބަޖެޓް ކުރި ވަރަށް ވުރެ އިތުރަށް 115 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
މީގެ އިތުރަށް، އިދާރީ ހަރަދުތަކާއި ހިންގުމުގެ ހަރަދުތަކަށް މި އަހަރުގެ ބަޖެޓްގައި ފާސްކޮށްފައި ވަނީ 13.4 ބިލިއަން ރުފިޔާ އެވެ. ނަމަވެސް، ސަރުކާރުން މިހާތަނަށް ވަނީ 14.4 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެއީ ބިލިއަނެއްހާ ރުފިޔާ އިތުރު އަދަދެކެވެ.
އިދާރީ ހަރަދުތައް އިތުރުވެފައި ވަނީ:
-
ދަރަނި ސާވިސް ކުރުމުގެ ހަރަދު (އިންޓަރެސްޓް)އަށް - 2.9 ބިލިއަން ރުފިޔާ
-
އާސަންދައަށް - 1.6 ބިލިއަން ރުފިޔާ ހަރަދުކޮށްފި؛ ބަޖެޓްކުރީ 730.9 މިލިއަން
-
ސަބްސިޑީއަށް - 3.3 ބިލިއަން ރުފިޔާ ހަރަދުކޮށްފި؛ ބަޖެޓްކުރީ 1.4 ބިލިއަން ރުފިޔާ
އެ ހަރަދުތައް އިތުރުވެފައި ވަނީ ތެލުގެ އަގު ބޮޑުވުމާ ވިދިގެން ތެލުގެ ސަބްސިޑީއަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމާއި މާލީ ބާޒާރުތަކުގައި އިންޓަރެސްޓް ބޮޑުވުމުގެ ސަބަބުން ކަމަށް ފިނޭންސުން މީގެ ކުރިން ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ސަޕްލިމަންޓްރީ ބަޖެޓާ އެކު މި އަހަރު ސަރުކާރުގެ ހަރަދުތައް 42.8 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.