
ގަތަރުން ވޯލްޑް ކަޕަށް އަޅާފައިވާ ސްޓޭޑިއަމްއެއް.
ބޮޑު ސްކްރީނުގައި ވޯލްޑް ކަޕް ބެލޭނެ، އެކަމަކު ވިޔަފާރި އުސޫލުން ނުކުރެވޭނެ: މީޑިއާނެޓު
ގަތަރުގައި ބާއްވާ ވޯލްޑް ކަޕް 2022 ފުޓުބޯޅަ މުބާރާތް ބޮޑު ސްކްރީނުން އާންމުކޮށް ދެއްކޭނެ ކަމަށް، އެ މުބާރާތުގެ ރާއްޖޭގެ ލައިސެންސްޑް ބްރޯޑްކާސްޓަރު މީޑިއާނެޓުން ބުނެފި އެވެ.
ވީ ކިހިނެއް؟ - އަންނަ އާދީއްތަ ދުވަހު ފަށާ ވޯލްޑް ކަޕް މުބާރާތް މިފަހަރު ބޮޑު ސްކްރީނުން ނުދެއްކޭނެ ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އެ ހަބަރުތަކާ ގުޅިގެން މީޑިއާނެޓުން ނެރުނު ނޫސްބަޔާނެއްގައި އެކަން ވަނީ ދޮގުކޮށްފަ އެވެ.
ބުނީ ކީކޭ؟ - "ފީފާގެ ގަވާއިދުގެ ދަށުން އާންމު ތަންތަނުގައި ބޮޑު ސްކްރީން ބަހައްޓައިގެން ވިޔަފާރި އުސޫލުން ނޫން ގޮތަކަށް ވޯލްޑް ކަޕް ދެއްކުމަކީ މަނާކަމެއް ނޫނެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
"އަދި މިގޮތަށް ވޯލްޑް ކަޕް ދައްކައިގެން މީޑިއާނެޓުން ގާނޫނީ އެއްވެސް ފިޔަވަޅެއް ނާޅާނެ ވާހަކަ ދަންނަވަމެވެ."
ތަފްސީލު - ބޮޑު ސްކްރީނުގައި ވޯލްޑް ކަޕް ދެއްކުން މަނާވާނީ، މީޑިއާނެޓުން ބުނި ގޮތުގައި، ވިޔަފާރި އުސޫލުން، މާލީ މަންފާއެއް ހާސިލުކުރުމަށް އެކަން ކުރާނަމަ އެވެ.
އާންމުކޮށް ދިވެހިން ބަލާ ފުޓުބޯޅަ މެޗުތައް ކެފޭތަކުގައި ބޮޑު ސްކްރީނާއި ޓީވީތަކުން އަޅުވާއިރު، މެނޫއިން ވަކި ބާވަތްތަކުގެ ކާނާ ނުވަތަ ބިލަށް ދަށްވެގެން ވަކި އަދަދެއް ހަމަކޮށްގެން ނޫން ގޮތަކަށް ބައެއް ކެފޭތަކުން މެޗު ބަލަން ތިބުމުގެ ފުރުސަތެއް ނުދެ އެވެ.
އެނގުން މުހިންމު - ވޯލްޑް ކަޕް 2022ގެ ރާއްޖޭގެ ލައިސެންސްޑް ބްރޯޑްކާސްޓަރަކީ މީޑިއާނެޓް އެވެ. އަދި ވޯލްޑް ކަޕްގެ މެޗްތައް ދެއްކުމަށް މީޑިއާނެޓުން ޕީއެސްއެމް އާއި ރާއްޖެ ޓީވީއާ އެކު ވަނީ އެއްބަސްވެފަ އެވެ. އެހެން ކަމުން ރާއްޖޭގައި ވޯލްޑް ކަޕް މެޗްތައް ދައްކާނީ މީޑިއާނެޓްގެ އައިސްޓީވީ އާއި ރާއްޖެ ޓީވީ އަދި ޕީއެސްއެމްއިންނެވެ.