ޗައިނާގެ ކުޑަކުދިންނަށް ގޭމު ކުޅެވޭ މިންވަރު ވަނީ މަދު ކުރެވިފައި (ފޮޓޯ/ގެޓީ އިމޭޖެސް)

ޒުވާނުން ގޭމިންގް އަށް ދެވިހިފުން ހުއްޓުވިފައިވާ ކަމަށް ޗައިނާއިން ބުނެފި

ކުޑަކުދިންގެ ގޭމު ކުޅޭ އާބާދީގެ %75 މިހާރު ގޭމު ކުޅެނީ ހަފްތާއަކު ތިން ގަޑިރަށް ވުރެ މަދުން
24 ނޮވެމްބަރު 2022

ޗައިނާގެ ކުޑަކުދިންނާއި ޒުވާނުން ގޭމު ކުޅުމަށް އޮތް ދެވިހިފުން މިހާރު ހުއްޓުވިފައިވާ ކަމަށް ރިޕޯޓަކުން ބުނެފި އެވެ. 

މި ރިޕޯޓު ނެރެފައި ވަނީ ޗައިނާގެ ގޭމިންގް ސިނާއަތް ބަލަހައްޓާ އިދާރާއާ ގުޅުން އޮންނަ ޗައިނާ ގޭމް އިންޑަސްޓްރީ ގްރޫޕު ކޮމިޓީއިން ނެވެ. 

އަދި މި ރިޕޯޓާ ގުޅިގެން ގޭމު ކުޅުމަކީ "ނަފްސާނީ އަފިހުން" ބޭނުން ކުރުންކަމަށް  ކުރިން ބުނި އޮފިޝަލުން ގޭމު ކުޅުމަށް އަޅާފައިވާ ހުރަސްތަކަށް ލުއިތަކެއް ގެންނާނެ ކަމުގެ އުއްމީދު ވަނީ އާވެގެން ގޮސްފަ އެވެ. 

މިދިޔަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން ޗައިނާގެ ކުޑަކުދިންނަށް ގޭމު ކުޅެވެނީ ހަފްތާއަކު ތިން ގަޑިރަށެވެ. 

އަދި އާ ގޭމުތައް އުފައްދާ ނެރުމަށް ވެސް ޗައިނާގެ ވުޒާރާތަކުން އޭރު ވަނީ ހުރަސްތަކެއް ކުރިމަތި ކުރުވާފަ އެވެ.

މި ފިޔަވަޅުތައް އޭރު ފެނިގެން ގޮސްފައި ވަނީ ޗައިނާގެ ވަރުގަދަ ޓެކްނޮލޮޖީ ސިނާތައް ސަރުކާރަށް ކޮންޓްރޯލު ނުކުރެވޭ މިންވަރަށް ބޮޑުވިޔަ ނުދިނުމަށް ޗައިނާގެ ސަރުކާރުން އަޅަމުން ދިޔަ ފިޔަވަޅުތަކެއް ގޮތުގަ އެވެ. 

ޗައިނާގެ ގޭމް އިންޑަސްޓްރީ ގްރޫޕު ކޮމިޓީއިން ނެރެފައިވާ މި ރިޕޯޓުގައި ޑާޓާގެ ހިދުމަތް ފޯރުކޮށްދޭ ސީއެންޖީ ގްރޫޕުން ވެސް ވަނީ ބައިވެރިވެފަ އެވެ. މި ރިޕޯޓު ބުނާގޮތުން ޒުވާން އުމުރުފުރައިގެ އާބާދީގެ ގޭމު ކުޅޭ ކުދިންގެ %75 ކުދިން މިހާރު ގޭމު ކުޅެމުން އަންނަނީ ހަފްތާއަކު ތިން ގަޑިރަށް ވުރެ މަދުން ނެވެ. 

އަދި މިކަމުގައި ޓެންސެންޓު ފަދަ ޗައިނާގެ ގޭމިންގް ސިނާއަތުގައި އޮޕަރޭޓު ކުރާ ކުންފުނިތަކުން "ވަރަށް ރަނގަޅު ނަތީޖާތަކެއް" ހޯދާފައިވާ ކަމަށް  ވެސް މި ރިޕޯޓުގައިވެ އެވެ.

ޗައިނާ ސަރުކާރުން މިދިޔަ އަހަރު ގޭމު ކުޅުމަށް އެޅި ހުރަސްތަކާ ގުޅޭ (ވީޑިއޯ/އިންކުއަރާ.ނެޓް)

ގޭމުގެ ކުޅުމުގެ ސަބަބުން ޒުވާނުންގެ ވިސްނުމުގެ ބާރުދަށްވެ، ކަންކަމަށް ދޭ ސަމާލުކަން ދެރަވެ، ނަފްސާނީ މައްސަލަތަކާއި ނިދުމުގެ މައްސަލަތައް ކުރިމަތިވާކަމަށް ޗައިނާ ސަރުކާރުން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި މިކަމަށް ޗައިނާ ސަރުކާރުގެ ކަންބޮޑުވުން އިތުރުވީ ކޮވިޑާ ގުޅިގެން ކުޑަކުދިންނާއި ޒުވާނުންގެ ކްލާސްތައް ވެސް އިންޓަނެޓުން ދޭން ފެށުމުން ނެވެ. 

ޗައިނާ ސަރުކާރުގެ ކަންބޮޑުވުންތަކާ ގުޅިގެން 14 އަހަރުން ދަށުގެ ކުދިންނަށް ޓިކްޓޮކް އެޕްލިކޭޝަން ބޭނުން ކުރެވޭ މިންވަރު ވެސް ވަނީ ދުވާލަކު 40 މިނެޓަށް ދައްކޮށްފަ އެވެ. 

ޗައިނާގައި ކުޑަކުދިންނާއި ޒުވާނުންގެ އިތުރުން ބޮޑެތި މީހުންނާއި އުމުރުން ދޮށީ އުމުރުގެ މީހުންގެ މެދުގައި ވެސް ގޭމު ކުޅުމުގެ ފޯރި އަންނަނީ ގަދަވަމުން ނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް