ނިއުގެ ޕްރެކްޓިހުގައި ކޯޗު ސޮބާހު އިރުޝާދު ދެނީ.

ފުޓްބޯޅަ

ނިއު އިން ނުރަސްމީކޮށް ޕްރެކްޓިސް ފަށައިފި

އެ ޓީމުން މަސައްކަތްކުރަނީ ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން

ސަސްޕެންޝަނުން ސަލާމަތްވެ އަލުން ފުޓްބޯޅައިގައި ވާދަކުރުމަށް މަސައްކަތްކުރަމުން އަންނަ ނިއު ރޭޑިއަންޓުން ނުރަސްމީކޮށް ޕްރެކްޓިސް ފަށައިފި އެވެ.

ކުޅުންތެރިންނަށް މުސާރަ ނުދޭތީ ފީފާ އާއި އެފްއޭއެމުން ސަސްޕެންޑްކޮށްފައިވާ ނިއުއާ އަލަށް ހަވާލުވި މެނޭޖްމަންޓުން އަންނަނީ އެ ފައިސާތައް ދައްކަން މަސައްކަތް ކުރަމުންނެވެ.

އެފްއޭއެމްގެ ކޮންގްރެސް އިން ދާދި ފަހުން ވަނީ ނިއު އިން އެ ފައިސާ ދެއްކުމާ އެކު ސަސްޕެންޝަން އުވާލުމުގެ ބާރު އެގްޒެކެޓިވް ކޮމިޓީ އަށް ދީފަ އެވެ.

އެނގިފައިވާ ގޮތުގައި ނިއުގެ މެނޭޖްމަންޓުން މަސައްކަތްކުރަމުން އަންނަނީ އަންނަ މަހުގެ 4 ވަނަ ދުވަހު ފަށާ ދެ ވަނަ ޑިވިޝަން މުބާރާތުގެ ކުރިން ސަސްޕެންޝަނުން ސަލާމަތްވެވޭތޯ އެވެ. ބޭނުމަކީ އެ މުބާރާތުގައި ވާދަކޮށް އަންނަ ސީޒަނުގައި ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދޭތޯ މަސައްކަތްކުރުމެވެ.

ނިއު އިން މިވަގުތު ޕްރެކްޓިސް ކުރަމުން އަންނަނީ އެ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާހު މުހައްމަދު އިބްރާހީމްގެ ކޯޗުކަމުގަ އެވެ. އޭނާ އަކީ، ނިއުގެ މިހާރުގެ މެނޭޖްމަންޓުން މީގެ ތިން މަހެއްހާ ދުވަސް ކުރިން ރޭޑިއަންޓްގެ ނަމުގައި އުފެއްދި ކްލަބުގެ ވެސް ކޯޗެވެ. އަދި ނިއުގެ ޓީމުގައި ހިމެނެނީ ރޭޑިއަންޓަށް އޭރު ސޮއިކުރި ކުޅުންތެރިންނެވެ.

ނިއުގެ ކުޅުންތެރިން ޕްރެކްޓިސްކުރަނީ.

އޭރު އެ ގްރޫޕުން ރޭޑިއަންޓް އުފެއްދީ، ނިއު އަށް ފުރުސަތު ނެތުމުން އެ ޓީމުގެ ސަޕޯޓަރުން ހިތްހަމަޖައްސަން ނުލާއި ހުދުގެ ޓީމެއް ނެރެން ކަމަށް ބުނެ އެވެ. އެކަމަކު އޭއެފްސީ އިން ވަނީ ކްލަބްތަކުން ދަރަނިން ސަލާމަތްވުމަށް އާ ކްލަބެއް ހެދުން ހުއްޓުވަން އޮންނަ ފީފާގެ ގަވާއިދުގެ ދަށުން އެއީ ނިއުގެ ސްޕޯޓިން ސަކްސެސާ ކަމަށް ބަލައި އެ ޓީމަށް ފުރުސަތު ނުދޭން ނިންމައިފަ އެވެ.

އެއާ އެކު ރޭޑިއަންޓުގެ ހަރަކާތްތައް ހުއްޓި، އެ ގްރޫޕުން ނިއުއާ ހަވާލުވީ އެވެ.

ނިއުގެ އޮފިޝަލަކު ބުނި ގޮތުގައި ނުރަސްމީކޮށް ޕްރެކްޓިސްތައް ފެށީ ދެ ވަނަ ޑިވިޝަނުގައި ވާދަކުރެވޭނެ ކަމުގެ އުއްމީދު އޮތުމުން ކަމަށާއި ބޭނުމަކީ ތައްޔާރީ ހާލަތުގައި ތިބުން ކަމަށެވެ.

އެނގިފައިވާ ގޮތުގައި ރަސްމީކޮށް ފުރުސަތު ލިބުމުން ނިއު އިން ބޭރު ކުޅުންތެރިން ގެނެސް ޓީމު އިތުރަށް ވަރުގަދަކުރާނެ އެވެ.

ނިއު އެކޭ އެއްގޮތަށް ދަރަނީގެ މައްސަލައިގައި ސަސްޕެންޑް ކޮށްފައި އޮތް ވާދަވެރި ވިކްޓްރީން ފައިސާ ދެއްކުމުން ސަސްޕެންޝަނުން ސަލާމަތްވެފައިވާއިރު މިހާރު އަންނަނީ ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރުވަމުންނެވެ. ސްރީ ލަންކާގެ ޕަކީރު އަލީގެ ކޯޗުކަމުގައި ޕްރެކްޓިސް ފެށި ވިކްޓްރީ މިހާރު އޮތީ ޅ. ހިންނަވަރުގައި ކޭމްޕުކޮށްފަ އެވެ.

މި ދެ ޓީމު އެނބުރި އަންނަން ކުރާ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންނަނީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. ވިކްޓްރީގެ ރައީސަކީ މުލިއާގޭ ޗީފް އޮފް ސްޓާފް ހުސެއިން އާދަމް އެވެ. އަދި ނިއުގެ މަސައްކަތްތައް ރައީސްގެ ފަރާތުން ވިލަރެސް ކުރެއްވުމަށް އެމަނިކުފާނު ވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ހަމަޖައްސަވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް