ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ، (ފޮޓޯ. މަޖިލިސް)

ދަރަނި ބޮޑުވެ ކަންބޮޑުވުން؛ 'ނުރައްކާ ވަރަކަށް ރިޒާވް ދަށްވެދާނެ'

މި އަހަރާއި އަންނަ އަހަރު ވަރަށް ދަތިވެދާނެ ކަމަށް ނަޝީދު ލަފާކުރައްވާ

ދައުލަތުގެ ދަރަނި ވަރަށް ބޮޑުތަނުން މިހާރުވެސް ބޮޑުވެފައިވާ އިރު އަންނަ ޖުލައި މަހު ދައުލަތުގެ ރިޒާވް ނުރައްކާ ވާވަރަށް ދަށްވެދާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - މިރޭ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ވަޓްސްއެފް ގްރޫޕަށް ފޮނުއްވި މެސެޖުތަކެއްގައި ރައީސް ނަޝީދު ވަނީ ރާއްޖޭގެ ދަރަނި ރީސްޓްރަކްޗާ ނުކުރެވިއްޖެ ނަމަ ކުރިއަށް އޮތްތަނުގައި ކުރިމަތިވެދާނެ އިގްތިސާދީ ގޮންޖެހުންތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

މައްސަލަ - މި ސަރުކާރާ ހަވާލުވި ފަހުން ނެގި 2.4 ބިލިއަން ޑޮލަރު(37 ބިލިއަން ރުފިޔާ)ގެ ދަރަންޏާ އެކު ރާއްޖޭގެ ޖުމްލަ ދަރަނި 100 ބިލިއަން ރުފިޔާއާ ގާތްކުރެ އެވެ. މިއަހަރު ނިމޭއިރު ލޯނުތައް ދެއްކުމާއި އިންޓަރެސްޓަށް ކުރަން ޖެހޭ ހަރަދު 5.7 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބަޖެޓްގައި ލަފާކޮށްފައިވެ އެވެ. މީގެ އިތުރަށް:

  • އަންނަ އަހަރު ނިމޭ އިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކޭ ހިސާބަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ދުނިޔޭގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކު ކަމަށްވާ ޖޭޕީމޯގަން އިން ވަނީ ބުނެފައި

  • އެކަމަކު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވަނީ ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށާއި ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް، ރާއްޖެއިން ދަރަނި ދައްކަނީ ބޮންޑް ނުވަތަ ސުކޫކް ވިއްކައިގެން

ބުނީ ކީކޭ؟ -  ރައީސް ނަޝިދު ވިދާޅުވީ ދަރަނި ރީސްޓްރަކްޗާ ކުރުމުގެ މުހިއްމުކަމުގެ ވާހަކަ 2019 އާއި 2020 ގައި ދެއްކެވީ އެކަން ނުކޮށް، ބޮންޑު ވިއްކާ ނަމަ އޭގެ ތަކްލީފާ ފަހުން ކުރިމަތިވާނޭކަން އެނގިވަޑައިގެން ހުންނަވާ ކަމަށެވެ. އެގޮތުން މިއަހަރާއި އަންނަ އަހަރު، ދަތިވެ ދަރަނި އަދާކުރަން އުނދަގޫވާނެ ކަން އޭރުވެސް ފާހަގަ ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝިދު ވިދާޅުވީ އަދިވެސް ކަންކަން ހިނގަމުންދާ ގޮތް މަޖިލިސް މެމްބަރުންނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. 

"މިހާރުވެސް ކަންތައް ހުރި ގޮތް އެމްޕީސް (މަޖިލިސް މެމްބަރުން) އަށް ސާފެއް ނުވޭ. ކުރިއަށް އޮތް މަސްތަކުގައި ދައްކަން ހުރި މިންވަރާއި ފައިސާ ހޯދާ ގޮތް ސާފެއް ނުވޭ. މި ކަން މާލިއްޔަތު ކޮމިޓީން ސާފުކުރުން ވަރަށް މުހިއްމު،" އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އަންނަ މަހު ދައުލަތުގެ ރިޒާވް 'ނުރައްކާވާ މިންވަރަކަށް' ދަށްވެދާނެ ކަމަށެވެ.

"އަޅުގަނޑުގެ އެސްޓިމޭޓްގައި ޖުލައި މަހު ރިޒާވް ވަރަށް ދަށްވާނެ. ނުރައްކާ ވާ ވަރަށް ދަށްވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ގުޅުން ހުރި ކަމެއް - ރާއްޖޭގެ ރަސްމީ ރިޒާވްއާ ގުޅޭ ގޮތުން މިދިޔަ މަހުގެ 25 ގައި ފިނޭންސް މިނިސްޓަރު ވިދާޅުވީ:

  • މިދިޔަ އަހަރު ނިމުނު އިރު ހުރީ ގާތްގަނޑަކަށް 700 މިލިއަން ޑޮލަރު 

  • އޭގެ އެއް ހަފްތާ ކުރީގައި ހުރީ 900 މިލިއަން ޑޮލަރު؛ އަހަރު ނިމުނު އިރު ރިޒާވް ދަށަށް ދިޔައީ އިންޑިއާގެ ކަރަންސީ ސްވޮޕަށް 250 މިލިއަން ޑޮލަރު އެއް ފަހަރާ ދެއްކުމުން

  •  މިހާރު ރިޒާވް ހުރީ 800 މިލިއަން ޑޮލަރުގައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް