ސައީދު ހޯދަން އެމްއެންޑީއެފްގެ ޑައިވަރުން ހަރަކާތްތެރިވަނީ (ފޮޓޯ/އެމްއެންޑީއެފް)

އެމްއެންޑީއެފް

ސައީދު ހޯދުމުގެ މަސައްކަތް ކޯސްޓް ގާޑުން މެދުކަނޑާލައިފި

މި އޮޕަރޭޝަންގައި ވައިގެ މަގުންނާއި ކަނޑުގެ މަގުން އަދި ކަނޑު އަޑިން ބޮޑު ސަރަހައްދެއް ވަނީ ބަލާފައި

ޏ. ފުވައްމުލަކު ނެރު ކައިރީގައި އޮންނަ 'ޓައިގާ ޝާކް' ޑައިވިން ޕޮއިންޓަށް ޑައިވިނަށް ފައިބައިގެން އުޅެނިކޮށް ގެއްލުނު ތަޖުރިބާކާރު ޑައިވަރު މުހައްމަދު ސައީދު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ކޯސްޓް ގާޑުން މެދުކަނޑާލައިފި އެވެ.

ވީ ކިހިނެއް؟ - އިތުރު މީހަކާ އެކު ފުވައްމަލު ބޭރަށް ޑައިވް ކުރަނިކޮށް ސައީދު ގެއްލުނީ 2 މެއި ގަ އެވެ. އޭނާ ގެއްލިގެން އެ ދުވަހު މެންދުރުފަހު 3:30 ހާއިރު ރިޕޯޓު ކުރުމާ އެކު ކޯސްޓް ގާޑުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. 

ސައީދާ އެކު ދެން ޑައިވިންއަށް ފޭބި މަހުމޫދު ފާއިޒުގެ ހާލު ދެރަވެ، ޑީކޯވެގެން އިތުރު ފަރުވާއަށް ކަނޑިންމަ ރިސޯޓަށް ގެންދިއުމަށް ފަހު މިދިޔަ ބުދަދުވަހު މާލެއަށް ވަނީ ގެނެސްފަ އެވެ.

ޑައިވިން އަށް ގޮސް އުޅެނިކޮށް މުހައްމަދު ސައީދު ގެއްލުނު ހިސާބު (ފޮޓޯ/އެމްއެންޑީއެފް)

ތަފްސީލު - ސައީދު ގެއްލުނު ފަހުން މި ވީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޯސްޓު ގާޑުން:

  • ވައިގެ މަގުން 2،960 ސްކުއާ މޭލުގެ ސަރަހައްދެއް ބެލި

  • ކަނޑުގެ މަގުން (ސާފަސް ސާޗް) 760 ސްކުއާ މޭލު ބެލި

  • ކަނޑުގެ އަޑިން 1،000 މީޓަރު (ފުންމިން 85 މީޓަރު)ގެ ސަރަހައްދެއް ބެލި

ސްލޯޕެއް ގޮތަށް އުފެދިފައިވާ އެ ސަރަހައްދުގެ ފުންމިނުގައި 70 އާއި 100 މީޓަރު ހުންނާނެކަމަށް އެމްއެންޑީއެފް އިން ލަފާކުރެ އެވެ. އެ ސަރަހައްދުން ޑައިވިން ބެލްޓަކާއި ސައީދު މަސްހިފަން ބޭނުންކުރިކަމަށް ލަފާކުރެވޭ އާލާތެއް ސިފައިންގެ ޑައިވަރުން ހޯދި އެވެ.

މުހައްމަދު ސައީދު މަސްހިފަން ބޭނުންކުރި ކަމަށް ބެލެވޭ އާލާތް: އޭތި ފެނުނީ 59 މީޓަރު އަޑިން

ސައީދު ގެއްލުނީ މޫސުން ވަރަށް ގޯސް ދުވަސްވަރެއްގައި ކަމުން، އޭނާ ހޯދަން ހިންގި އޮޕަރޭޝަނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް އެމްއެންޑީއެފްއިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އެނގުން މުހިންމު - ސައީދު ފީނަން ފޭބިއިރު އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ޑައިވިން ސޫޓަކާއި ކަޅު ކުލައިގެ ފިންސަކާއި ކަޅު ކުލައިގެ މާސްކެކެވެ. އޭނާގެ އަތުގައި ރީނދުލާއި އޮރެންޖު ކުލައިގެ ބެލޫނެއް އޮންނާނެކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް