ޖީސުސް (ކ) އާސެނަލްގެ ކޯޗު އާޓެޓާއާ އެކު ޖާޒީ ދައްކާލަނީ.

އާސެނަލް

ސިޓީގެ ޖީސުސް އާސެނަލް އަށް

އޭނާ ވަނީ ސިޓީގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައި

މެންޗެސްޓާ ސިޓީގެ ބްރެޒިލް ފޯވާޑް ގެބްރިއަލް ޖީސުސް އާސެނަލް އަށް ސޮއިކޮށްފި އެވެ.

ޖީސުސް އާސެނަލް އަށް ބަދަލުވީ 45 މިލިއަން ޕައުންޑުގެ އަގަކަށެވެ. އޭނާ ވަނީ އެ ކްލަބުގެ މެޑިކަލް ހަދައި، އެގްރިމެންޓުގައި ވެސް ސޮއިކޮށްފަ އެވެ.

ޖީސުސް ލިބުމަކީ، އެލެކްޒެންޑާ ލަކަޒޭ އާއި ޕިއެރޭ-އެމެރިކް އޯބަމަޔަން ދިއުމުން ނިކަމެތިވެފައިވާ އާސެނަލްގެ ފޯވާޑް ލައިނަށް ލިބުނު ވަރުގަދަ ކަމެކެވެ.

ސިޓީގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރިއިރު ޖީސުސް އަށް ކޯޗުކޮށްދިން، އާސެނަލްގެ މިހާރުގެ ކޯޗު މިކޭލް އާޓެޓާ ބުނީ މި ފެންވަރުގެ ކުޅުންތެރިއަކު ގެނައުމަކީ ކްލަބުން ކުރި މުހިއްމު މަސައްކަތެއް ކަމަށެވެ.

"އަހަރެމެން އެންމެން ބޭނުންވި ކުޅުންތެރިއަކު މި ލިބުނީ. އަހަރެން މިހިރީ ވަރަށް އުފާވެފައި،" އާޓެޓާ ބުންޏެވެ.

ޖީސުސް އަކީ އާސެނަލް އަށް މި ޓްރާންސްފާގައި ގެނައި ހަތަރު ވަނަ ކުޅުންތެރިޔާ އެވެ. ދެން ގެނައީ މިޑްފީލްޑަރު ފަބިއޯ ވިއެއިރާ އާއި ގޯލްކީޕަރު މެޓް ޓާނާ އަދި ފޯވާޑް މާކީނިއޯސް އެވެ.

ސިޓީން ޖީސުސް ވިއްކާލީ ނޯވޭ ފޯވާޑް އާލިން ހާލަންޑް ގެނައުމަށް ފަހު އެވެ. މީގެ ފަސް އަހަރު ކުރިން ސިޓީއާ ގުޅުނު ޖީސުސް ވަނީ އެ ޓީމާ އެކު ޕްރިމިއާ ލީގު ހަތަރު ފަހަރު، ލީގު ކަޕް ތިން ފަހަރު އަދި އެފްއޭ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.

"ސިޓީ އަށް ކުޅެވުމަކީ ލިބުނު އުފަލެއް،" ޖީސުސް ބުންޏެވެ. "އެ ކްލަބަށް ދިޔައިރަށް ވުރެ އަހަރެން މިހާރު ފުރިހަމަވެފައިވާ ކަމަށް ގަބޫލުކުރަނީ."

އޭނާ ބުނީ އާސެނަލްއާ ގުޅެވުނީތީ ހިތްހަމަޖެހިފައިވާ ކަމަށާއި އާޓެޓާއާ މެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

"އޭނާއާ އެކު ކުރިން މަސައްކަތްކުރިން. އެއީ ވަރަށް މޮޅު ކޯޗެއް،" ޖީސުސް ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް