ވާހަކަ: މިއީ ތަޤްދީރުހޭ

ވާހަކަ

ވާހަކަ: މިއީ ތަގުދީރު ހޭ؟

ނަތާއަކީ އެކްޓް ކުރަން މޮޅު މީހެކެވެ. ހަގީގަތް ނޭނގޭ މީހަކަށް އެ އެކްޓް ގަބޫލުކުރެވިދާނެއެވެ. އަހަރެން ނަތާގެ އެކްޓަށް ހެއްލެނީކީ ނޫނެވެ. ދަރިފުޅަށްޓަކައި ދޫދެނީއެވެ.
19 ސެޕްޓެމްބަރު 2022

އެޕިސޯޑް 15

އަހަރެންނަށް ހޭލެވުނީ އެއްޗެއް ވެއްޓި ތަޅައިގެން ދިޔަ އަޑަށެވެ. ދެ ލޯ ހުޅުވާލާފައި ދޮރާ ދިމާލަށް ބަލައިލެވުނެވެ. ނަތާއަށް ގޮވަން ބަލައިލި އިރު ނަތާއެއް ނެތެވެ. އަހަރެން މަޑުމަޑުން ހިނގަމުން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ޒުފާންގެ ކޮޓަރިއާ ދިމާލަށް ދިޔައީމެވެ. ދޮރު ހުޅުވާލި އިރު ޒުފާން އޮތީ ގަދަ ނިދީގައެވެ. އެ ވަގުތު ކާ ކޮޓަރި ތެރެއިން މީހަކު އަންނަހެން ހީވެގެން އަހަރެން ބަލަހައްޓައިގެން ހުރީމެވެ. އައީ ލަތީކާއެވެ.

"ލަތީކާ؟ ކީއް ތި ކުރަނީ މިއޮތް ދަންވަރު؟" އަހަރެން އަހާލީމެވެ.

"އަޅުގަނޑު ފެން ބުއީ،" ލަތީކާ އިސްޖަހަމުން ބުންޏެވެ.

"ކޮބާ މެޑަމް؟" އަހަރެން އަނެއްކާވެސް އެހީމެވެ.

"އަޅުގަނޑަކަށް ނޭނގެ. އަޅުގަނޑު ނިދަން އޮތް އިރު ކޮޓަރީގައި އުޅުއްވާ،" ލަތީކާ ބުންޏެވެ.

އެއީ ތެދެކެވެ. ލަތީކާ ނިދަން ވަނީ އަހަރެން ސިޓިން ރޫމުގައި އިންދައެވެ. ކޮޓަރިއަށް ވަދެ ފާހާނާ ބެލީމެވެ. ނަތާއެއް ނެތެވެ. މިގެއަކީ މާ ގިނަ ކޮޓަރި ހުރި ތަނެއް ނޫނެވެ. އަނެއްކާ މިފަދަ ދަންވަރު ގަޑިއެއްގައި ނަތާ ދާނީ ވަކި ކޮންތާކަށް ހެއްޔެވެ؟ އަހަރެން ހާސްވާ ގޮތްވިއެވެ. ވަގުތުން ނަތާއަށް ގުޅީމެވެ. ފޯނު އޮތީ ނިއްވާލާފައެވެ. އެތައް ފަހަރަކު ގުޅީމެވެ. ދެނީ އެއް ޖަވާބެކެވެ. ހިތުގައި ބިރުވެރި ހިޔާލުތަކެއް އެނބުރެން ފެށިއެވެ. ނަތާ އަހަރެން ދޫކޮށްލާފައި ދިޔައީ ބާވައެވެ؟ ނޫނެކެވެ. އަހަރެމެންގެ ދަރިފުޅަށް ނަތާ އެހެންނެއް ނުހަދާނެއެވެ. ނޫނީ ނަތާއަށް އަނެއްކާ ކަމެއް ވީ ބާވައެވެ. އެކަމަކު ގާތުގައި ނިދާފައި އޮތް އަހަރެންނަށް ނޭނގުނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ބޮލަށް ބަރުވާން ފެށިއެވެ.

ކޮޓަރި ތެރޭގައި ދެ ކޮޅަށް ހިނގާލަ ހިނގާލައި ހުރީ ދެން ހަދާނެ ގޮތެއް ނޭނގިފައެވެ. އެ ވަގުތު މީހަކު ދޮރު ހުޅުވާލި އަޑަށް އަހަރެން ބަލާލީމެވެ. ވަނީ ނަތާއެވެ.

"ކޮންތާކުން ތި އައީ؟" އަހަރެން ނަތާގެ އަތުގައި ހިފާފައި އެހީމެވެ.

"ލިފާން ނުނިދަންތަ؟" އަތް ދަބަސް މޭޒުމަތީގައި ބަހައްޓަމުން ނަތާ އެހިއެވެ. މޫނުމަތިން އެއްވެސް ހާސްކަމެއް ފެންނާކަށް ނެތެވެ.

"އަހަރެން މި އަހަނީ ކޮންތާކުން ހޭ ތި އައީ؟" އަހަރެން ކެތްކުރަމުން އެހީމެވެ.

"މި އައީ ރައްޓެހި ކުއްޖެއް ހޮސްޕިޓަލްއަށް ވިހަން ގެންދިޔައީމައި އެ ތަނުގައި އުޅެފައި،" ނަތާ ފާހާނާއަށް ވަންނަމުން ބުންޏެވެ.

ނަތާއަކީ ޑޮކްޓަރެއް ހެއްޔެވެ؟ ރައްޓެހިން ވިހޭމައި ގޮވާލަން އަނެއް ދުވަހު ވެސް ދެވޭނެ ނޫން ހެއްޔެވެ؟ މިއީ ކޮންމެހެން ވެސް ދާން ޖެހޭ ގަޑިއެއް ހެއްޔެވެ؟ އަނެއް ކޮޅުން ގޮވާލާފައި އަހަރެން ގާތު ބުނެލާފައި ދިޔަ ނަމަ ކީއް ހެއްޔެވެ؟ ނަތާގެ ފޯނު އޮތީ މޭޒުމަތީގައެވެ. އެ ވަގުތު ފޯނަށް މެސެޖެއް އައެވެ. ފޯނާ ދިމާލަށް ބަލަހައްޓައިގެން އަހަރެން ހުރީމެވެ. ހަމަ ގައިމުވެސް އެއީ ވިހަން ވައްދާފައި އޮތް ރައްޓެހި ކުއްޖާއަކަށް ނުވާނެއެވެ. އަހަރެން ހިނގައިގަތީ ފޯނު ނަގާށެވެ. ނަމަވެސް ނަތާ އެ ވަގުތު ފާހާނާއިން ނުކުތެވެ.

"އަހަރެންނަށް އަހާލެވިދާނެތަ ކިހާ ގާތް ރައްޓެއްސެއްތޯ އެއީ؟" އަހަރެން އެހީމެވެ.

"ލިފާން އޭނަ ނުދަންނާނެ. ވަރަށް ކުރީގެ ފްރެންޑެއް އެއީ،" ނަތާ ފޯނު ހިފައިގެން އައިސް އެނދުގައި އިށީނެވެ. އަހަރެން ވެސް އެނދުގައި ޖައްސާލީމެވެ.

"ކޮން އިރަކު ގުޅީ އޭނަ ބަނޑުގައި ރިއްސާތީ؟" އަހަރެން އެހެން ބުނުމުން ނަތާ އަހަރެންނަށް ބަލައިލިއެވެ.

"ލިފާން މިރޭ ކިހިނެއް ވެގެން ތި އުޅެނީ؟ ހާދަ ބައިވަރު ސުވާލެއް؟ އަނެއްކާ ކަމެއް ވީތަ؟" ހީލަމުން ނަތާ އެހިއެވެ.

"އަހަރެން ކިހާ ގިނައިން ގުޅިން. ނަތާ އެންމެ ފަހަރަކު ވެސް ފޯނު ނެގި ނަމަ. ނޫނީ ކޯލް ބެކް ކުރި ނަމަ،" އަހަރެން ޝަކުވާގެ ރާގެއްގައި ބުނީމެވެ.

ފޯނު އޮތީ ދަބަހުގައޭ. ދެން މަށަށް އެނގޭނެތަ ލިފާން ހޭލައިގެން އެ ގަޑީގައި ގުޅާނެ ކަމެއް؟" ނަތާ ވާހަކަ ދެއްކި އިރުވެސް އިނީ ފޯނާ ކުޅޭށެވެ.

"އަދިވެސް ނުބުނަމެއްނު އޭނަ ގުޅީ ކޮން އިރަކު ކަމެއް؟" އަހަރެން އަނެއްކާވެސް ބުނީމެވެ.

"ހާދަ ވަރުގަދަ އިންވެސްޓިގޭޝަންއެއް. އަހަރެންނަކަށް އޭނަ ނުގުޅާ. އޭނަ މިރޭ އިރާކޮޅު އެޑްމިޓް ކުރި. ދެން ފަހުން ހޭލެވިގެން އޭނަ ފޯނަށް ގުޅާލީމައި އޭނަގެ ހަޒް ބުނީ މިހާރު ލޭބަ ރޫމްގައޭ. ދެން އަހަރެން އެ ތަނަށް ދިޔައީ." ނަތާގެ ވާހަކަ ކިތަންމެހާ ވެސް ފަށުއިވެފައި އޮމާނެވެ. ގަބޫލު ނުކުރަން އުޅޭ މީހަކަށް ވެސް އެ ހެކިތައް ފުދޭނެއެވެ.

މެންދުރު 2 ޖެހިއެވެ. އަހަރެން އިނީ ފިހާރައިގައެވެ. ދޮންބެ ގާތުގައި، އެބަ އަންނަމޭ ބުނެފައި އަހަރެން ނުކުމެގެން ދިޔައީ ހެންވޭރުކޮޅަށެވެ. ދުއްވޭ އެންމެ ބާރަކަށް ސައިކަލުގައި އަހަރެން ދިޔައީމެވެ. ސައިކަލު ޕާކް ކޮށްފައި ފަސް ފަންގިފިލާއަށް ހަދާފައިވާ އިމާރާތަކަށް އެރީމެވެ. އަހަރެން ވަނީ އެތަނުގެ ތިންވަނަ ފަންގިފިލާއަށެވެ. އެތަނުގައި ދެ ޖިންސުގެ މީހުން ހޭލަމޭލަވެ އުޅެއެވެ. ކޮންމެ މީހަކު ވެސް ބުރަ މަސައްކަތް ކުރަމުން ދިޔައީ ހަށިގަނޑުގައި ރީތި ބައްޓަމެއް ނެރެވޭތޯއެވެ. ނުވަތަ ސިއްހަތު ރަނގަޅުކޮށް ހުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރެވޭ ތޯއެވެ. އެއް ބަޔަކު ބަރު އުފުލަނީއެވެ. އަނެއް ބަޔަކު ދުވާ މެޝިންތަކުގައި ދުވަނީއެވެ. ދޮރުން ވަދެގެން އައި ގޮތަށް އަހަރެން ފަހަރަކު މީހަކަށް ބަލަމުން ދިޔައީމެވެ. ނަމަވެސް ނަތާ އަހަރެންގެ ލޮލުގައި އަޅައެއް ނުގަތެވެ. ތަނުގައި އުޅޭ މުވައްޒަފެއް ގާތު އެހުމުން އެނގުނީ ނަތާ ނާންނަ ކަމެވެ. އަހަރެންނަށް ދެ ލޯ މަރައިލެވުނެވެ. އިސްޖަހައިލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ލޯ ހުޅުވާލީ ނަތާ ގޭގައި ވެދާނެ ކަމަށް އުންމީދުކޮށެވެ.

"ކޮބާ މެޑަމް؟" ނަތާގެ ފޯނަށް ނުގުޅާ އަހަރެން ގުޅީ ލަތީކާގެ ފޯނަށެވެ.

"މެޑަމް ޖިމްއަށް ދިޔައީ." ލަތީކާ ޖަވާބު ދިނުމުން އަހަރެން ފޯނު ކަނޑާލީމެވެ.

އަހަރެންގެ އުންމީދުތަކުގައި ކޮޅުފައިން ޖަހާފައި ނަތާ ވީ ކޮންތާކު ހެއްޔެވެ؟ އަހަރެންގެ ހިތުގައި ފައި ކުރު ކޮށްފައި ޖެހީތީ އަހަރެން ރޯން ބޭނުންވިއެވެ. ކަށިން މަދު ނަގާފައި އަހަރެން ބުރަ މަސައްކަތް ކުރީ ނަތާ އާއި ދަރިފުޅަށް ފާގަތި، އުފާވެރި ހަޔާތެއް ހޯދައިދެވޭތޯއެވެ. ނަތާ ދެކެ އިންތިހާއަށް ރުޅި އަންނަން ބޭނުންވިއެވެ. މިހާ ގިނަ ދުވަހު އެކީގައި ހޭދަ ކުރި އަނބިމީހާއަކީ އަހަރެން ނުދަންނަ ބީރައްޓެއްސަކަށް ވީ ފަދަ އިހުސާސެއް ކުރެވެން ފެށިއެވެ. އަހަރެން ވާ ލޯބީގެ ބަދަލުގައި އަހަރެން ބޭނުންވީ އިހުލާސްތެރިކަމާއި ވަފާތެރިކަމެވެ. ލަދުވެތިކަމާއި އަމާނާތްތެރިކަމެވެ. ނަމަވެސް ނަތާ، އިން ފަހަނައަޅައި ދިޔަތާ ކިތަންމެ ދުވަހެކެވެ. ނަތާއަށްޓަކައި އަހަރެން ވީ ގުރުބާނީގެ އެއްވެސް އަގެއް މިއަދު ނެތެވެ. ކުރި އިތުބާރާއި ދިން ލޯބީގެ އަގެއް ވެސް ނެތެވެ. ތެދުވެރިކަމެއް ނެތް ގުޅުމަކަށް އޮފު އަރުވަން ކިތަންމެ ވަރަކަށް އުޅުނަސް އެއިން ނުކުންނާނީ ފުސްކަމެވެ. ނަތާއަށް އަދިވެސް އިތުރު ފުރުސަތުތައް ދެވިދާނެއެވެ. އެކަމަކު ނަތާ އިސްލާހު ވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. އެ އިތުބާރުގައި ވަނީ ރެނދުލާ ތަޅައިގެން ގޮހެވެ.

ކަރު އެލުވާލައިގެން ސައިކަލު މަތީގައި އަހަރެން އެތައް އިރަކު އިނީމެވެ. ދާނެ ވަކި ދިމާލެއް ނޭނގިފައެވެ. އަހަރެންގެ ފޯނު ރިންގުވީ އެ ވަގުތުއެވެ.

"ތިންގަޑި ބައިގައި ފުރާނެ ތި ކޮޅުން ލޯންޗެއް. އެއްވެސް ސުވާލެއް ނުކޮށް އާދެބަލަ ޕާމްއަށް." ސަމީހު ބުނިހާ ވެސް އެއްޗަކީ އެއީއެވެ. ޕާމްއަކީ ރިޒޯޓެކެވެ. އަހަރެން ގަޑިއަށް ބަލާލީމެވެ. އޭރު ތިނެއް ޖަހަން ފަސް މިނެޓެވެ. ސައިކަލުގައި ދުއްވަމުން ދިޔަ އިރު ހިތްނުތަނަވަސް ވެގެން މީހާ އިނީ ބޮލަށް އެނބުރުން އަރާފައެވެ. ސަމީހު ބުނީ ކީކޭކަން އަހަރެންނަށް އެނގުނެވެ. ނޭނގެނީ ދައްކަން އެ އުޅެނީ ކޮން މަންޒަރެއް ކަމެވެ.

- ނުނިމޭ -

އެހެން ބައެއް ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް