ޖަޕާންގެ ފުރަތަމަ ލަނޑު މަތަކުރެވޭތޯ ޖަރުމަންގެ ކީޕަރު މެނުއަލް ނޯޔާ ބަލަނީ. ނަމަވެސް އަތުގައި ބޯޅަ ޖެހޭ ވަރެއް ނުވި (ފޮޓޯ/އޭއެފްޕީ)

ފޮޓޯ ސްޓޯރީ: ޖަޕާނުގެ ޖާދުލެއް ކަހަލަ މޮޅު

25 ނޮވެމްބަރު 2022
ވޯލްޑް ކަޕްގައި ޖަރުމަނާ ދެކޮޅަށް ޖަޕާނުން ކުޅުނު ފުރަތަމަ މެޗުން މޮޅުވި ގޮތް ވޯލްޑް ކަޕްގެ ތާރީހުގައި ލިއެވޭނެ

ވޯލްޑް ކަޕް ކާމިޔާބުކުރި ގައުމެއްގެ އަތުން މޮޅުވުމަކީ އޭޝިއާގެ ޓީމުތަކަށް ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. ނޯތު ކޮރެޔާ އިން 1966ގައި އިޓަލީ ބަލިކުރުމާއި ސައުތު ކޮރެޔާ އިން 2002 ގައި އިޓަލީ ބަލިކުރުން ފަދަ ނަތީޖާ، ވޯލްޑް ކަޕްގައި ތަކުރާރުކުރެވޭ ވަރަށް އޭޝިއާގެ ފުޓްބޯޅަ އޭރު ތަރައްގީއެއް ނޫނެވެ.

އެކަމަކު ގަތަރު ވޯލްޑް ކަޕްގައި މިދިއަ ބުދަދުވަހު ޖަޕާނުން ޖަރުމަން ބަލިކުރި ގޮތާއި އޭގެ ކުރިން ސައުދީ އަރަބިއްޔާ އިން އާޖެންޓީނާގެ މައްޗަށް ހޯދި ކާމިޔާބީތަކުން، އޭޝިއާގެ ފުޓްބޯޅައިގެ މަގު އަލިކަން ދުނިޔެއަށް ވަނީ ދައްކައިދީފަ އެވެ،

ދެ ކުޅުންތެރިޔަކު ބޮލުން ޖަހަން ފުންމައިގެން އަރައި: މިއީ ވޯލްޑް ކަޕްގައި ޖަޕާނާއި ޖަރުމަން ވާދަކުރި ފުރަތަމަ މެޗު (ފޮޓޯ/އޭއެފްޕީ)
އެކަމަކު މެޗުގެ ކުޅުން ކުރިއަށް ދިޔަ ވަރަކަށް ވާދަވެރިކަން ވެސް ބޮޑުވެ، ފޯރި ވެސް ގަދަވި (ފޮޓޯ/އޭއެފްޕީ)

އޭޝިއާގެ ފުޓްބޯޅައިގެ ބޮޑު ބާރެއް ކަމަށްވާ އަދި އެންމެ އިންތިޒާމީ ގޮތެއްގައި ފުޓްބޯޅަ މުބާރާތްތައް ވެސް ބާއްވަމުން އަންނަ ޖަޕާނުގެ ގޯލަށް ޖަރުމަނުން 33 ވަނަ މިނިޓްގައި ލަނޑު ޖަހައި، ލީޑު ނެގި އެވެ. މިއީ ވޯލްޑް ކަޕްގެ އެންމެ ތަޖުރިބާ ބޮޑު އެއް ގައުމަށް ވުމުން މެޗުގައި ޖަރުމަނަށް މޮޅުވާން އެޅުނު ފިޔަވަޅެއް ކަމަށް ބެލެވުނެވެ.

ނަމަވެސް ދެ ވަނަ ހާފުގައި ޖަޕާންގެ ހިތްވަރު ވަރަށް ތަފާތުވި އެވެ. ކުޅުން ވެސް އެހާމެ ތަފާތުވި އެވެ. ހަލުއި ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޓީމަކަށް ވުމުން، ޖަރުމަނަށް ބޮޑެތި އުނދަގޫތައް ވެސް ކުރިމަތިވި އެވެ.

ޖަޕާނުން ޖަރުމަން ކޮޅަށް ފުރަތަމަ ލަނޑު ވައްދާލަނީ: މިހާ ހިސާބުން މެޗުގެ މަންޒަރު ބަދަލުވި (ފޮޓޯ/އޭއެފްޕީ)
ދުނިޔޭގެ އެންމެ މޮޅު އެއް ކީޕަރުގެ ގޮތުގައި ބެލެވޭ އަދި ޖަރުމަންގެ ކެޕްޓަން މެނުއަލް ނޯޔާއަށް ޖަޕާންގެ އެ ބޯޅަ އަތު ނުވެ ގޯލަށް ވަންނަނީ (ފޮޓޯ/އޭއެފްޕީ)
ޖަޕާންގެ ފުރަތަމަ ލަނޑު ޖަރުމަންގެ ކީޕަރު މެނުއަލް ނޯޔާއަށް ފުރުސަތު ނުދީ ރިޓްސޫ ޑޮއާން ޖަހަނީ (ފޮޓޯ/އޭއެފްޕީ)

މެޗުގެ މަންޒަރު ބަދަލުވާން ފެށީ 75 ވަނަ މިނިޓްގައި ޖަޕާނުން ވަރަށް ރީތި ގޯލަކާ އެކު އެއްވަރުކުރުމުންނެވެ. ޖަރުމަނަށް އެއީ ޝޮކެކެެވެ. ވޯލްޑް ކަޕްގައި އޭގެ ކުރިން އޭޝިއާގެ ގައުމެއްގެ އަތުން އެކަހަލަ ޕްރެޝަރަކަށް ޖަރުމަން ވެއްޓިފައެއް ނުވެ އެވެ. ޖަޕާން ކުޅުންތެރިން ގެންދިޔައީ އެ ޕްރަޝަރު ބޮޑުކުރަމުން، ޖަރުމަން ހާސްކުރަމުންނެވެ.

މެޗުގެ 83 ވަނަ މިނިޓްގައި ޖަޕާންގެ ޓަކޫމާ އަސާނޯ، ޖަރުމަންގެ ޕެނެލްޓީ އޭރިޔާ ތެރެއަށް އަރިމަތިން ވަދެގަނެ، ގޯލުގެ ހަނި އެންގަލް ނަގައިގެން ނޯޔާ އޮއްވާ އެ ޖެހި ބާރު ބޯޅައިން މުޅި މެޗުގެ ނަތީޖާ އެނބުރުނީ އެވެ. މިއީ ކިތައްމެ މޮޅު ކީޕަރެއް ނަމަވެސް ލޯ މެރިގެން ދާނެ ފަދަ ބާރު ހަމަލާއެކެވެ.

ޖަޕާންގެ ޓަކޫމާ އަސާނޯ ދެ ވަނަ ލަނޑު ޖަހަނީ (ފޮޓޯ/އޭއެފްޕީ)
ޖަރުމަން ކޮޅަށް ތާރީހީ ލަނޑު ޖެހުމަށް ފަހު ޓަކޫމާ އަސާނޯ އުފާ ފާޅުކުރަނީ (ފޮޓޯ/އޭއެފްޕީ)
ޖަޕާންގެ ދެ ވަނަ ލަނޑުގެ އުފާ ފާޅުކުރަން ޖަޕާންގެ މުޅި ބެންޗު ކަހަލަ ގޮތަކަށް ދަނޑުގެ އެއް އަރިމައްޗަށް އެއްވި (ފޮޓޯ/އޭއެފްޕީ)

ވޯލްޑް ކަޕަކީ އަބަދުވެސް ހައިރާންކުރުވަނިވި ނަތީޖާ ނުކުންނަ މުބާރާތެކެވެ. އެކަމަކު ޖަރުމަނަށް އެފަދަ މެޗުތަކާ ކުރިމަތިލާން ޖެހިފައި އޮތީ ވަރަށް މަދުންނެވެ. މުބާރާތުގެ ފުރަތަމަ މެޗު ކަމަށް ވުމުން، އެހާ ނުބައި ފެށުމަކުން ލިބޭ މާޔޫސްކަން ވެސް  ބޮޑެވެ.

މެޗު ނިމެން ދަނީ ރަނގަޅަށް ނޫންކަން ޖަރުމަންގެ ބެންޗާއި ކޯޗުގެ ހަރަކާތްތަކުން އިހުސާސްކުރެވެ އެވެ. ދުވަހަކީ ޖަރުމަނުގެ ދުވަހެއް ނޫންކަން ޔަގީންވާ ހިސާބަށް ޖަޕާނުން މެޗުގެ ކޮންޓްރޯލް އަތުލި އެވެ.

ޖަޕާން އަތުން ޖަރުމަން ބަލިވަމުން ދިޔަ އިރު ޖަރުމަންގެ ކޯޗު ހަންސީ ފްލިކް (ފޮޓޯ/އޭއެފްޕީ)
މެޗުގެ ފަހު ވަގުތު ކޮޅުގެ ގަބޫލުކުރަން ދަތި ނަތީޖާއާ ހެދި ޖަރުމަންގެ ބެންޗު ހިމޭންވެފައި (ފޮޓޯ/އޭއެފްޕީ)

އަދި މި އުޅެނީ ވޯލްޑް ކަޕްގެ އެންމެ ކުރީ ކޮޅުގަ އެވެ. ނަމަވެސް ޖަރުމަން ބަލިކުރުމަކީ ޖަޕާނަށް ވަރަށް ބޮޑު ކާމިޔާބީއެކެވެ. އެހެންކަމުން އެ އުފާ ކުޅުންތެރިން އައީ މެޗުގެ ފަހު ކަށިގަނޑާ އެކު ފާޅުކުރަމުންނެވެ.

ގްރޫޕް އީގައި ޖަރުމަންގެ އިތުރުން ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑު ބާރެއް ކަމަށްވާ ސްޕެއިން ވެސް އޮތުމުން، ފުރަތަމަ މެޗުގެ ތިން ޕޮއިންޓަކީ ޖަޕާނަށް ހަމަ ވަރަށް ބޮޑު އުފަލަކާއި، ބޮލުން އެހާމެ ބޮޑު ޕްރެޝަރެއް ވެސް ނައްތާލުމެވެ.

ޖަޕާންގެ ކުޅުންތެރިއަކު ދަނޑު މަތީގައި އުފަލުން މައްޗަށް ބަލަހައްޓައިގެން (ފޮޓޯ/އޭއެފްޕީ)
ޖަޕާންގެ ފުރަތަމަ ލަނޑު ޖެހި ރިޓްސޫ ޑޮއާން، މެޗަށް ފަހު އުފާ ފާޅުކުރަނީ (އޭއެފްޕީ)
ޖަޕާނުން މި ހޯދި މޮޅަކީ ވޯލްޑް ކަޕްގެ ތާރީހަށް ދެމިގެންދާނެ ކާމިޔާބީއެއް (ފޮޓޯ/އޭއެފްޕީ)
މެޗުގެ ފަހު ކަށިގަނޑާ އެކު ޖަރުމަންގެ ކުޅުންތެރިންނަށް ދަނޑު މަތީ ވިސްނާލަން އިރުކޮޅަކު މަޑުކޮށްލެވުނު (ފޮޓޯ/އޭއެފްޕީ)
ޖަޕާން އަތުން ބަލިވުމުން ޖަރުމަންގެ ސަޕޯޓަރުން ދަނޑުގައި ދެރަވެފައި: ކުޅިވަރަކީ މިކަހަލަ އެއްޗެއް (ފޮޓޯ/އޭއެފްޕީ)

އިތުރު އާޓިކަލް

އިތުރު އާޓިކަލް