އެމްއެމްއޭ އިން ދިވެހި ރުފިޔާގެ ނިޝާން މިއަދު ދައްކާލަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެމްއެމްއޭ

ދިވެހި ރުފިޔާގެ ރަސްމީ ނިޝާން ތައާރަފްކޮށްފި

މި ނިޝާން ބޭނުންކުރާނީ ހިސާބު އަދަދުގެ ފަހަތަށް ވާ ގޮތަށް؛ ދެން ޗާޕުކުރާ ނޫޓުތަކުގައި މި ނިޝާން ބޭނުންކުރާނެ

ދިވެހި ރުފިޔާގެ ރަސްމީ ނިޝާނެއް ފުރަތަމަ ފަހަރަށް މިއަދު ތައާރަފްކޮށްފި އެވެ.

ވީ ކިހިނެއް؟ - ރުފިޔާގެ ރަސްމީ ނިޝާން ފަރުމާކޮށް ހުށަހެޅުމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ އަހަރުގެ ތެރޭގައި ފުރުސަތު ހުޅުވާލި އެވެ.

ތަފްސީލް - އެ ފުރުސަތުގައި ހުށަހެޅި ހުށަހެޅުންތަކުގެ ތެރެއިން ހޮވުނު ނިޝާން، އެމްއެމްއޭގައި މިހާރު ކުރިއަށްދާ ހަފްލާއެއްގައި ވަނީ ދައްކާލާފަ އެވެ. އެ ނިޝާނުން ދައްކުވައިދެނީ 'ރ' އަކުރުގެ މެދުގައި އިތުރު އެއް ރޮނގުބުރި ދަމާފައިވާ ތަނެވެ.

ހަސަން ޝުޖާއު، މ. ސްޕޮޓްލައިޓް ފަރުމާކުރި މި ނިޝާން ހޮވީ، އެމްއެމްއޭ އިން ބުނި ގޮތުގައި:

  • 70 ހުށަހެޅުމުގެ ތެރެއިން

  • އެމްއެމްއޭ އާއި ދިވެހި ބަހުގެ އެކަޑަމީގެ އޮފިޝަލުންގެ އިތުރުން، މިފަދަ މަަސައްކަތް ކުރާ އަމިއްލަ ބައެއް ފަރާތްތައް ހިމެނޭ ކޮމިޓީއަކުން ހުރިހާ ހުށަހެޅުންތަކެއް ބެލި

ރުފިޔާގެ ނިޝާން ފަރުމާކުރި ހަސަން ޝުޖާއުއާ އެކަމުގެ ހަނދާނީ ލިޔުން މިއަދު ހަވާލުކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެމްއެމްއޭ އިން ބުނި ގޮތުގައި، މި ނިޝާން ބޭނުންކުރާނީ:

  • ހިސާބު އަދަދުގެ ފަހަތަށް ވާ ގޮތަށް

  • ދެން ޗާޕުކުރާ ނޫޓުތަކުގައި މި ނިޝާން ބޭނުންކުރާނެ

ބުނީ ކީކޭ؟ - މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ ދިވެހި ރުފިޔާއަށް ހާއްސަ ނިޝާނެއް ތައާރަފު ކުރުމަކީ މިކަން ކުރާ މަދު ގައުމުތަކުގެ ލިސްޓަށް ރާއްޖެ އިތުރުވާ އަދި ދިވެހިވަންތަކަމަށް އިތުރު ކުރެވޭ ކަމެއް ކަމަށެވެ.

މި ނިޝާނަށް ބައިނަލްއަގްވާމީ ފެންވަރުގައި ރެކޮގްނިޝަން ހޯދުމަށް ކުރަން ޖެހޭ ޔުނިކޯޑިންއާ ގުޅޭ މަސައްކަތް ކާމިޔާބު ކުރުމަކީ ވެސް މިކަން ކާމިޔާބު ކުރުމަށް ކުރަން ޖެހޭ ދިގު އަދި ބުރަ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް.

ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ

މިނިސްޓަރު ވިދާޅުވީ އަލަށް ތައާރަފުކުރި ނިޝާންގައި ދިވެހި އަކުރުގެ ސިފަ ވެސް ހިމެނޭ ކަމަށެވެ.

"[ދިވެހި] އަކުރުތައް ހުންނަނީ ކަތިކޮށް ލިޔާ އަކުރުތަކެއްގެ ގޮތުގައި. މި ސިފަ މިއަދު މި ތައާރަފުކުރި ނިޝާނުން ވެސް ފެންނަން އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.

"ދުނިޔޭގެ ގާތްގަނޑަކަށް 50 އަކަށް ގައުމު ކަމަށް ވަނީ އެކި ގައުމުތަކުގައި ގެންގުޅޭ ފައިސާގެ ނިޝާނެއް ބޭނުން ކުރާ. އެހެންވީމަ މި މަދު ގައުމުތަކުގެ ލިސްޓަށް ރާއްޖެ އިތުރުވުމަކީ ގައިމު ވެސް ދިވެހި ރައްޔިތަކަށް ވީތީ ފަހުރުވެރިވާ ކަމެއް. އަދި ރާއްޖެއަށް ވެސް ލިބޭ ފަހުރެއް."

އެމްއެމްއޭ އިން ދިވެހި ރުފިޔާގެ ނިޝާން ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓެކްނޮލޮޖީ މިނިސްޓަރު ޝައުނާ ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އަލަށް ޗާޕުކުރާ ފައިސާގެ ނޫޓުތަކުގައި މި ނިޝާން ބޭނުން ކުރަން ރާވާފައި ވާއިރު، މިނިސްޓަރު ވިދާޅުވީ އެއީ އެ ނިޝާން އަދާކުރާ ދައުރުގެ ވަރަށް ކުޑަ ބައެއް ކަމަށެވެ.

"މުޅި ނިޒާމުގައި ވެސް ބޭނުން ކުރަން ޖެހޭ ނިޝާނަކަށް ވާތީ ސަރުކާރުގެ ވެސް، ޕްރައިވެޓް ސެކްޓާގެ ވެސް އަދި މާލީ އެކިއެކި އިދާރާތަކުން ވެސް [މިި ނިޝާންގެ ދައުރު ފުޅާކުރަން] ކުރަން ހުރި މަސައްކަތް ބޮޑު،" މިނިސްޓަރު ވިދާޅުވި އެވެ.

"މި ނިޝާނަށް ބައިނަލްއަގްވާމީ ފެންވަރުގައި ރެކޮގްނިޝަން ހޯދުމަށް ކުރަން ޖެހޭ ޔުނިކޯޑިންއާ ގުޅޭ މަސައްކަތް ކާމިޔާބު ކުރުމަކީ ވެސް މިކަން ކާމިޔާބު ކުރުމަށް ކުރަން ޖެހޭ ދިގު އަދި ބުރަ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް."

އިތުރު އާޓިކަލް

އިތުރު އާޓިކަލް