އޫރުގެ ހިތް ޓްރާންސްޕްލާންޓު ކުރުމުގެ އޮޕަރޭޝަން ކުރިއަށް ދަނީ. (ފޮޓޯ/ ޔުނިވާސިޓީ އޮފް މޭރީލޭންޑު)

ސައިންސް

އޫރެއްގެ ހިތް ލެއްވި މީހާ މަރުވިއިރު އެ ހިތުގައި ވައިރަހެއް ހުރި

ޖެނެޓިކަލީ މޮޑިފައިޑް ނުވަތަ ބަދަލުކޮށްފައިވާ އޫރެއްގެ ހިތެއް ފުރަތަމަ ފަހަރަށް ލެއްވި މީހާ ދެ މަސް ފަހުން މަރުވެފައި ވަނީ ވައިރަހެއްގެ ސަބަބުން ކަމަށް ޑޮކްޓަރުން ލަފާކޮށްފި އެވެ.

މިދިޔަ ޖެނުއަރީ 7ގައި ކުރި ޓްރާންސްޕްލާންޓް އޮޕަރޭޝަނެއްގައި އޫރެއްގެ ހިތް ލައްވާފައި ވަނީ 57 އަހަރުގެ ޑޭވިޑް ބެނެޓް ކިޔާ މީހަކަށެވެ. އޭނާ ވަނީ އޭގެ ދެ މަސް ފަހުން، މިދިޔަ މާޗުގައި މަރުވެފަ އެވެ. އޭނާގެ ހަށިގަނޑަށް ލެއްވި އޫރުގެ ހިތް ޓްރާންސްޕްލާންޓްކޮށްފައި ވަނީ، އިންސާނެއްގެ ހަށިގަނޑުން އެ ގުނަވަން ބަލައިގަންނާނެ ފަދަ ޖެނެޓިކް ބަދަލުތަކެއް ގެނައުމަށް ފަހު އެވެ.

ޓްރާންސްޕްލާންޓް އޮޕަރޭޝަނަށް ފަހު ބެނެޓުގެ ހާލު ރަނގަޅު ވެސް ވި އެވެ. ނަމަވެސް އޭނާ ދިރިހުރި ފަހު ހަފްތާތަކުގައި، އޭނާގެ ހަށިގަނޑަށް ލެއްވި އޫރުގެ ހިތަށް ޖެހިފައިވާ އޫރުގެ އިންފެކްޝަނަކަށް ފަރުވާދެމުން ދިޔަ ކަމަށް ޑޮކްޓަރުން ވަނީ މިދިޔަ މަހުގެ ފަހުކޮޅު ހާމަކުރައްވާފަ އެވެ.

ބެނެޓްއަށް ލެއްވި އޫރުގެ ހިތަށް ޖެހުނު ސައިޓޮމެގަލޮވައިރަސް އިންފެކްޝަންގެ ވާހަކަ ފުރަތަމަ ހިއްސާކުރައްވާފައި ވަނީ ޔުނިވާސިޓީ އޮފް މޭރީލޭންޑުގެ ޓްރާންސްޕްލާންޓް ސާޖަން ޑރ. ބާޓްލީ ގްރިފިތު، މިދިޔަ މަހުގެ 20ގައި އެމެރިކަން ސޮައިޓީ އޮފް ޓްރާންސްޕްލާންޓޭޝަންއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

"އޭނާ މަރުވި ސަބަބު މިހާރު އަހަރެމެންނަށް ދަސްވަމުން މި ދަނީ،" ޑރ. ބާޓްލީ އެމްއައިޓީ ޓެކްނޮލޮޖީ ރިވިއުއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ޓްރާންސްޕްލާންޓު ހެދި ޑޭވިޑް ބެނެޓް (ކ) އާއި އޭނާގެ ޑޮކްޓަރު. (ފޮޓޯ/ ބީބީސީ)

ބެނެޓްގެ ދިފާއީ ނިޒާމުން އޫރުގެ ހިތް ބަލައިނުގަތުމުގެ ބަދަލުގައި، އޭނާ މަރުވެފައި ވަނީ މި ވައިރަލް އިންފެކްޝަންގެ ސަބަބުން ކަމަށް ޑރ. ގްރިފިތު ވިދާޅުވި ކަމަށް އެމްއައިޓީ ޓެކްނޮލޮޖީ ރިވިއުއިން ރިޕޯޓުކޮށްފައިވެ އެވެ.

"މި ވައިރަސް އޭނާގެ ހަށިގަނޑުގެ ހިތް ފިޔަވައި އެހެން އެއްވެސް ޓިޝޫއަކަށް ނުވަތަ ގުނަވަނަކަށް ޖެހިފައިވާކަމުގެ އެއްވެސް ހެއްކެއް ނެތް،" ޔުނިވާސިޓީ އޮފް މޭރީލޭންޑުގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

ސައިޓޮމެގަލޮވައިރަސްތަކަކީ ހާޕީސްއާ ވައްތަރު އަދި ފިތްތަކެއް ނަގާ ވައިރަސްތަކެކެވެ. އާންމުކޮށް ޖަނަވާރަކަށް މި ވައިރަސް ޖެހުމުން ހަށިގަނޑުގެ ސެލްތަކުގައި މި ވައިރަސް ހަރުލާފައި ހުރެ އެވެ. ނަމަވެސް މި ވައިރަސް ހަރަކާތްތެރިވާން ފަށަނީ ޖަނަވާރުގެ ދިފާއީ ނިޒާމުގެ ވަރު ދެރަވުމުންނެވެ. 

މި ވައިރަސް އިންސާނެއްގެ ސެލްތަކަށް ނުޖުހުނު ކަމުގައިވީ ނަމަވެސް ބެނެޓްގެ ހަށިގަނޑަށް ލެއްވި އޫރުގެ ހިތުގައި ހުރި މި ވައިރަހާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ބެނެޓުގެ ދިފާއީ ނިޒާމަށް ކުޅަދާނަ ނުވީ އޭނާއަށް ދެމުން ގެންދިޔަ ދިފާއީ ނިޒާމު މައިތިރިކުރާ ބޭސްތަކުގެ ސަބަބުން ކަމަށް ވެސް ޑޮކްޓަރުން ވަނީ ފާހަގަކުރައްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް