އެމްޑީޕީގެ ޕްރައިމަރީއަށް އިންތިހާބީ ކޮމިޓީ އެކުލަވާލުމަށް ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ހަސަން ލަތީފް ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ކޮމިޓީ އެކުލަވާލި ގޮތުން ވެސް ޕްރައިމަރީގެ ސައްހަކަމާ މެދު ސުވާލު އުފެދިއްޖެ: ނަޝީދު ފެކްޝަން

ނަޝީދު ފެކްޝަންގެ މެންބަރުން ވަނީ ކޮމިޓީ ނެގި ޖަލްސާއިން ވޯކްއައުޓްކޮށްފައި
27 ޑިސެމްބަރު 2022

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ކަންކަން ބެލެހެއްޓުމަށް ރޭ އެ ޕާޓީގެ ގައުމީ މަޖިލީހުން އެކުލަވާލީ އިންސާފުވެރިކޮށް ނޫން ކަމަށާއި، އެއާ އެކު މުޅި ޕްރައިމަރީގެ ސައްހަކަމާއި މެދު ސުވާލު އުފެއްދުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެ އިންތިހާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޕްރައިމަރީގެ ކަންކަން ބެލުމަށް ހޮވާ ފަސް މެމްބަރުންގެ ކޮމިޓީއެއް ނެގުމަށް ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ޕްރައިމަރީއަށް ވާދަކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންގެ ދެމެދު ހިޔާލުތަފާތުވެ ނަޝީދުގެ ބޭފުޅުން ވަނީ ޖަލްސާއިން ނިކުމެ ވަޑައިގެންފަ އެވެ. އެގޮތުން ފާހަގަކުރެވެނީ:

  • ކޮމިޓީއަށް ހޮވަން ބޭނުންވާ ފަސް މީހުންގެ ނަން ހުށަހެޅުމަށް ފުރުސަތު ދިނުމުން، ނަޝީދަށް ތާއީދުކުރައްވާ މެންބަރުންގެ ހުށަހެޅުމުގައި އެ އަދަދު ހަމައެއް ނުކުރެ   

  • އެ ފެކްޝަނުން ހުށަހެޅީ ކެންޑިޑޭޓުންގެ ފަރާތުން ދެ މީހަކު އަދި ދެ ފަރާތަށް އެއްބަސްވެވޭ އެކަކު ކޮމިޓީގައި ހިމެނުމަށް

  • އަދި އޭގެ ބޭނުމަކީ، ދެ ފަރާތަށް ހަމަހަމަކޮށް ކޮމިޓީން ފުރުސަތު ދިނުން ކަމަށް ބުނި

  • އިތުރު ދެ ނަން ހުށަހެޅުމުގެ ފުރުސަތު ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެ ފެކްޝަނަށް ދެއްވުމުން ވެސް އެކަން ކުރަން އެ މެމްބަރުން ދެކޮޅު ހެއްދެވި

  • އެންމެ ފަހުން އެ ކޮމިޓީ އެކުލަވާލާނެ ގޮތާ މެދު ބޮޑު ބަހުސެއް ކުރުމަށްފަހު ވޯޓަށް އެހި ވަގުތު އެ ފެކްޝަންގެ މެމްބަރުން ޖަލްސާދޫކޮށް ވަޑައިގެންނެވި

  • އެހެންވެ އެ ކޮމިޓީއަށް މެމްބަރުން ހޮވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ހުށަހެޅި ގޮތަށް، އެ ބޭފުޅުން ބޭނުންވި ފަސް ބޭފުޅުން

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ދެ ފެކްޝަންގެ މެމްބަރުން މަޝްވަރާކުރައްވަނީ (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ބުނީ ކީކޭ؟ - ޖަލްސާ ދޫކޮށް ވަޑައިގަންނެވުމަށްފަހު އެ ފެކްޝަންގެ ފަރާތުން 'ސަންގު ޓީވީ' އަށް ދިން އިންޓަވިއުއެއްގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ ޕްރައިމަރީގެ ކަންކަމުގައި ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަންކުރަމުންދާކަމުގެ ތުހުމަތުކުރައްވާފަ އެވެ. އެގޮތުން، ރޭގެ ބައްދަލުވުމުގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ފާހަގަކުރެއްވި ގޮތަށް، ހަސަން ވެސް ދެއްކެވީ ކޮމިޓީ އެކުލަވާލުމުގެ ކުރިން، އެ ކޮމިޓިން ކުރަން ޖެހޭ މަސައްކަތްތައް ޕާޓީ އިދާރާއިން ކޮށްފައިވާ ވާހަކަ އެވެ.

" ކޮމިޓީން ކުރަން ޖެހޭ ކަމެއް އެއީ، ޕްރައިމަރީގެ ޝެޑިއުލެއް ހަދާފަ މިހާރު އެބައޮތް ތާވަލެއް އެކި ތާރީހުތައް ކަނޑައަޅާފައި ކުރަން ޖެހޭ ކަންކަން ނިންމާފައި އޮބައޮތް އިއުލާނުކުރައްވާފައި. އެއީ ވެސް ހަގީގަތުގައި ވެސް އެ ނަންގަވަން އުޅުނު ކޮމިޓީން ކުރަން ޖެހޭ ކަމެއް." ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ޕްރައިމަރީއަކީ މިހާތަނަށް ބާއްވާ އެންމެ ވާދަވެރި އަދި ފޯރިގަދަ އިންތިހާބަށް ވާނެ ކަމަށް ބެލެވޭއިރު، އެ އިންތިހާބުގެ ކަންކަން ބެލުމަށް ނަގާ ކޮމިޓީއަކީ ވެސް މުހިއްމު ބައެއް ކަމަށެވެ. އަދި ދެ ބޭފުޅުން ހަމަހަމަކޮށް ތަމްސީލުވާ ގޮތަށް ކޮމިޓީ އެކުލަވާލަން ރޭ ހުށަހެޅުއްވީ ވެސް އެ އިންތިހާބާ މެދު ޕާޓީ މެމްބަރުންގެ މެދުގައި އޮތް އިތުބާރު ހިފެހެއްޓުމުގެ ބޭނުމުގައި ކަމަށް ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގިނަ މަޝްވަރާތަކެއް ރައީސް ސޯލިހުގެ ފެކްޝަންއާ އެކު ވެސް ކުރެއްވިކަން ފާހަގަކުރައްވާ ހަސަން ވިދާޅުވީ އެ ކޮމިޓީ މިހާރު އެކުލަވާލާފައިވަނީ އިންސާފުވެރިގޮތަކަށްް ނޫން ކަމަށެވެ.

"އަޅުގަނޑުވާނެ ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކެމްޕެއިން މެނޭޖަރު، މުހައްމަދު ނާޝިޒް އެއީ ކިނބިދޫ ދާއިރާގެ މެމްބަރު އެބޭފުޅާއަށް އަޅުގަނޑުމެން ރޭގައި (އާދީއްތަ ދުވަހުގެ ރޭ) ވެސް ފޯނުން ގުޅައި ވާހަކަދައްކަވާ، އަޅުގަނޑުމެން މަޝްވަރާކުރިން މި ދެންނެވި ކޮމްޕޮޒިޝަނަށް ދާ ކަމަށް ވަންޏާ އަޅުގަނޑުމެން ދެ ބައި މީހުން އެއްބަސްވެވޭ އިންތިހާބީ ކޮމިޓީއެއް އެކުލަވާލެވުނީމަ ދެން ރައްޔިތުންގެ، ހާއްސަކޮށް އެމްޑީޕީ މެމްބަރުންގެ އިތުބާރު އެބަ ޕާޓީއަށް ލިބޭ މި އިންތިހާބާއި ދޭތެރޭ.." ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ކޮމިޓީ އެކުލަވާލާފައިވާ ގޮތުން، ޕްރައިމަރީއިން ހޮވޭ ކެންޑިޑޭޓާއި މެދު އެމްޑީޕީ މެމްބަރުންގެ މެދުގައި އޮތް އިތުބާރު ވެސް ގެއްލޭނެ ކަމަށެވެ. އަދި އެއީ މުޅި އިންތިހާބާއި ވެސް ސުވާލު އުފެއްދުމުގެ ޖާގަ ލިބޭނެ ކަމެއް ކަމަށެވެ.

"މި ކޮމިޓީއާ ދޭތެރޭ އިތުބާރު ގެއްލި، މި ޕްރައިމަރީގައި ވޯޓުލާން ތިބި އެމްޑީޕީގެ މެމްބަރުންނަށް އިތުބާރު ނުކުރެވޭ ކަހަލަ އިންތިހާބަކަށް މި ޕްރައިމަރީ ވެއްޖެ ކަމަށްވަންޏާ." ހަސަން ވިދާޅުވި އެވެ.

ނަޝިދު ފެކްޝަންގެ މެމްބަރުން ޖަލްސާ ދޫކޮށް ވަޑައިގަންނަވަނީ (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

އެނގުން މުހިއްމު - ޕްރައިމަރީގެ ކަންކަން ބެލެހެއްޓުމަށް ރޭ އެކުލަވާލީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ހުށަހެޅުއްވި ގޮތަށެވެ. ޝަހީމްގެ ހުށަހެޅުއްވުމާ އެއްގޮތަށް އެ ކޮމިޓީގައި ހިމަނަން ގައުމީ މަޖިލީހުން ފާސްކުރީ:

  • އެމްޑީޕީ ކެނދިކުޅުދޫ ދާއިރާގެ ރައީސް މުހައްމަދު އީމާން

  • ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު

  • ޕާޓީގެ ސްޕޯކްސްޕާސަން އަނަސް އަބްދުއްސައްތާރު

  • ޕާޓީގެ މަތި އުތުރު ޕްރޮވިންސްގެ ރައީސް އަދި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން

  • ޕާޓީގެ ގާނޫނީ ކޮމިޓީގެ ކުރީގެ ރައީސް އަހުމަދު އަބްދުﷲ އަފީފް

އިތުރު އާޓިކަލް

އިތުރު އާޓިކަލް