ރައީސް ސޯލިހު ކ. ގުރައިދޫގެ އެމްޑީޕީ އާންމު މެމްބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ރައީސް ސޯލިހުގެ ކެމްޕޭން ޓީމް)

ގެސްޓްހައުސް ވިޔަފާރި ހަގީގަތުގައި ފެއްޓެވީ ނަޝީދެއް ނޫން: ރައީސް

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ފުރަތަމަ ގެސްޓްހައުސްއެއް ހުޅުވީ 2010 ގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވިޔަސް، ރައީސް ސޯލިހު ވިދާޅުވީ އެކަމަށް ހުއްދަ ލިބޭ ގަރާރެއް މަޖިލީހުން ފާސްކުރީ އެ ވެރިކަން ފެށުމުގެ ކުރިން ކަމަށް

ރާއްޖޭގައި ފުޅާކޮށް ތަރައްގީވަމުން އަންނަ ލޯކަލް ޓޫރިޒަމްގެ ފެށުން އައީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ނޫން ކަމަށާއި އެއީ އޭގެ ކުރިން މަޖިލީހުގެ ގަރާރަކުން ފެށުނު ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ސޯލިހު މިއަދު ކ. ގުރައިދުއަށް ވަޑައިގެން، ޕާޓީގެ އާންމު މެމްބަރުންނާ އެކު ބައްދަލުވުމެއް ވަނީ ބާއްވަވާފަ އެވެ.

އެ ބައްދަލުވުމުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ލޯކަލް ޓޫރިޒަމް ފެށިގެން އައި ގޮތުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ.

އެނގުން މުހިންމު - ރާއްޖޭގައި ފުރަތަމަ ރަޖިސްޓްރީކޮށްގެން ގެސްޓްހައުސް ހިންގަން ފެށީ، މި ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވާ ނަޝީދުގެ ވެރިކަމުގައި، މީގެ 13 އަހަރު ކުރިން 2010ގަ އެވެ. ނަމަވެސް، ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި، ލޯކަލް ޓޫރިޒަމްގައި ރާއްޖެ މިއަދު މި ދެކޭ ބޮޑު ބަދަލު އައީ ފާއިތުވެދިޔަ 10 އަހަރުގެ ތެރޭގަ އެވެ.

ރައީސް ސޯލިހު ކ. ގުރައިދޫގެ އެމްޑީޕީ އާންމު މެމްބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ރައީސްގެ ކެމްޕޭން ޓީމް)

ތަފްސީލު - އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކޮންމެވެސް މަސައްކަތްތަކެއް ކޮށްފައި ހުރި ނަމަވެސް، ރަށްރަށުގައި ގެސްޓްހައުސް ހެދޭ ގޮތަށް ބަދަލު ގެނައީ ސީދާ ކޮން އިރަކުންކަން އެނގުމަކީ، ރައީސް ވިދާޅުވި ގޮތުގައި، މުހިންމު ކަމެކެވެ. އެންމެ ކުރިން ކަން އޮތް ގޮތަކީ، ރައީސް ވިދާޅުވި ގޮތުގައި، މާލެ ނޫން އެހެން ތަނެއްގައި ގެސްޓްހައުސް ނުހިންގެ އެވެ.

"ނަމަވެސް، ކުރިން ސަރުކާރުން [ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން] އެ ނިންމާފައި އޮތް ނިންމުން ބަދަލުކުރީ، އެމްޑީޕީގެ ފުރަތަމަ ވެރިކަން އައުމުގެ ކުރިން، މަޖިލީހުގެ ތެރެއިން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

"ސަރުކާރަށް ލާޒިމުކުރާ ގަރާރު މަޖިލީހުން ފާސްކުރީ 2008 ވަނަ އަހަރުގެ ކުރީކޮޅު. އޭރު މަޖިލީހުގައި ތިއްބެވި ބޭފުޅުން މި ތިއްބެވީ، މޫސާ މަނިކު، އަބްދުﷲ ޝާހިދު، މާރިޔާ ދީދީ، އަޅުގަނޑު ހިތުން މަހުލޫފު ވެސް އެތާ އިންނަވާނެ އަދި އަޅުގަނޑު ވެސް އެތާ ހުރިން އެ ދުވަސްކޮޅުގައި."

ރައީސް ވިދާޅުވީ އެ ގަރާރު އޭރު ފާސްވީ އެއް ފަހަރަށް ވުރެ ގިނަ ފަހަރު މަޖިލީހަށް ހުށަހަޅައިގެން ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުމެންގެ ކުރީ ސަރުކާރުގައި މަސައްކަތްތަކެއް ޕްރޮމޯޓުކުރަން ނުކުރާ ވާހަކައެއް ނޫން. އެހެން ނަމަވެސް، މި ފުރުސަތު ރަށްރަށަށް ލިބިގެން ދިޔައީ 2008 ވަނަ އަހަރުގެ ކުރީކޮޅު މަޖިލީހުން ފާސްކުރި ގަރާރަކުން،" އެ ވާހަކަ ތަކުރާރުކުރައްވައި ރައީސް ވިދާޅުވި އެވެ.

ސަރުކާރަށް ލާޒިމުކުރާ ގަރާރު މަޖިލީހުން ފާސްކުރީ 2008 ވަނަ އަހަރުގެ ކުރީކޮޅު. އޭރު މަޖިލީހުގައި ތިއްބެވި ބޭފުޅުން މި ތިއްބެވީ، މޫސާ މަނިކު، އަބްދުﷲ ޝާހިދު، މާރިޔާ ދީދީ، އަޅުގަނޑު ހިތުން މަހުލޫފު ވެސް އެތާ އިންނަވާނެ އަދި އަޅުގަނޑު ވެސް އެތާ ހުރިން އެ ދުވަސްކޮޅުގައި.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ:

  • ލޯކަލް ޓޫރިޒަމް މިހާރު އޮތް ހަރުފަތުން އެހެން ހަރުފަތަކަށް ގެންދަން ޖެހޭ؛ އެއީ މިކަމާ ގުޅުންހުރި ހިދުމަތްތަކާއި ކަންކަން ފަސޭހަކޮށްދީގެން

  • ރަށްރަށުގައި ގެސްޓްހައުސް ހެދުމުގެ ފުރުސަތު ފަހިކޮށްދިން ބޭފުޅުން ތިއްބެވީ އެ މަނިިކުފާނުގެ އަރިހުގައި

  • އެ ސިނާއަތް އިތުރަށް ކުރިއަރުވަން ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށްގެންދާނެކަމުގެ ޔަގީންކަން ދެއްވި

ފަސް މަންޒަރު - ރާއްޖޭގެ ވެރިކަމާ 1978 ގައި މައުމޫން ހަވާލުވެވަޑައިގެންނެވި އިރު މާލެ އަތޮޅާއި ވ. އަތޮޅުގެ ބައެއް ރަށްރަށުގައި ގެސްޓްހައުސް ހިންގި އެވެ. ނަމަވެސް 1 މޭ 1984 ގައި، ރަށްރަށުގައި ގެސްޓްހައުސް ހިންގުން ސަރުކާރުން މަނާކުރި އެވެ.

ގެސްޓްހައުސްއޭ ކީ ނަމަވެސް އޭރު އެއީ ވަރަށް ފެންވަރު ދަށްކޮށް ހުރި ތަންތަނެވެ. ގޭގޭގެ އާދައިގެ ކޮޓަރިތަކެވެ. އޭރު އެ ގެސްޓްހައުސްތަކަށް ގޮސް އުޅުނީ ވަރަށް އާދައިގެ ގެސްޓުންނެވެ. އެ މީހުންގެ ތެރޭގައި އަހުލާގީ މައްސަލަތައް ވެސް ގިނަ ކަމަށްވެ އެވެ. މިސާލަކަށް ގޮނޑުދޮށުގައި ބަރަހަނާކޮށް އުޅުން ފަދަ ކަންކަމެވެ. މަސްތުވާތަކެތި ވެސް ބޭނުންކުރި އެވެ.

ރަށްރަށުގައި ގެސްޓްހައުސް ހިންގުން މަނާކުރީ، އޭރުގެ ބައެއް މީހުން ބުނާގޮތުގައި، އެތަންތަނަށް އަންނަ މީހުންގެ ސަބަބުން އިޖުތިމާއީ ގޮތުން ނުކުމެދާނެ މައްސަލަތައް ބޮޑުވެދާނެތީ އެވެ.

ކޮމެންޓް (4)

ރަދުން

23 ޖެނުއަރީ 2023
އިބޫ 25 އަހަރު މަޖިލީހުގަ އިން އިރު ރައްޔިތުން އުޅުން ހާލަތު ބަދަލު ކުރަން އަސްލު މާ ބޮޑު ކަމެއް ނުކުރޭ... ބެލީ ވިުަފާރި ކުރެވޭތޯ. މިހާރު ދެން ކޮން ދޮގެއް ހަދާކަށް.
2 0

ދެރަދޯ

23 ޖެނުއަރީ 2023
ހަހަހަ.. ވެރިކަމާއި ހެދި އަވަދިވިޔަސް ބޮޑުވަރު. ދެން ބުނޭ މައުމޫންގެ ވެރިކަން ބަދަލި ކުރަން ވެސް ރައީސް ނަޝީދު އެެއްކަމެއް ވެސް ނުކުރެއޭ
1 1

އަހުމަދު

23 ޖެނުއަރީ 2023
ދެން ބުނޭ އާސަންދަވެސް ގެނައީ ނަޝީދެއް ނޫނޭ. ޓެކްސްވެސް ގެނައީ ނާޝީދެއް ނޫނޭ. ޕެންޝަނާއި އެކަނިވެރި މައިންގެ އިނާޔަތް ހަމަޖެއްސީވެސް ނަޝީދެއް ނޫނޭ. 2008 ގައި ހޮވުނީވެސް ނަޝީދެއް ނޫނޭ.
9 1

ހަލީމްބާއި

23 ޖެނުއަރީ 2023
@އަހުމަދު ހަމަ ރަގަޅަށް ތިޔަ ބުނީ އާސަންދަ އަކީ ނަޝީދު ތަޢާރަފު ކުރި އެއްޗެއް ނޫން. ސަރުކާރުގެ ބޭސްފަރުވާގެ ނިޒާމު ފެއްޓެވީ މައުމޫނު ސަރުކާރުގަ އޭރު އެޕޮރުގްރާމުގައި ސަރުކާރުގެ ބައެއް އިދާރާތަކުގެ މުވައްޒަފުންނަށް އޮތީ ދޭން ފަށާފަ ފުރަތަމަ މަރުހަލާގައި 2000ރ ދައްކައިގެން އެސްކީމްގަ އާންމުންނަށް ބައިވެރިވެ ރާއްޖެއިން ބޭރުން ހިލޭ ބޭސްފަރުވާ ކުރެވޭނެ މަގު ތަނަވަސް ކޮށް ދޭން އޮތީ ފަށާފަ. ނަޝީދުގެ ސަރުކާރުގައި އެ ސްކީމް އިތުރަށް ފުޅާކޮށް ހުރިހާ ރައްޔިތުންނަށް ހުޅުވާލީ. ހަގީގަތް އޮޅުވާނުލައްވާ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް