އެފްއޭއެމްގެ ރައީސް ބައްސާމް (މ) ކޮންގްރެސްގައި ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އެފްއޭއެމް

އެފްއޭއެމްގެ ބަޖެޓަށް 88 މިލިއަން ރުފިޔާ ފާސްކޮށްފި، މިނިސްޓްރީން ދެނީ 3.7 މިލިއަން ރުފިޔާ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މި އަހަރުގެ ބަޖެޓަށް 88.9 މިލިއަން ރުފިޔާ އެ އެސޯސިއޭޝަނުގެ ކޮންގްރެސް އިން މިއަދު ފާސްކޮށްފި އެވެ.

އާމްދަނީގެ ގޮތުގައި ލިބޭނީ 80.4 މިލިއަން ރުފިޔާ ކަމުން މިއީ 8.5 މިލިއަން ރުފިޔާގެ ދަރަނި ބަޖެޓެކެވެ.

އެކަމަކު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އަހަރު ނިމޭއިރު ބަޖެޓް އަރަނި ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އެފްއޭއެމްގެ ބަޖެޓަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ސްޕޮންސަރުންގެ އަތުންނެވެ. އެއީ 43.7 މިލިއަން ރުފިޔާ އެވެ. ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާ އިން 24.3 މިލިއަން ރުފިޔާ ދޭއިރު އޭޝިއާގެ ފުޓްބޯޅަ ޖަމިއްޔާ އޭއެފްސީން ދެނީ 6.2 މިލިއަން ރުފިޔާ ދޭނެ އެވެ. ދިވެހި ސަރުކާރުން އެސޯސިއޭޝަންތަކަށް ދޭ ބަޖެޓުގެ ތެރެއިން އެފްއޭއެމް އަށް ލިބެނީ 3.7 މިލިއަން ރުފިޔާ އެވެ.

ބައްސާމް ވިދާޅުވީ އެ އެސޯސިއޭޝަން ނޭވާލާނެ ޖާގަ ހޯދުމަށްޓަކައި މި އަހަރު ހަރަދުކުރާނީ ހަމައެކަނި ޒަރޫރީ ކަންކަމަށް ކަމަށެވެ.

އެފްއޭއެމްގެ ކޮންގްރެސްގެ ރިޔާސަތުގައި އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް (މ) އާއި ނައިބް ރައީސް އަލީ އުމަރު (ކ) އަދި ޖެނެރަލް ސެކްރެޓަރީ ޖަވާޒް. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ބައްސާމް ވިދާޅުވީ ކޮވިޑުގެ ސަބަބުން މިދިޔަ އަހަރަކީ ދަތި އުނދަގޫ އަހަރެއް ކަމަށާއި މުބާރާތްތައް ކުރިއަށް ނުގެންދެވުމުން ސްޕޮންސާ ހޯދަން އުނދަގޫވި ކަމަށެވެ. އެކަމަކު އޭރު ނިންމީ އެ ހާލަތުގައި ވެސް ކުރަން ޖެހޭ ހަރަދުތައް ކުރަން ކަމަށާއި އެގޮތުން ކްލަބްތަކަށް ދޭން ޖެހޭ ފައިސާ 90/95 ޕަސެންޓް ހަވާލުކުރި ކަމަށެވެ.

"އޭރު ފިޔަވަޅުތައް އެޅި ނަމަ ވަރަށް ގިނަ ކުޅުންތެރިން މަގުމަތިވީސް،" ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭރު ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން މިދިޔަ ދުވަސްތައް ދަތިވި ކަމަށާއި އެކަމަކު މިހާރު އަންނަނީ އެ ހާލަތުން އަރައިގަންނަމުން ކަމަށެވެ. އެގޮތުން އަންނަ ހަފުތާގައި ކްލަބްތަކަށް ދޭން ޖެހޭ ފައިސާ ދެވި ބައެއް ދަރަނިތަކަށް ވެސް ފައިސާ ދެއްކޭނެ ކަމަށް ވިދާޅުވި އެވެ.

"ޖުމްލަކޮށް ބަލާއިރު އުނދަގޫ ހާލަތަކުން ނުކުމުގެން މިދަނީ،" އޭނާ ވިދާޅުވި އެވެ.

އެފްއޭއެމްގެ އާމްދަނީ –

  • ފީފާ: 24.3 މިލިއަން ރުފިޔާ

  • އޭއެފްސީ: 6.2 މިލިއަން ރުފިޔާ

  • ސްޕޯޓްސް މިނިސްޓްރީ: 3.7 މިލިއަން ރުފިޔާ

  • ސްޕޮންސާޝިޕް: 43.7 މިލިއަން ރުފިޔާ

  • އޮޕަރޭޓިން އެކްޓިވިޓީސް: 2.5 މިލިއަން ރުފިޔާ

އެފްއޭއެމްގެ ހަރަދު –

  • މުބާރާތްތަކާއި އިވެންޓްތަކަށް: 22 މިލިއަން ރުފިޔާ

  • ޑިވެލޮޕްމަންޓް އެންޑް އެޑިއުކޭޝަން: 44.7 މިލިއަން ރުފިޔާ

  • ހިންގުމާއި އިދާރީ ހަރަދުތަކަށް: 19.2 މިލިއަން ރުފިޔާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް