ވެރިރަށް ކީވްގެ އިމާރާތަކަށް އެރި ރަޝިޔާގެ މިސައިލަކާ އެކު މީހުން ސަލާމަތް ކުރުމުގައި މަސައްކަތް ކުރާ ޓީމުތަކުން ހަރަކާތްތެރި ވަނީ (ފޮޓޯ/ގެޓީ އިމޭޖެސް)

ރަޝިޔާގެ 'ޓެރަރިޒަމް' އދ.ގައި ޒެލެންސްކީ ކުށްވެރި ކުރައްވައިފި

ފިނި މޫސުމާ ދިމާކޮށް ޔޫކްރެއިނުގެ 10 މިލިއަން ރައްޔިތުން ތިބީ ކަރަންޓުން މަހުރޫމުވެފައި
24 ނޮވެމްބަރު 2022

ރަޝިޔާއިން ޔޫކްރެއިނަށް ގިނަ މިސައިލު ހަމަލާތަކެއް ދެމުން އަންނައިރު މޮސްކޯއިން "އިންސާނިއްޔަތާ ހިލާފު ކުށްތައް" ހިންގަމުން އަންނަ ކަމަށް  ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމިއާ ޒެެލެންސްކީ ތުހުމަތު ކުރައްވައިފި އެވެ. 

އދ.ގެ ސަލާމަތީ މަޖިލީހަށް ވީޑިއޯ މެދުވެރި ކުރައްވާ ދެއްވި ތަގްރީރުގައި "ރަޝިޔާގެ ބިރުދައްކާ ފޯމިލާ"ގެ ދަށުން ގަދަ ފިނީގައި އެތައް "މިލިއަން ރައްޔިތުންނެއް ހަކަތަ ނެތި، ކަރަންޓު ނެތި އަދި ފެން ނެތި" އުޅެން މަޖުބޫރު ކުރުވާފައިވާ ކަމަށް ޒެލެެންސްކީ ވިދާޅުވި އެވެ. 

ރަޝިޔާގެ އެންމެ ފަހުގެ މިސައިލު ހަމަލާތަކާ އެކު ހަތް މީހަކު މަރުވެފައިވާ ކަމަށް ޔޫކްރެއިނުން ވަނީ ބުނެފަ އެވެ. އަދި މިހަމަލާތަކުގެ ސަބަބުން ޔޫކްރެއިނުގެ ބާރުގެ ދަށުގައި ހުރި ނިއުކްލިއާ ތިން ކާރުހާނާއެއް ވަނީ ގްރިޑުން ކަނޑާލާފަ އެވެ. އަދި ރަޝިޔާގެ ބާރުގެ ދަށުގައިވާ  ޔޫރަޕުގެ އެންމެ ބޮޑު ޒަޕޮރީޝާ ކާރުހާނާގެ ނިއުކްލިއާ ނިޒާމުތައް ފިނި ކުރުމަށް ޑީސަލް ޖަނަރޭޓަރުތައް އަނެއްކާވެސް ބޭނުން ކުރަން ވަނީ މަޖުބޫރުވެފަ އެވެ.

ޒަޕޮރީޝާ ކާރުހާނާ ކައިރީގައި ދެމުން އަންނަ ހަމަލާތަކާ ގުޅިގެން އެ ކާރުހާނާ އަށް ގެއްލުންތަކެއް ލިބިފައި ވާއިރު އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިން ވަނީ މިކަމާ ބެހޭ ގޮތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ރަޝިޔާއިން ފިނި މޫސުމާ ދިމާކޮށް ޔޫކްރެއިނުގެ ހަކަތައާ ބެހޭ ތަންތަނަށް ދެމުން އަންނަ ގިނަ ހަމަލާތަކާ ގުޅިގެން އަވަށްޓެރި މޯލްޑޯވާގެ ބޮޑު ބަޔަކުން ވެސް ވަނީ ކަރަންޓު ކެނޑިފަ އެވެ. މި ހަމަލާތަކުގެ ސަބަބުން ޔޫކްރެއިނުގެ ކަރަންޓު ވިއުގަގެ ދެބައި ކުޅަ އެއްބަޔަށް ގެއްލުންވެފައިވާ ކަމަށާއި ބޮޑެތި މަރާމާތުތަކެއް ކުރަން ޖެހިފައިވާ ކަމަށް ޔޫކްރެއިނުގެ އޮފިޝަލުން ވަނީ ބުނެފަ އެވެ. 

ހުޅަނގު ޔޫކްރެއިނުގެ ލުވިއު ކަނު އަނދިރިކަމުގެ ތެރޭގައި (ފޮޓޯ/ ރޮއިޓާސް)

ރައީސް ޒެލެންސްކީ ވަނީ ވެރިރަށް ކީވްގެ ހާލަތު "ވަރަށް އުނދަގޫ" ފައްތަރެއްގައިވާ ކަމަށާއި ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތްތައް ރޭނގަޑު ވެސް ކުރިއަށް ގެންދާނެކަން ރޭ ވިދާޅުވެފަ އެވެ. ވެރިރަށް ކީވްގެ %80 ރައްޔިތުންނަށް ކަރަންޓާއި ފެން ކެނޑިފައިވާ ކަމަށް މޭޔަރު ވިޓާލީ ކްލީޝްކޯ ވަނީ ވިދާޅުވެފަ އެވެ. 

ނަމަވެސް ލިވިއު، އޮޑެއްސާ އަދި ޝާކަސީ ފަދަ ސިޓީތަކަށް އަނބުރާ ކަރަންޓު ފޯރުކޮށްދެވިފައިވާ ކަމަށް ވެސް ޒެލެންސްކީ ވަނީ ފާހަގަ ކުރައްވާފަ އެވެ. 

ރަޝިޔާގެ ރައީސް ލަޑަމިއާ ޕޫޓިން "ފިނިމޫސުން ހަތިޔާރަކަށް" ހަދައިގެން އާންމުންނަށް އަނިޔާތައް ދެމުން އަންނަކަމަށް އެމެރިކާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލިންޑާ ތޯމަސް-ގްރީންފީލްޑް ވަނީ ތުހުމަތު ކުރައްވާފަ އެވެ. 

"ހަނގުރާމައިގެ މައިދާނުގައި ބަލިކަށިވުމުން މޮސްކޯއިން މިހާރު އަންނަނީ ޔޫކްރެއިނުގެ ފިރިހެނުން، އަންހެނުން އަދި ކުޑަކުދިންނަށް އަދަބު ދިނުމަށް ފިނޑި ސިޔާސަތެއް ތަންފީޒު ކުރަމުން،" ތޯމަސް-ގްރީންފީލްޑް ވިދާޅުވި އެވެ.

އާންމުންގެ އުމްރާނީ ތަރައްގީގެ ތަންތަނަށް ރަޝިޔާއިން ދެމުން އަންނަ ހަމަލާތަކަކީ ހަނގުރާމައިގެ ކުށްތަކެއް ކަމަށް ފަރަންސޭސިވިލާތާއި އެމެރިކާއިން ވަނީ ތުހުމަތު ކޮށްފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް