އެތުލެޓިކްސް

ދެކުނު އޭޝިއާ ދުވުންތެރިޔަކު ފުރަތަމަ ފަހަރަށް 100 މީޓަރު 10 ސިކުންތަށް ވުރެ އަވަހަށް ދުވެފި

އޭނާ އަކީ އިޓަލީގައި ތަމްރީން ހަދާ ދުވުންތެރިޔެއް

ސަތޭކަ މީޓަރުގެ ދުވުމުގެ ރޭހެއް 10 ސިކުންތަށް ވުރެ އަވަހަށް ފުރިހަމަކުރި ދެކުނު އޭޝިއާގެ ފުރަތަމަ ދުވުންތެރިޔާގެ ޝަރަފް ސްރީ ލަންކާގެ ޔުޕުން އަބޭކޫން ހޯދައިފި އެވެ.

އޭނާ ދެކުނު އޭޝިއާގެ ރެކޯޑެއް މި ގާއިމްކުރީ ސްވިޒަލެންޑުގައި އޮތް ބައިނަލްއަގްވާމީ ރޭހެއް ކަމަށްވާ ރެސިސްޕްރިންޓް އިންޓަނޭޝަނަލްގައި 100 މީޓަރު 9.96 ސިކުންތުން ދުވެގެންނެވެ.

މި ޓައިމިން އާ އެކު، އިޓަލީގައި 2015 އިން ފެށިގެން ތަމްރީން ހަދަމުން އަންނަ ޔުޕުން މިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެކުނު އޭޝިއާގެ ރެކޯޑް ކުޑަ ދުވަސްކޮޅެއް ތެރޭ ދެ ފަހަރަށް އާކޮށްފަ އެވެ.

އޭނާ އެންމެ ފުރަތަމަ ދެކުނު އޭޝިއާގެ ރެކޯޑް ހެދީ މޭ މަހު ޖަރުމަނުގައި އޮތް ރޭހެއްގައި 10.06 ސިކުންތުން ދުވެގެންނެވެ.

އޮލިމްޕިކް ގޭމްސް އާއި ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕަށް ކޮލިފައިވި ދެކުނު އޭޝިއާގެ ފުރަތަމަ ސްޕްރިންޓަރުގެ ޝަރަފް ހޯދާފައިވާ ޔުޕުންގެ މިހާރު ދުނިޔޭގެ ރޭންކިން އަކީ 37 އެވެ. ވޯލްޑް ޗެމްޕިއަންޝިޕުން ފުރުސަތު ދިނީ ދުނިޔޭގެ އެންމެ ބާރު 56 ދުވުންތެރިންނަށެވެ.

އޭނާގެ މިހާރުގެ ޓާގެޓަކީ މި މަހު ބާމިންހަންގައި ފަށާ ކޮމަންވެލްތު ގޭމްސް އިން ލަންކާ އަށް މެޑަޔެއް ހޯދައިދިނުމެވެ.

ސަތޭކަ މީޓަރުގެ ރޭހެއް 10 ސިކުންތަށް ވުރެ އަވަހަށް ދުވުމަކީ ކުޅިވަރުގައި މަދު ބަޔަކަށް ހާސިލްކުރެވޭ އަދި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ކަމެކެވެ. މި ޝަރަފް އެންމެ ފުރަތަމަ ހޯދީ 1968 ގައި އެމެރިކާގެ ޖިމް ހިނެސް އެވެ. މިހާތަނަށް 167 ދުވުންތެރިއަކު ވަނީ އެ ޝަރަފް ހޯދައިފަ އެވެ. އަދި ލަންކާ އަކީ އެ ކްލަބަށް ވަން 32 ވަނަ ގައުމެވެ.

ޔުޕުންގެ މި ކާމިޔާބީ ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ވަނީ ފާހަގަކުރައްވައި މަރުހަބާ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ލަންކާގެ ކްރިކެޓުގެ ލެޖެންޑް ސަނަތު ޖަޔަސޫރިޔާ ވެސް ވަނީ އޭނާ އަށް މަރުހަބާ ކިޔައިފަ އެވެ.

ލަންކާގެ ނޫސްވެރިން ގާތު ޔުޕުން ބުނީ ވަރަށް ބުރަކޮށް އެތައް އަހަރެއް މަސައްކަތްކުރިން ކަމަށާއި މި ކާމިޔާބީއާ އެކު އޭގެ އަގު ލިބިއްޖެ ކަމަށެވެ.

ޔުޕުން އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ލަންކާ އަށް އޭނާގެ ކުރިއެރުމަށް އެހާ ބޮޑަށް އެހީތެރިނުވެވުމެވެ. އެކަމަކު ކުރިއަށް އޮތް ވޯލްޑް ޗެމްޕިއަންޝިޕާއި ކޮމަންވެލްތު ގޭމްސްގެ ކުރިން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ދެކުނު އޭޝިއާ އިން މި ހިސާބަށް އައުމާ ގާތަށް ދިވެހި ދުވުންތެރިޔާ ހަސަން ސާއިދު ވެސް ދިޔަ އެވެ. އޭނާ އެންމެ ބާރަށް ދުވީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ފައިނަލުގައި 10.49 ސިކުންތުންނެވެ. އެ ޓައިމިންއާ އެކު އޭނާ އެ ފަހަރު ރަން މެޑަލް ހޯދި އެވެ.

އެ އިވެންޓުގައި ސާއިދުއާ ވާދަކުރި ލަންކާގެ އޭރުގެ އެންމެ ބާރު ދުވުންތެރިޔާ ހިމާޝަ އީޝާން ދިޔައީ 10.50 ސިކުންތުން ދުވެ ދެ ވަނަ އަށެވެ.

އެކަމަކު ހިމާޝައާ އެކު ދުވެ ޔުޕުން ވަނީ އެ ގޭމްސްގެ 100 މީޓަރު ރިލޭ އިން ލަންކާ އަށް ރަން މެޑަލް ހޯދައިދީފަ އެވެ. އެއީ އޭޝިއާގެ ރެކޯޑެކެވެ.

ޔުޕުން އަކީ މިވަގުތު 150 މީޓަރު ދުވުމުން އޭޝިއާގެ އެންމެ ބާރު ދުވުންތެރިޔާ ވެސް މެ އެވެ. އެއީ 15.16 ސިކުންތުން ދުވެގެން މި އަހަރުގެ އޭޕްރިލް މަހު ހެދި ރެކޯޑެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް