ސައުދީ ވަލީއަހުދު މުހަންމަދާއި އެމެރިކާގެ ރައީސް ޖޯބައިޑަން ސަލާމް ކުރެއްވުމުގެ ބަދަލުގައި އަތާ އަތްޖައްސަވަނީ (ފޮޓޯ/ ރޮއިޓާސް)

ސައުދީ ލީޑަރުންގެ ކުރިމަތީގައި ހަޝޯގީ ގަތުލުގެ ވާހަކަ ދެއްކެވިކަމަށް ބައިޑަން ވިދާޅުވެއްޖެ

ހަޝޯގީގެ ގަތުލުގެ މައްސަލަ އޮތް އިރު ވަލީއަހުދު މުހަންމަދާ އެކު ބައިޑަން ބެހެއްޓެވި ގާތްކަމަށް ނޫސްވެރިން ދަނީ ފާޑުކިޔަމުން

މިހާރު ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ސައުދީ ވަލީއަހުދު މުހަންމަދާއި އެ ގައުމުގެ އިސް އޮފިޝަލުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި، ސައުދީ ސިއްރު ފުލުހުން މަރާލާފައިވާ ޖަމާލް ކަޝޮއްޖީގެ ގަތުލުގެ މައްސަލަ ގެންނެވިކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހު މެންދުރު ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ ޖިއްދާގައި އޮތް އެ ބައްދަލުވުމުގައި ދެއްކެވި ވާހަކަަތަކުގެ ތެރޭގައި އިންސާނީ ހައްތުގަކާއި ސިޔާސީ އިސްލާހުތަކުގެ މައުލޫއު ވެސް ހިމެނޭ ކަމަށެވެ. 

"އަހަރެން އަބަދުވެސް ކަންކުރާ ގޮތަށް، އަހަރެން ސާފުކޮށްދިނިން އެ މައުލޫއަކީ [އިންސާނީ ހައްގުތައް] އަހަންނަށާއި އެމެރިކާއަށް ވަރަށް މުހިންމު މައުލޫއެއް ކަން. ބައްދަލުވުން ފެށުނު އިރު ހަޝޯގީގެ ގަތުލާ ބެހޭ ގޮތުން އަހަރެން ސާފުކޮށްދިނިން އޭރު އެކަން ދުށް ގޮތާއި މިހާރު ދެކޭ ގޮތް،" ބައިޑަން ވިދާޅުވި އެވެ.

މުހަންމަދާ ބައްދަލުކުރައްވަން ވަޑައިގެން ސަލާމް ކުރެއްވުމުގެ ބަދަލުގައި އަތާއި އަތްޖެއްސެވުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ރައީސް ބައިޑަންއަށް ފާޑުކިޔަމުންނެވެ. މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓުގައި ހަޝޯގީ މަރާލެވިފައި ވަނީ މުހަންމަދުގެ އަމުރަށް ކަމަށް އެމެރިކާގެ އިންޓެލިޖެންސުން ވަނީ ނިންމައިފަ އެވެ.

މީޑިއާތަކުން ބުނާ ގޮތުގައި މުހައްމަދާ އެކު ރައީސް ބައިޑަން އެގޮތަށް ބައްދަލުކުރެއްވުމުން އަސްލު ކުށަށް ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ.

ރައީސް ބައިޑަން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ (ވީޑިއޯ/ ބްލޫމްބާގް)

ހަޝޯގީގެ މަރާ ގުޅިގެން ސައުދީ އަރަބިއްޔާ ވަނީ ހައްދުން ނައްޓާފައި ކަމަށާއި ރައީސްކަމަށް ހޮވިވަޑައިގެންފި ނަމަ އެމެރިކާ ސަރުކާރުން ވާހަކަދައްކާނީ ހަމައެކަނި ސައުދީ ރަސްގެފާނު ސަލްމާނާ އެކަނިކަމަށް ބައިޑަން އޭރު ވިދާޅުވި އެވެ.

ރައީސް ބައިޑަން ސައުދީއަށް ވަޑައިގަތީ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާ މައްޗަށް އަރާފައިވާ ދުވަސްވަރެއްގައި ސައުދީއާ އެކު އޮތް ގުޅުން އަނބުރާ އިއާދަކުރުމުގެ ބޭނުމުގަ އެވެ. ސައުދީ އަރަބިއްޔާ އަކީ ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ތެޔޮ ސަޕްލައިކޮށްދޭ އެއް ގައުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް