މިއަދު އިދިކޮޅު ކޯލިޝަނުން ކުރި މުޒާހަރާގައި ފުލުހުން މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަނީ (ދައުރު ފޮޓޯ/ އަބްދުﷲ އިޔާން)

އިދިކޮޅު މުޒާހަރާ: 17 މީހުން ހައްޔަރު ކޮށްފި، ނޫސްވެރިއަކަށް އަނިޔާ

ޗެނަލް 13ގެ ނޫސްވެރިއެއްގެ އިތުރުން މުޒާހަރާގެ ގިނަ ބައިވެރިންނަށް އަނިޔާ ލިބިފައިވާ ކަމަށް ޕީޕީއެމުން ބުނޭ
6 ފެބްރުއަރީ 2023

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމާ ދިމާކޮށް އިދިކޮޅު ކޯލިޝަނުން މިއަދު ކުރި މުޒާހަރާއިން 17 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

މުޒާހަރާގެ ތެރެއިން ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާވެފައިވާ އިރު އޭގެ ތެރޭގައި މިވަގުތު އޭޑީކޭގައި ފަރުވާދެމުންދާ ޗެނަލް 13ގެ ނޫސްވެރިއެއް ވެސް ހިމެނެ އެވެ.

މުޒާހަޜާގެ ފެށުން - މަޖިލީސް ހުޅުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަންނަވާތީ އެ ސަރަހައްދުގެ ވަށައިގެން ބަންދުކޮށްފައިވުމާ އެކު އިދިކޮޅުން މިއަދު ހެނދުނު މުޒާހަރާ ފަށާފައިވަނީ ސޯސަންމަގު، މަޖީދިއްޔާ ސްކޫލް ކައިރިންނެވެ. 

ވީ ކިހިނެއް؟ - މުޒާހަރާގެ ބައިވެރިން ގޮވާފައިވަނީ، ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށެވެ. އަދި މި ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް ވެސް ދަނީ އަޑު އުފުލަމުންނެވެ.

މުޒާހަރާ ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކޮށް ޕެޕާ ސްޕްރޭ ޖެހި ކަމަށް އެ ސަރަހައްދުގައި ހުރި 'ދައުރު'ގެ ފޮޓޯ ޖާނަލިސްޓް ބުންޏެވެ. ޝީލްޑް ހިފައިގެން ރަޔަޓް ގިއަރުގައި ތިބި ފުލުހުންގެ ސަފުތައް ވަނީ މުޒާހަރާގެ ބައިވެރިން ސޯސަން މަގަށް ފަހަތަށް ޖައްސާ ކުރިއަށް ނުދެވޭ ގޮތަށް ހިފަހައްޓާފައެވެ.

ބުނީ ކީކޭ؟ - ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެ ޕާޓީގެ މީޑިއާ ގްރޫޕެއްގައި ވިދާޅުވި ގޮތުގައި:

  • މުޒާހަރާގެ ތެރެއިން ގިނަ ބަޔަކަށް އަނިޔާވެފައިވޭ؛ އެމީހުންނާ އެކު އެ ޕާޓީގެ ގިނަ މަޖިލިސް މެމްބަރުން ވެސް ތިއްބެވީ ހޮސްޕިޓަލުގައި

  • ފުލުހެއްގެ ޝީލްޑަކުން ޖަހާ ވައްޓާލުމުން ޗެނަލް 13ގެ ނޫސްވެރިޔާ ހަސަން ޝަހީދަށް ވަރަށް ބޮޑަށް އަނިޔާވެފައިވޭ؛ އޭނާ އަށް ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށް ހީނާ ވިދާޅުވި

  • މުޒާހަރާގައި 17 މީހުން ވަނީ ހައްޔަރުކޮށްފައި

އަނިޔާވި ނޫސްވެރިޔާއަށް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް ހީނާ ވިދާޅުވިޔަސް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަފްއާލް އަހުމަދު 'ދައުރު'އަށް ވިދާޅުވީ މުޒާހަރާގައި އަނިޔާވި އެއްވެސް މީހަކަށް އައިސީޔޫގައި ފަރުވާދެމުން ނުދާ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން މުޒާހަރާއަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ އަނިޔާވި ނޫސްވެރިޔާ އަދިވެސް ހޭނާރާ ކަމަށެވެ.

މިއަދު އިދިކޮޅު ކޯލިޝަނުން ކުރި މުޒާހަރާގެ ތެރެއިން (ދައުރު ފޮޓޯ/ އަބްދުﷲ އިޔާން)

އެނގުން މުހިންމު - މުޒާހަރާ ކަވަރުކުރަމުން ދިޔަ ޗެނަލް 13ގެ ދެ ނޫސްވެރިއަކަށް އަނިޔާވެފައިވާ ކަމަށް ބުނެ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ޓްވީޓް ކޮށްފަ އެވެ. އެތަނުން އެއް ޖާނަލިސްޓަށް މިވަގުތު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަން އެމްޖޭއޭއިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

"މީޑިއާ ފާސް އަޅައިގެން ތިބި ވީޑިއޯގްރާފަރާއި ފޮޓޯ ޖާނަލިސްޓަށް ފުލުހުންގެ ޝީލްޑުން ޖެހި އަނިޔާވެފައިވާ އިރު، ޕެޕާ ސްޕްރޭގެ އަސަރު ވެސް އެމީހުންނަށް ވަނީ ކޮށްފައި،" ކަމަށް އެމްޖޭއޭގެ ޓްވީޓުގައިވެ އެވެ.

މީގެ އިތުރުން އެ ސަރަހައްދުގައި މުޒާހަރާ ކަވަރުކުރަން ހަރަކާތްތެރިވި ވީޓީވީގެ ނޫސްވެރިއެއް ބުނި ގޮތުގައި އިދިކޮޅު ކޯލިޝަނުންގެ ސަޕޯޓަރުން ނޫސްވެރިންނާ ދިމާލަށް އެއްޗިހިކިޔާ ފެންފުޅި އުކާފައިވެ އެވެ. އެ މަންޒަރުތައް ލައިވްކޮށް ޓީވީއިން ވެސް ފެންނާނެ ކަމަށް އޭނާ ބުންޏެވެ.

ގުޅުން ހުރި ކަމެއް - އިދިކޮޅުން މަގުމަތީގައި މުޒާހަރާ ކުރަމުންދާ އިރު، އެ ކޯލިޝަނަށް ނިސްބަތްވާ މަޖިލިސް މެންބަރުން މަޖިލީހުގެ ތަޅުމުގައި ވެސް އިހްތިޖާޖް ކުރި އެވެ. އެ އިހްތިޖާޖްއާ ގުޅިގެން ރައީސް ސޯލިހްގެ ރިޔާސީ ބަޔާން އިއްވުން ލަސްވި އެވެ. އިދިކޮޅު މެންބަރުން އަޑު ގަދަ ކުރުމުން، އެ މެންބަރުންގެ ނަންވެސް އިއްވި އެވެ. އަލުން ޖަލްސާ ކުރިއަށް ގެންދިޔައި އެ މެންބަރުން ނެރުމަށް ފަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް