އީނާސް އިންޓަވިއު ދެއްވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

އީނާސްގެ ވީނަސް ތަރި ކާމިޔާބީ އަދި ސްޓެލްކޯގެ ޝަރަފް

އީނާސް އަހުމަދަކީ ސްޓެލްކޯގެ ފައިނޭސް ޑިޕާޓްމެންޓް ހިންގަވާ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު. ނަމަވެސް މިއަށް ވުރެ ކުރު އަދި ފުރިހަމަ ތައާރަފަކަށް ވާނީ މިހެން ބުނިއްޔާކަން ޔަގީން. – އޭނާ އަކީ ސްޓެލްކޯގެ ރައުސްމާލުގައިވީ އެންމެ ބޮޑު ހިތް
30 ނޮވެމްބަރު 2022
2

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ވަޒީފާގައި މިއީ އީނާސް އަހުމަދުގެ 23 ވަނަ އަހަރެވެ. ނަމަވެސް އަގު ވަޒަންކުރުމުގެ ޝަރަފުވެރި ހާއްސަ އެވޯޑެއް ނިމިގެން ދިޔަ ސްޓެލްކޯގެ އަހަރީ ޖަލްސާގައި އޭނާގެ ހިދުމަތް ފާހަގަކުރީ ހަމައެކަނި މި 23 އަހަރު ރަމްޒުކޮށްދޭ އަދަދުގައިވީ ފުރިހަމަ ކަމަކަށް ނޫނެވެ. އެކަމަކު ހިދުމަތުގައި އޭނާ ކޮންމެ ދުވަހަކު ވެސް ދައްކަވަމުން ގެންދާ ފުރިހަމަކަމާއި ކުޅަދާނަ ކަމަށްކަން ޔަގީނެވެ.

އީނާސްއަކީ ސްޓެލްކޯގެ ފައިނޭސް ޑިޕާޓްމެންޓް ހިންގަވަމުން ގެންދަވާ އެކުންފުނީގެ ޖެނެރަލް މެނޭޖަރެވެ. އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ ރޯލު ވެސް އަދާކުރައްވާ މުވައްޒަފެވެ. ނަމަވެސް މިއަށް ވުރެ ކުރު އަދި ފުރިހަމަ ތައާރަފަކަށް ވާނީ މިހެން ބުނިއްޔާކަން ޔަގީނެވެ. – އޭނާ އަކީ ސްޓެލްކޯގެ ރައުސްމާލުގައިވީ އެންމެ ބޮޑު ހިތެވެ. ފައިނޭންސް ޑިޕާޓްމެންޓްގެ މަސްއޫލިއްޔަތާ އެކު ސީއެފްއޯއެއްގެ ރޯލުގައި އޭނާ އަދާކުރައްވާ ޒިންމާތަކުގެ ވާހަކަ ކިޔައިދީގެން އޭނާގެ ވާހަކަ އަދި ފުރިހަމައެއް ވެސް ނުވާނެ އެވެ.

މިކަމަށް ސްޓެލްކޯގެ އެންމެ މަތީ ފަޑިން ފެށިގެން އެންމެ އާދައިގެ މުވައްޒަފުން ވެސް ހެކިވެ އެވެ.

މިސާލަކަށް މިހެންނެވެ.

"އީނާސް އަކީ އެންމެ މަތީ ލެވެލްގައި ހަރަކާތްތެރިވުމުގެ އިތުރުން އެންމެ އާދައިގެ ލެވެލްގައި ވެސް ސްޓާފުންނާ ވަރަށް ގުޅިގެން، އެންމެން ގޮވައިގެން އުޅެން ދަންނަ އެގޮތަށް ކުރިއަށް ދާ މީހެއް. ކުންފުނީގެ ކޮންމެ ކަމެއް ކުރިޔަސް އަބަދުވެސް އީނާސް ހުންނާނެ ސަޕޯޓްކުރަން އައިސް،" ސްޓެލްކޯގެ ސީނިއާ އޮފިސަރު ފާތިމަތު ޝައްމާ ގައްޔޫމް، އީނާސް ސިފަކުރީ މިހެންނެވެ.

އަދި ވަރަށް މުހިންމު އެހެން ކަމެއް ވެސް ޝައްމަ ފާހަގަކުރި އެވެ.

"އަންހެނަކަށް ވިޔަސް މި ލެވެލްގައި ނުކުރެވޭނެ ކަމެއް ނެތްކަން އީނާސް ސާބިތުކޮށްދެމުން ދަނީ ކޮންމެ ދުވަހަކު ވެސް."

ސްޓެލްކޯގައި 71 އަހަރުވީ ޝަރަފުވެރި، ދިގު ތާރީހެއް އޮތް ނަމަވެސް ކުންފުނީގެ އެންމެ މަތީ ފެންވަރުން އަބަދުވެސް ފާހަގަކުރެވުނު ކަމަކީ ސިޔާސަތު ކަނޑައެޅުމާއި ގޮތް ނިންމުން އޮތް ހިސާބަށް ދިއުމުގައި އަންހެން މުވައްޒަފުންނަށް ހުރި ގޮންޖެހުންތަކެވެ. ޓެކްނިކަލް ކުންފުންޏެއްގެ ގޮތުގައި އޮތް ސްޓެލްކޯގެ ޓޮޕް މެނޭޖްމަންޓްގައި ހިމެނޭ ގިނަ އަދަދެއްގެ ފިރިހެނުންނާ އެއް ހަމައެއްގައި އަންހެނަކަށް ފައިތިލަ ހަމަކޮށްލަން ލިބުމަކީ ހަގީގަތުގައި ފާހަގަކުރާވަރުގެ ފަހުރެކެވެ.

ސްޓެލްކޯގައި ޑިޕާޓްމެންޓްތަކުގެ އެންމެ އިސް ވެރިން ނުވަތަ އެޗްއޯޑީންގެ ގޮތުގައި 19 ވަރަކަށް މީހުން ތިބިއިރު އީނާސް އަކީ އޭގެ ތެރޭގައި ހިމެނޭ ދެ އަންހެނުންގެ ތެރެއިން އެކަކެވެ. އަދި ސްޓެލްކޯގައި ސީއެފްއޯގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ފުރުއްވާ ފުރަތަމަ އަންހެން ވެރިޔާ ވެސް މެ އެވެ.

"ޓެކްނިކަލް މަސައްކަތްކުރާ އަދި މޭލް ޑޮމިނަންޓް ވަޒީފާގެ މާހައުލެއްގައި އެންމެ ތިރިން ފަށައިގެން މި ހިސާބަށް އާދެވުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުގެ ކެރިއަރުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. އެހެންވީމަ ވަރަށް އުފާވޭ މިއަދު މި ހިސާބަށް އާދެވުނީތީ،" އީނާސް ވިދާޅުވި އެވެ.

"މިއީ އަބަދުވެސް ބޭނުންވި ކަމެއް. މި ހުވަފެން އަބަދުވެސް އިން. މި ކޮމްޕެނީގައި މި ލެވެލްގައި މަސައްކަތްކޮށްލުން އެއީ އަޅުގަނޑު އަބަދުވެސް ހާސިލުކުރަން ބޭނުންވެފައި ހުރި އަމާޒެއް. އަދި ހުވަފެނެއް."

އެކަމަކު އީނާސްގެ އެންމެ ފުރަތަމަ ހުވަފެން ވަރަށް ތަފާތެވެ. އަދި އެއީ މުޅިން އެހެން ދާއިރާއެކެވެ. މިހައި ހިސާބުން އެ ދިމާލަށް ޖެހިލަމާ ހިނގާށެވެ.

އީނާސް (މ) ސްޓެލްކޯގެ އިވެންޓެއްގައި ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ސްޓެލްކޯ)

ބޭނުންވީ ޑޮކްޓަރަކަށްވާން؛ ހިތްޖެހުނީ ސްޓެލްކޯއަށް

ސްޓެލްކޯގައި ފައިނޭންސް ޑިޕާޓްމެންޓްގެ އިސްވެރިޔާގެ މަގާމު ފުރަމުން އަންނައިރު އީނާސް އިތުރު ހަތަރު ކޮމިޓީއެއްގައި ވެސް ވަރަށް އަވަދިނެތި އަދި އެހާމެ ބުރަކޮށް މަސައްކަތްކުރައްވަ އެވެ. ސްޓެލްކޯގެ ހައުސިން ކޮމިޓީ އަދި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޝަކުވާ ބަލާ ކޮމެޓީގެ ޗެއާޕާސަން ކަން ކުރައްވަމުން ގެންދަވާއިރު ސްޓާފް ވެލްފެއާ ކޮމިޓީ އަދި އެޗްއާރް ކޮމިޓީގެ މެމްބަރެއްގެ ޒިންމާތައް ވެސް އޭނާ އަދާކުރައްވަ އެވެ.

އެކަމަކު މިއީ ކުރިން އޭނާ ދުވަހަކު ވެސް ހުވަފެނުން ވެސް ދެކެވަޑައިނުގަންނަވާ ދާއިރާއެކެވެ.

"އެއީ ސްކޫލުން ނިމިގެން އަޅުގަނޑު އޭރު އެންމެ ފުރަތަމަ ބޭނުންވީ ޑޮކްޓަރަކަށް ވާން. އަޅުގަނޑު އޯލެވެލްގައި ކިޔެވީ ވެސް ސައިންސް ސްޓްރީމް. ނަމަވެސް ޑޮކްޓަރަކަށް ވާން ކިތަންމެ ބޭނުންވިޔަސް، އާއިލާއަކަށް އެކަމުގައި އަޅުގަނޑު އިތުރަށް ކުރިއަށް ގެންދެވޭ ގޮތެއް ނުވި،" އެންމެ ކުރީގެ ހަނދާންތަކުން ކިޔައިދެއްވަމުން އީނާސް ވިދާޅުވި އެވެ.

"އޭރު ދެން އެންމެ މޮޅުވާނީ އެންމެ ގިނަ މާއްދާއިން އޯލެވެލްގައި ބައިވެރިވެ އޯލެވެލް ހަދާ ކުދިން. ސައިންސް ކިޔެވިޔަސް އަޅުގަނޑު ބައިވެރިވިން 11 މާއްދާގައި. އެގޮތުން އެކައުންޓިން އާއި ކޮމާސް އަދި އިކޮނޮމިކްސް އިން ވެސް އޯލެވެލް ހެދިން."

އޭގެ ނަތީޖާ ވަރަށް ވެސް ފޮންޏެވެ. ވަކިން ހާއްސަކޮށް މި އިމްތިހާނު ވެގެންދިޔައީ ހުވަފެނުން ހޭލައިގެން ވަޒީފާގެ އާންމު މާހައުލަށް ނުކުތުމަށް އީނާސް ތައްޔާރުކޮށްދިން އިމްތިހާނަކަށެވެ.

"އޯލެވެލް ނިމިގެން، ޑޮކްޓަރުކަން ކިޔަވަން ބޭރަށް ދެވޭ ގޮތް ނުވިކަމުގައިވިޔަސް، ކުރިޔަށް ދިއުމުގެ އެންމެ ބޮޑު ހިތްވަރަކަށްވީ އަޅުގަނޑުގެ ބައްޕަ. 'ދަރިފުޅަށް ވާނެ، ބައްޕަޔަށް ޔަގީނޭ' ބުނެ ބައްޕަ ދެއްވި މި ހިތްވަރާ އެކު އަޅުގަނޑު އެންމެ ފުރަތަމަ ވަޒީފާ އަދާކުރަން ފެށީ ޓްރެވަލް އެޖެންސީއެއްގައި. އެތަނުގައި ފައިނޭންސް ކަންކަން ބަލަހައްޓަން އުޅުނީ،" މިހާރު މަސައްކަތްކުރައްވާ ރަސްމީ ދާއިރާ އަށް ޝައުގުވެރިކަން އުފެދުމުގެ އަސްލު ކިޔައިދެއްވަމުން އީނާސް ވިދާޅުވި އެވެ.

"ދެން އަޅުގަނޑު ބައިވެރިވީ އެސޯސިއޭޝަން ފޯ އެކައުންޓިން ޓެކްނީޝަންސް (އޭއޭޓީ) ކޯހެއްގައި. އެ ޕްރޮގްރާމު ފުރިހަމަކޮށްލެވުނީމަ ހިތަށް އެރީ މިއީ ރަނގަޅު ދާއިރާއެކޭ ރާއްޖޭގައި ކުރިއަށް ދާން."

އެއަށް ފަހު ދެން ފެށުނީ އޭނާގެ ސްޓެލްކޯ ވަޒީފާގެ ދަތުރެވެ. ސީނިއާ އޮފިސަރެއްގެ މަގާމުގައި ސްޓެލްކޯގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓާ އޭނާ ގުޅިވަޑައިގަތީ 1999 ވަނަ އަހަރު އެވެ. އޭގެ ފަހުން ފަސްއެނބުރި ބެލުމެއް ނެތެވެ.

"ސްޓެލްކޯގެ ވަޒީފާ ލިބިގެން ވެސް އަޅުގަނޑު ބޭނުންވީ އިތުރަށް ކިޔަވަން. މި ދާއިރާގައި ގޮންޖެހުންތައް ބޮޑުވިޔަސް އެ ހުރިހާ ގޮންޖެހުމަކާ ވެސް ކުރިމަތިލެވޭ ވަރަށް ކޮލިފައިޑް މީހަކަށް ވާން ބޭނުންވީ، އަދި އަޅުގަނޑުގެ ގާބިލުކަން ސާބިތުކޮށްދޭން ބޭނުންވެފައި ހުރި ވަރުން، ޕްރޮފެޝަނަލް ދާއިރާއިން،" ޗާޓާޑް އިންސްޓިޓިއުޓް އޮފް މެނޭޖުމަންޓް އެކައުންޓަންޓްސް ކޯހުގެ އިތުރުން އެކަޑަމިކް ދާއިރާއިން ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން މާސްޓާސް ފުރިހަމަކުރައްވާފައިވާ އީނާސް ވިދާޅުވި އެވެ.

"ދާއިރާގައި މަސައްކަތްކުރާ އެންމެނާ ވެސް ފައިހަމަކުރެވޭ ވަރުގެ ފެންވަރަށް ދާން އަޅުގަނޑު ބޭނުންވީ. މި ދާއިރާއިން ތައުލީމް ހާސިލްކޮށް ތަޖުރިބާގެ ބޭނުން ހިފައި، ކުންފުންޏަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދޭން ބޭނުންވީ."

އީނާސް (ކ) ސްޓެލްކޯގެ އިވެންޓެއްގައި ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ސްޓެލްކޯ)

ގޮންޖެހުން ބޮޑު؛ ހުރިހާ ޝުކުރެއް ޓީމަށް

ޕްރޮކިއުމަންޓްގެ ސީނިއާ އޮފިސަރެއްގެ މަގާމުން ފަށައިގެން ކުންފުނީގެ ފައިނޭންސް ޑިޕާޓްމެންޓްގެ އިސްވެރިޔާގެ މަގާމަށް ދަތުރުކުރުމަކީ އެއްގޮތަކަށް ވެސް ފަސޭހަ ތަޖުރިބާއެއް ނޫނެވެ. ނަމަވެސް އީނާސް ވިދާޅުވަނީ ކުރިމަތިވި ހުރިހާ ގޮންޖެހުމަކަށް ވެސް އޭނާ ތައްޔާރުކޮށްދިނުމުގައި އެންމެ މުހިންމު ރޯލެއް އަބަދުވެސް ކުޅުނީ އޭނާގެ ޓީމާއި އާއިލާ ކަމަށެވެ.

"ފައިނޭންސް ޑިޕާޓްމެންޓްގެ އިސްވެރިޔާކަން އަޅުގަނޑަށް އެންމެ ފުރަތަމަ ހުށަހެޅިގެން ދިޔައީ 2008 ވަނަ އަހަރު. އަޅުގަނޑު ފަރާތުން ކުންފުންޏަށް ދޭ ހިދުމަތަކީ އެންމެ ރަނގަޅު ހިދްމަތެއްކަމުގައި ޔަގީން ކުރުމަށް އިތުރު ތަޖުރިބާ ހޯދުމުގެ މަގްސަދުގައި އެ ފުރުސަތައިގެން ކުރިއަށް ނުދާން އެވަގުތު ނިންމީ،" އީނާސް ވިދާޅުވި އެވެ.

"ނަމަވެސް އަޅުގަނޑާ އެކު މަސައްކަތްކުރާ ޓީމު އަދި ވަކިން ހާއްސަކޮށް ޓޮޕް މެނޭޖުމަންޓުން އަޅުގަނޑަށް ދިން ފުރުސަތުތަކާ އެކު ލިބުނު ތަޖުރިބާ އަދި ދެއްވި އިތުބާރަކީ މިއަދު އަޅުގަނޑު މި ހިސާބަށް އައުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި ބާރެއް. އަޅުގަނޑުގެ މަސައްކަތް ވެރިންނަށް ކަމުގޮސް ބަލައިގަތުމުގެ ސަބަބުން ލިބުނު އިތުބާރާއި ޔަގީންކަން ބޮޑުވި އަދި ކުރިއަށް ދާން ފަސޭހަވެ، އެކަން މިވަނީ ސާބިތުކޮށްދެވިފައި."

"އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރަނީ، ހުރިހާ ސްޓާފުންނާ އެކީ ޓީމެއް ގޮތަށް އޯވަރޯލްކޮށް ކުންފުނިން ހާސިލްކުރަން ބޭނުންވާ ކަންތައްތައް ހާސިލްކުރުމަށް."

އީނާސް ވިދާޅުވަނީ އޭނާގެ ކާމިޔާބީގެ ހުރިހާ ޝުކުރެއް ވެސް އަސްލު ހައްގުވަނީ އޭނާގެ ޓީމަށް ކަމަށެވެ. އަދި ސްޓެލްކޯގެ މި ދަތުރުގައި އޭނާގެ މަގާމާއި ކޮލިޓީ ކިތަންމެ މައްޗަކަށް އަރައިގެން ދިޔަ ނަމަވެސް ހިތް އޮތީ އަދިވެސް ހަމަ ބިމުގަ އެވެ.

"ވަރަށް ގިނަ މީހުންނަށް ހީވެދާނެ މިއީ ޓެކްނިކަލް ކުންފުންޏެއްވީމަ އަންހެނުންނަކަށް ނެތޭ ފުރުސަތެއް. ކުރިއެރުމެއް. އެކަމަކު ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކު، ގުޅޭ ދާއިރާއަކުން ތައުލީމާއި ތަޖްރިބާއާ އެކު ކުރިމަތިލައިފި ނަމަ އަންހެނަކަށް ވިޔަސް މި ކުންފުނީގައި ވެސް އެންމެ މައްޗަށް ދެވިދާނެއޭ ބުނެލަން ބޭނުންވަނީ."

އީނާސްގެ ކާމިޔާބީ އިން އަދި ވަރަށް މުހިންމު ސިފައެއް ވެސް އޭނާ ފާހަގަކުރެއްވި އެވެ. ފަހަރުގައި މިއީ އޭނާގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރެވެ.

"އަޅުގަނޑަކީ ކުންފުނީގެ މަސްލަހަތު އިސްކޮށް، އުޅޭ ދާއިރާއިން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި ލިބިފައިވާ އިލްމާއި ތަޖްރިބާގެ ބޭނުން ހިފާ، އަޅުގަނޑު ގަބޫލުކުރާ އުސޫލުތަކަށް މަސައްކަތްކުރުމަށް ފަސްނުޖެހި މަސައްކަތް ކުރާނެ މީހެއް،" އީނާސް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އެގޮތަށް މަސައްކަތްކުރުމަކީ އަސްލު ވަރަށް ރަނގަޅު ވެސް ކަމެއް ކަމަށް. އަޅުގަނޑަށް މި ހިސާބަށް އާދެވުމުގެ އެއް ސިއްރު އެއީ ވެސް."

އެއީ ތެދެކެވެ. ތިމާއަށް ގަބޫލުކުރެވޭ އުސޫލުތަކެއްގައި ހިފަހައްޓައި މަސައްކަތް ކުރާތަނުގެ މަސްލަހަތު އިސްކޮށް މަސައްކަތްކުރުމަކީ ކާމިޔާބުގެ އަސްލެކެވެ. އަބަދުވެސް ވަރަށް ފުރިހަމަ މަސައްކަތެކެވެ. އަގުވަޒަންނުކުރެވޭ ވަރުގެ މިސާލެކެވެ.

"އަޅުގަނޑުގެ އެންމެ ބޮޑު ހުވަފެނަކީ މި ދާއިރާގައި ރާއްޖޭގައި ތިއްބެވި އެންމެ ފުންނާބުއުސް ފަރާތްތަކާ އެކީ މަސައްކަތްކޮށް، އަޅުގަޑުގެ ފަރާތުން ގައުމަށް އަގުހުރި ހިދުމަތްތަކެއް ފޯރުކޮށްދިނުން،" އީނާސް ވިދާޅުވި އެވެ.

ކޮމެންޓް (2)

ވަޙީދު ބޮންތި

2 ޑިސެމްބަރު 2022
ވަރަށް ފަޚުރުވެރިވަން ، ކޮއްކޮގެ ތިޔަ ގާބިލުކަމާއި ހުނަރުވެރި ކަމަށް.
1 1

ފާތުން

30 ނޮވެމްބަރު 2022
ވަރަށް ހިތްވަރު ލިބިއްޖެ
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް