ނާއިބު ރައީސް ފައިސަލް (ވ) އަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް (ކ) ހުވާ ލައިދެއްވާ އިރު މަޖިލީހުގެ ރައީސް ނަޝީދު އަޑުއައްސަވަނީ. (ފޮޓޯ/ މަޖިލިސް)

ރައީސްގެ މަސްއޫލިއްޔަތާ ނާއިބު ރައީސް ހަވާލުވެވަޑައިގެންފި

މިއަދު ހެނދުނު 5:50ގައި ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ނާއިބު ރައީސް ފައިސަލް ވަނީ ރައީސްކަމުގެ ހުވާ ކުރައްވާފައި
25 ފެބްރުއަރީ 2022

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އޮޕަރޭޝަން ކުރައްވާތީ އެމަނިކުފާނުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމަށް ނައިބު ރައީސް ފައިސަލް ނަސީމް ދާދި ދެންމެއަކު ރައީސްކަމުގެ ހުވާކުރައްވައިފި އެވެ.

އެނގުން މުހިއްމު - މިއީ ނައިބު ރައީސަކު ރާއްޖޭގެ ރައީސްކަމުގެ މަސްއޫލިއްޔަތާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ނާއިބު ރައީސް ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު

ތަފްސީލް - ނާއިބު ރައީސް ފައިސަލް ރައީސްކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ހުވާކުރެއްވީ މިއަދު ހެނދުނު 5:50ގައި ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

ވީ ކިހިނެއް؟ - ޑޮކްޓަރުންގެ ލަފާގެ މަތިން މިއަދު ހެނދުނުގެ ވަގުތެއްގައި ތަައިރޮއިޑް އޮޕަރޭޝަނެއް ކުރައްވަން ނިންމަވާފައިވާކަން ރައީސް ސޯލިހު ރޭ ވަނީ ޓްވީޓަކުން ހާމަކުރައްވައިފަ އެވެ. އަދި ވަގުތީ ގޮތުން ރައީސްކަމުގެ މަސްއޫލިއްޔަތު ނައިބު ރައީސް ފައިސަލްއާ ހަވާލުކުރައްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ސޯލިހު އޮޕަރޭޝަން ކުރައްވަނީ ސިންގަޕޫރުގަ އެވެ.

ނާއިބު ރައީސް ފައިސަލް ނަސީމް މިއަދު ރައީސްކަމުގެ ހުވާކުރައްވަނީ. (ފޮޓޯ/ މަޖިލިސް)
ނާއިބު ރައީސް ފައިސަލް ނަސީމް (ވ) ރައީސް ކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން (ކ) އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު (މ). (ފޮޓޯ/ މަޖިލިސް)

ރައީސް އޮފީހުގެ ބަސް - ރައީސް އޮފީހުން މިއަދު ބުނިގޮތުގައި އޮޕަރޭޝަން ކުރައްވަން ޖެހިވަޑައިގެން، ރައީސްގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ވަގުތީގޮތުން އުޒުރުވެރިވެވަޑައިގަންނަވާ ފަދަ ހާލަތެއް މެދުވެރިވެފައިވާތީ ގާނޫނު އަސާސީގެ 123 ވަނަ މާއްދާގެ (ހ)ގައި ވާ ގޮތުގެ މަތިން ރައީސް ސޯލިހު ވަނީ ސަބަބު ބަޔާންކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމުން އެކަން އަންގަވައިފަ އެވެ. އަދި އެއަށް ފަހު ރައީސްގެ މަސްއޫލިއްޔަތުތައް މިއަދު 6 އިން ފެށިގެން ނާއިބު ރައީސްއާ ހަވާލުކުރެއްވީ އޮޕަރޭޝަނަށް ފަހު އަލުން ރައީސްކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ރައީސް ހަވާލުވެވަޑައިގަންނަވަންދެނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް