ސިލްސިލާ ގޭންގު މާރާމާރީތަކާ ހެދި އެތައް ސަތޭކަ ބަޔަކު މަރުވެ، އެތައް ހާސް ބަޔަކު ވަނީ ގެދޮރުން ނުކުންނަށް މަޖުބޫރުވެފައި. (ފޮޓޯ/ ރޮއިޓާސް)

ހެއިޓީ

ހައިޓީ ވަނީ އިންސާނީ ކާރިސާއެއްގައި: ސަފީރު

ހައިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ މެދުގައި ވަނީ ގޭންގު ހަމަނުޖެހުންތައް
27 ސެޕްޓެމްބަރު 2022

ގޭންގު ހަމަނުޖެހުންތަކާއި އިގްތިސާދީ އަދި ސިޔާސީ މައްސަލަތަކާ ހެދި ހައިޓީއަށް އިންސާނީ ކާރިސާއެއް ކުރިމަތިވެފައިވާ ކަމަށް، އެ ގައުމުން އދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިއްޔެ ވިދާޅުވެއްޖެ އެވެ.

އެތައް ހަފްތާތަކެއް ވަންދެން ކުރިއަށްދާ ގޭންގު ހަމަނުޖެހުންތަކާއި ކާބޯތަކެތީގެ އެހީ ރައްކާކޮށްފައި ހުރި ގުދަންތަކަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ގައުމުގެ ރައްޔިތުންނަށް ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކޮށްދޭން ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ސަފީރު ހެލެން ލަ ލީމޭ ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގައި ވިދާޅުވެފަ އެވެ.

މި ހާލަތާ ގުޅިގެން އެ ގައުމުގެ ވިޔާފާރިތައް ބަންދުކޮށްފައި ވާއިރު، ދަތުރުފަތުރުކުރުމުގެ ހިދުމަތްތައް ވެސް ވަނީ ހުއްޓާލާފަ އެވެ. އަދި ބޮޑުވަޒީރު އެރިއެލް ހެންރީގެ އިސްތިއުފާއަށް އެތައް ހާސް ބަޔަކު ދަނީ ގޮވާލަމުންނެވެ.

ހައިޓީގައި ހަމަނުޖެހުންތައް ފެށިފައި ވަނީ ސަރުކާރުން ތެލަށް ދެމުން އަންނަ ސަބްސިޑީތައް މި މަހުގެ 11 އިން ފެށިގެން ކަނޑާލާނެ ކަމަށް ބޮޑުވަޒީރު ހެންރީ އިއުލާނު ކުރެއްވުމާ ގުޅިގެންނެވެ. މި ފިޔަވަޅާ އެކު، ޕެޓްރޯލާއި ޑީސަލްގެ އަގު ވަނީ އިންތިހާއަށް މައްޗަށް ގޮސްފަ އެވެ. އެއަށް ފަހު އެ ގައުމުގައި، ހާއްސަކޮށް ވެރިރަށް ޕޯޓް-އޫ-ޕްރިންސްގައި މުޒާހަރާތަކާއި ލޫޓުވުންތައް ވަނީ އިތުރުވެގެން ގޮސްފަ އެވެ.

ހައިޓީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ (ވީޑިއޯ/ އެސޯސިއޭޓެޑް ޕްރެސް)

އދ.ގެ ފުޑް ޕްރޮގްރާމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ލިިބިފައިވާ ކާބޯތަކެތި ރައްކާކޮށްފައިވާ ގުދަންތަކަށް ތަކުރާރުކޮށް ދީފައިވާ ހަމަލާތަކާ ހެދި 5 މިލިއަން ޑޮލަރުގެ ކާބޯތަކެތި ގެއްލިފައިވާ ކަމަށް ސަފީރު ލަ ލީމޭ ވަނީ އދ.ގެ ކައުންސިލުގައި އިއްޔެ ވިދާޅުވެފަ އެވެ.

"މިއީ އެންމެ ނާޒުކު ފައްތަރުގައިވާ 200،000 ރައްޔިތުންނަށް އެއް މަސްދުވަހަށް ބޭނުންވާ ކާބޯތަކެތީގެ އެހީ،" އޭނާ ވިދާޅުވި އެވެ.

"ހައިޓީގެ ހާލަތު ހިތާމަ އާއި މާޔޫސްކަމުގެ އާ ދަރަޖައަކަށް ވަނީ ވެއްޓިފައި،" އދ.ގެ ބައްދަލުވުމުގައި އިންނެވި ވޯލްޑް ފުޑް ޕްރޮގްރާމްގެ އެގްޒެކެޓިވް ޑިރެކްޓަރު ވެލެރީ ގުއަރްނިއޭރީ ވިދާޅުވި އެވެ. 

އެ ގައުމުގެ އިންފްލޭޝަން 10 އަހަރު ތެރޭ ނުދާ ވަރަަށް މިހާރު މައްޗަށް އަރާފައިވާ ކަމަށާއި، އާބާދީގެ %40 ދިރިހުރުމަށް ބަރޯސާވަމުން އަންނަނީ އެހީއަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މި އަހަރުގެ ބާކީ އޮތް ބައިގައި ކާބޯތަކެތި ނުލިބުމުގެ މައްސަލަ އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، މި ހާލަތާ ގުޅިގެން 1.3 މިލިއަން މީހުންގެ ހާލަތު އެމެޖެންސީ ދަރަޖައަށް ވެއްޓޭނެ ކަމަށް ވެސް ގުއަރްނިއޭރީ ވިދާޅުވި އެވެ.

ހައިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ މެދުގައި ވަނީ ގޭންގު ހަމަނުޖެހުންތަކެވެ. ސިލްސިލާ ގޭންގު މާރާމާރީތަކާ ހެދި އެތައް ސަތޭކަ ބަޔަކު މަރުވެ، އެތައް ހާސް ބަޔަކު ވަނީ ގެދޮރުން ނުކުންނަށް މަޖުބޫރުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް