ޓީއެމްއޭއިން ބަދަލު ދޭން ޖެހުނު އީދު ގްރީޓިން ކާޑު

ޓީއެމްއޭ

އީދު ޕޯސްޓެއްގައި މީހެއްގެ ޑިޒައިނެއް ބޭނުންކޮށްގެން ޓީއެމްއޭއިން 40،000ރ. ދައްކަން ޖެހިއްޖެ

ޓީއެމްއޭގެ އިންސްޓަގްރާމައި ފޭސްބުކް ޕޭޖުގައި ޕޯސްޓުކުރި 'އީދު ގްރީޓިން ކާޑު'ތަކުގައި އޭނާގެ އުފެއްދުންތައް ބޭނުންކުރީ ހުއްދަ ނުހޯދާ
11 ޑިސެމްބަރު 2022
2

ފިތުރު އީދު ދުވަހުގެ މުނާސަބާ ފާހަގަކުރަން މިދިޔަ އަހަރު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކުގައި މީހެއްގެ އުފެއްދުމެއް ބޭނުންކޮށްފައިވާ މައްސަލަ ސާބިތުވެ، ބަދަލުގެ ގޮތުގައި 40،000ރ. ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ވީ ކިހިނެއް؟ - މި މައްސަލަ ޓީއެމްއޭއާ ދެކޮޅަށް ހުށަހެޅީ މުހައްމަދު ފަރުހާން، ވ. ފަރުވެލި/މާލެ އެވެ. ކޯޓަށް ހުށަހެޅި މައްސަލައިގައި ފަރުހާން ބުނީ، ޓީއެމްއޭގެ އިންސްޓަގްރާމައި ފޭސްބުކް ޕޭޖުގައި ޕޯސްޓުކުރި 'އީދު ގްރީޓިން ކާޑު'ތަކުގައި އޭނާގެ އުފެއްދުންތައް ބޭނުންކުރީ ހުއްދަ ނުހޯދާ ކަމަށެވެ.

ތަފްސީލް - ފަރުހާންގެ މި ކުރެހުން ޓީއެމްއޭއާ ހިއްސާކުރީ، އެ ކުންފުނީގެ ކްރިއޭޓިވް ޑިޒައިނަރެއްގެ ވަޒީފާއަށް ހޮވުމުގެ ތެރެއިންނެވެ. އެއީ ވަޒީފާއަށް ހޮވުމުގައި ފެންވަރު ބެލުމުގެ ގޮތުން ޓީއެމްއޭއިން އެދިގެން އޭނާ ފޮނުވި ކުރެހުމެކެވެ. މި ކުރެހުން ޓީއެމްއޭއިން ބޭނުންކުރީ، ފަރުހާނަށް ވަޒީފާ ނުލިބޭ ކަން އެންގި ފަހުންނެވެ. 

ސިވިލް ކޯޓު (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ފަރުހާން ކޯޓުގައި އެދުނީ އޭނާގެ ހުއްދަ ނެތި، އޭނާގެ އުފެއްދުމެއް ބޭނުންކުރުމުގައި ޓީއެމްއޭއިން އޭނާގެ ހައްގުތަކަށް އަރައިގެންފައިވާތީ އެކަމުގެ ބަދަލާއި ހަރަދު ހޯދައި ދިނުމަށެވެ. މި ކަންކަމަށް އިންކާރު ކުރަމުން ޓީއެމްއޭއިން ކޯޓުގައި އެދުުނީ ފަރުހާންގެ ފަރުމާއަކީ ޓީއެމްއޭގެ ކޮންޓެންޓެއް ކަމަށް ކަނޑައަޅައިދިނުމަށާއި، ބަދަލު ނަގައިދެވެން ނެތް ކަމަށް ކަނޑައަޅައިދިނުމަށެވެ.

ޓީއެމްއޭގެ ކޮންޓެންޓެއް ކަމަށް ގަބޫލުކުރާ ސަބަބުތައް ފާހަގަކުރަމުން ޓީއެމްއޭގެ ވަކީލުން ކޯޓުގައި ބުނި ގޮތުގައި:

  • އެއީ ވަޒީފާއަށް ނެގުމުގެ ތެރެއިން ބްރޭންޑިން ގައިޑްލައިނާ އެއްގޮތަށް އެ ކުންފުނީގެ ބޭނުމަށް ތައްޔާރުކޮށްފައިވާ އުފެއްދުމެއް

  • ފަރުހާންގެ އުފެއްދުމުގައި އެ ކުންފުނީގެ ކުލަތަކާއި ލޯގޯ އާއި ސީޕްލޭން ހިމަނާފައިވޭ، އެއީ ޓީއެމްއޭގެ އުފެއްދުންތައް

ފަނޑިޔާރުގެ ބަސް - ކޮޕީރައިޓް ގާނޫނުގެ ދަށުން އުފެދިގެން އަންނަ ހައްގުތަކާ ގުޅޭގޮތުން ކުރެވުނު ތަފުސީލު ބަހުސަކަށް ފަހު، ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު މިދިޔަ ބުރާސްފަތި ދުވަހު އިއްވި ހުކުމުގައި، ޓީއެމްއޭއިން ފަރުހާންގެ ހައްގަށް އަރައިގެންފައިވާ ކަމަށް ކަަނޑައެޅުއްވި އެވެ. އެގޮތުުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި:

  • އުފެއްދުމުގައި ބޭނުންކޮށްފައި ހުރި ސީޕްލޭންގެ ފަރުމާއާއި ޓީއެމްއޭގެ ފަރުމާ ތަފާތު

  • ޓީއެމްއޭގެ ލޯގޯ އާއި ކުލަތައް ފިޔަވައި ދެން އެ އުފެއްދުމުގައި ހުރީ ފަރުހާންގެ އަމިއްލަ މަސައްކަތް

  • ފަރުހާންގެ އުފެއްދުން ބޭނުންކުރުމުގައި ޓީއެމްއޭއިން އޭނާގެ އިގުތިސޯދީ ހައްގުތަކަށް އަރައިގަތް

ޓީއެމްއޭއިން ބަދަލެއްގެ ގޮތުގައިި އެއް ލައްކައަށް ވުރެ ގިނަ ރުފިޔާގެ ބަދަލެއް ނަގައިދޭން ފަރުހާން އެދުނެވެ. ނަމަވެސް ކޯޓުން ނަގައިދިނީ އެދުނު ކަންކަމުގެ ތެރެއިން ވަކީލު ފީ އާއި އުފެއްދުމުގެ އަގު އެކަންޏެވެ.

ކޮމެންޓް (2)

ދޫނިމާލު

11 ޑިސެމްބަރު 2022
ކޮންމެ ކުންފުންޏެއްގަވެސް ލޯގޯ ޖަހާނެ ޑިޒައިންގަ، ލޯގޯ ޖެހިޔަސް އެ ޑަޒައިން ކުރާ ފަރާތައް ކުރި ހިދުމަތައް އުޖޫރަ ދޭންވާނެ.
1 0

ބަރާބަރު

11 ޑިސެމްބަރު 2022
ހަމަ ބަރާބަރު. ލޯގޯ އޮތީމާ ކުރި މަސައްކަތް އެހެން ބަައެއްގެ އެއްޗަކަށް ވޭތަ؟ 40،000ރ ކުޑަ.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް