(ފޮޓޯ/ ގެޓީ އިމޭޖެސް)

ހެކްކުރުން

އިނގިރޭސިވިލާތުގެ ސިއްހީ ހިދުމަތުގެ ސަޕްލަޔަރަކަށް ހެކަރުން ހަމަލާދީފި

އިނގިރޭސިވިލާތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ސައިބާ ބިރަކީ ރެންސަމްވެއާ ހަމަލާތައް ކަމަށް އެ ގައުމުގެ ސައިބާ ސެކިއުރިޓީ ސެންޓަރުން ބުނޭ

އިނގިރޭސިވިލާތުގެ ސިއްހީ ހިދުމަތް، ނޭޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް)ގެ މުހިންމު ސަޕްލަޔަރަކަށް ސައިބާ ހަމަލާއެއް ދީފި އެވެ.

އެންއެޗްއެސްގެ ސަޕްލަޔަރެއް ކަމުގައިވާ އެޑްވާންސްޑް އަށް ކުރިމަތިކޮށްފައި ވަނީ ރެންސަމްވެއާ ހަމަލާއެކެވެ. މިފަދަ ހަމަލާތަކުގައި ކޮމްޕިއުޓަރު ސިސްޓަމްތަކާއި އޭގައިވާ މައުލޫމާތުތަކުގެ ކޮންޓްރޯލު ހޯދައި ރަހީނުކޮށް، ހެކަރުން ފައިސާ ހޯދަ އެވެ. އެޑްވާންސްޑް އަށް ކުރިމަތިވި މި ހަމަލާއިން އަރައިގަތުމަށް ތިން ހަތަރު ހަފްތާ ނަގާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މި ހަމަލާގެ ސަބަބުން ހިދުމަތްތަކަށް މާބޮޑު ބުރޫތަކެއް ނާރާނެ ކަމަށް އެންއެޗްއެސް އިން ބުނެފައިވީ ނަމަވެސް، އެންއެޗްއެސްގެ އެއްވެސް މައުލޫމާތެއް ވަގަށް ނަގާފައިވާ ކަމެއް އެޑްވާންސްޑް ކުންފުނިން ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.

އިނގިރޭސިވިލާތުގެ ބާމިންގްހަމް އަށް ނިސްބަތްވާ އެޑްވާންސްޑް އިން ބުނި ގޮތުގައި މި ހަމަލާ ފުރަތަމަ ފާހަގަ ކުރެވުނީ މިމަހުގެ 4 ވަނަ ދުވަހު ހެނދުނު އެވެ. އަދި އެ ހިސާބުން ފެށިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފަައިވާ ކަމަށާއި ހިދުމަތްތައް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ނަމަވެސް ހެކަރުންނާ މުއާމަލާތު ކުރަމުންދާ ކަމެއް ނުވަތަ ހެކަރުންނަށް ފައިސާ ދައްކަން ޖެހޭ ކަމެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެ އެވެ.

"އަސަރުކުރި ސިސްޓަމްތައް ރައްކާތެރި ވަކި މާހައުލެއްގައި އަލުން އިއާދަކޮށް ބިނާކުރަމުން އަހަރެމެން މިދަނީ،" އެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ވެ އެވެ.

އެޑްވާންސްޑްް އަށް ކުރިމަތިވި ހަމަލާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންއެޗްއެސް އިން ވެސް އަޅާފައިވާ ކަމަށާއި ނޭޝަނަލް ސައިބާ ސެކިއުރިޓީ ސެންޓަރާ ގުޅިގެން މި ހަމަލާގެ ފުރިހަމަ އަސަރު ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެންއެޗްއެސް އިންގްލެންޑުގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

"އާދައިގެ މަތިން އާންމުންނަށް އެންއެޗްއެސްގެ ހިދުމަތްތައް ބޭނުންކުރަމުން ގެންދެވޭނެ. މީގެ ތެރޭގައި ބަލިމީހުންނަށް ފޯރުކޮށްދޭ އެންއެޗްއެސް 111 ހިދުމަތް ވެސް ހިމެނޭ. އެކަމަކު ބައެއް ފަރާތްތަކުން [ހިދުމަތް ހޯދުމަށް] ހޭދަކުރަން ޖެހޭ ވަގުތު ދިގުވެދާނެ. ކުރިއެކޭ ވެސް އެއްގޮތަށް އިމަޖެންސީ ހާލަތްތަކުގައި 999 އަށް ގުޅަމުން ގެންދޭ،" އެންއެޗްއެސްގެ ތަރުޖަމާނު ވިދާޅުވި އެވެ.

ނަން ނުޖެހުމަށް އެދި ބީބީސީ އަށް މައުލޫމާތު ދެއްވި އެންއެޗްއެސްގެ ސައިކިއޭޓްރިސްޓަކު ވިދާޅުވި ގޮތުގައި މި ހަމަލާއާ ގުޅިގެން، އޭނާގެ ޓީމުން ބައެއް ކަންކަން ކުރަން ޖެހުނީ "ކަނުވެ ތިބެ" އެވެ.

"އަލަށް ބަލިމީހަކު އައިސްފި ނަމަ، އެމީހުންގެ ސިއްހަތާ ބެހޭ ތާރީހު އެނގޭނެ ގޮތެއް ނެތް، އެމީހުންގެ މައުލޫމާތު މާބޮޑަށް ހޯދޭނެ ގޮތެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އެޑްވާންސްޑް ކުންފުނިން ފުރަތަމަ ބުނެފައި ވަނީ މި ހަމަލާގެ އަސަރުކޮށްފަ ވަނީ މަދު ސާވާތަކަކަށް ކަމަށެވެ. އަދި މިކަމުން ހަފްތާއެއް ތެރޭ އަރައިގަނެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެ އެވެ.

އެޑްވާންސްޑްއާ ގުޅިގެން މި ހަމަލާއިން އަރައިގަތުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އިނގިރޭސިވިލާތުގެ ދަ ނޭޝަނަލް ސައިބާ ސެކިއުރިޓީ ސެންޓަރުން ވަނީ ބުނެފަ އެވެ. 

"އިނގިރޭސިވިލާތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ސައިބާ ބިރަކީ ރެންސަމްވެއާ. އަދި މިކަމަށް ހުރި ބިރުތައް މަދުކުރުމަށް އަހަރެމެން ދޭ އިރުޝާދުތަކާ އެއްގޮތަށް ނެޓްވޯކުތައް ރައްކާތެރިކޮށް، ދިފާއުތައް ވަރުގަދަކުރަން ހުރިހާ އިދާރާތަކަކުން ވަގުތުން ފިޔަވަޅު އަޅަން ޖެހޭ،" އެ އިދާރާގެ ތަރުޖަމާނަކު ވިދާޅުވެފައިވެ އެވެ.

ރެންސަމްވެއާ ހަމަލާތައް ދޭ ހެކަރުންނަކީ އާންމުކޮށް ފައިސާއަށް ޑިމާންޑު ކުރާ ބައެކެވެ. މިފަދަ ގޭންގުތައް އޮޕަރޭޓު ކުރަމުންދާ ތަންތަން ހޯދުމަކީ އުނދަގޫ ކަމެއް ކަމުގައިވީ ނަމަވެސް، މިދިޔަ އަހަރުގެ ދިރާސާއަކުން ދެއްކި ގޮތުގައި، މިފަދަ ހަމަލާތަކުން ހެކަރުން ހޯދާ ފައިސާގެ %74 ގޮސްފައި ވަނީ ރަޝިޔާއާ ގުޅުން ހުރި ހެކަރުންނަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް