ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދު

ސްޓެލްކޯ

ސްޓެލްކޯގެ ޗެއާމަން އަވަހާރަވެއްޖެ

އޭނާ ވަނީ 50 އަހަރަށް ވުރެ ގިނަ ދުވަހު ސްޓެލްކޯއަށް ހިދުމަތް ކުރައްވާފައި
26 ޑިސެމްބަރު 2021

މައި ކަރަންޓު ކުންފުނި ސްޓެލްކޯގެ ޗެއާމަންކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ރަޝީދު މިއަދު އަވަހާރަވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޗެއާމަން އަވަހާރަވުމުގެ ހަބަރު ދެމުން ސްޓެލްކޯއިން މިއަދު ނެރުނު ތައުޒިޔާގެ މެސެޖެއްގައި ބުނެފައި ވަނީ މުހައްމަދު ރަޝީދު ވަނީ 50 އަހަރަށް ވުރެ ގިނަ ދުވަހު ސްޓެލްކޯއަށް ހިދުމަތް ކުރައްވާފައި ކަމަށެވެ. އަވަހާރަވީ އިރު އޭނާގެ އުމުރަކީ 70 އަހަރެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު "ދައުރު"އަށް މިއަދު ވިދާޅުވީ، ރަޝީދު އަވާހަރަވީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ކަމަށެވެ. އޭނާ އަވަހާރަވީ އޭޑީކޭގައި ފަރުވާ ދެމުންދަނިކޮށެވެ.

"މި ހިތާމަވެރި ވަގުތުގައި މި ކުންފުނީގެ ބޯޑު މެންބަރުންނާއި އިސްވެރިން އަދި އެންމެހާ މުވައްޒަފުންގެ ނަމުގައި މަރުހޫމްގެ އާއިލާއަށް ނުހަނު އިހުލާސްތެރިކަމާ އެކު ތައުޒިޔާ ދަންނަވަން. މާތްﷲ މަރުހޫމްގެ ފާފަ ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި،" ސްޓެލްކޯއިން ބުންޏެވެ.

ތަފްސީލު - މުހައްމަދު ރަޝީދު ސްޓެލްކޯގެ ހިދުމަތާ ގުޅިވަޑައިގެންނެވީ 1971 ވަނަ އަހަރު އެޕެރެންޓިސްޝިޕް ޕްރޮގުރާމެއްގަ އެވެ. އޭގެ ފަހުން އޭނާ ވަނީ އެކި މަގާމުތަކުގައި ސްޓެލްކޯއަށް 50 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވާފަ އެވެ.

އޭނާ އަދާކުރެއްވި މަގާމުތަކަކީ:

  • އިންޖިނިއަރުކަން

  • ޑެޕިއުޓީ ޑިރެކްޓާ މެނޭޖީރިއަލް

  • އެގްޒެކެޓިވް ޑިރެކްޓަރު

  • އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރު

  • ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު

  • ސީއީއޯ

ސްޓެލްކޯގެ ޗެއާމަންގެ މަގާމަށް މިފަހުން ރަޝީދު އައްޔަން ކުރީ 2019 ވަނަ އަހަރުގެ ފެބްރުއަރީ 12 ވަނަ ދުވަހުގަ އެވެ.މުހައްމަދު ރަޝީދު ވަނީ ރައީސް މުހައްމަދު ނަަޝީދުގެ ސަރުކާރުގައި ވެސް ސްޓެލްކޯގެ ޗެއާމަންކަން އަދާކުރައްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް