ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިިންގެ ބައްދަލުވުމެއްގައި ނޫސްވެރިންތަކެއް ބައިވެރިވަނީ. (ފޮޓޯ/ރައީސް އޮފީސް)

ނޫސްވެރިކަން

ނޫސްވެރިކަމުގެ އަސާސީ ތަމްރީނު ކޯހެއް ބާއްވަނީ

މި ކޯހަކީ، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ޝަހީބު މީޑިއާ އިން ހިލޭ ކުރިއަށް ގެންދާ ކޯހެއް
14 އޯގަސްޓު 2022

މީޑިއާގެ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ގިނަ ނޫސްވެރިންތަކެއް ކިޔަވައިދެއްވާ، ނޫސްވެރިކަމުގެ އަސާސީ ތަމްރީނު ކޯހެއް އަންނަ ހަފްތާގައި ފަށާ ގޮތަށް ހަމަޖައްސައިފި އެވެ. ހިލޭ ކުރިއަށް ގެންދާ މި ކޯހުގައި ބައިވެރިވުމަށް މިހާރު ވަނީ ހުޅުވާލާފައި އެވެ.

ތަފްސީލު - ކޯސް އިންތިޒާމު ކުރާ 'ޝަހީބް މީޑިއާ' އިން ބުނީ، ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ 'ނޫސްވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ކޯސް' ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 21 އިން އަންނަ މަހުގެ 6އަށް، އަހުމަދިއްޔާ ސްކޫލްގައި ކަމަށެވެ. މި ކޯހުގައި ކިޔަވައިދޭނީ ރޭގަނޑު 8 އިން 10:30 އަށެވެ.

"މި ކޯހަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މިހާރު ވެސް މަސައްކަތްކުރާ ޒުވާނުންނާއި ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ޒުވާނުންގެ ލޯހުޅުވައިދީ، އޮއްޓަރު ހުރި، ފޭރާން ހެޔޮ ހަބަރު ލިޔާނެ ގޮތްތަކާއި ނޫސްވެރިކަމުގެ އަސާސީ ހުނަރުތައް ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމެއް،" ޝަހީބް މީޑިއާ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މި ޕްރޮގްރާމަކީ، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނާ އެކު މިދިޔަ އާދިއްތަ ދުވަހު ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުން ޝަހީބު މީޑިއާ އިން ހިލޭ ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެ ތަނުން ބުންޏެވެ.

ކޯހާ ބެހޭ އިތުރު މައުލޫމާތު:

  • ކޯހުގައި ބައިވެރިވެވެނީ 30 މީހުންނަށް

  • 20 ޖާގަ ހާއްސަކޮށްފައި ވަނީ މީޑިއާތަކަށް؛ 20 ޖާގައަށް ބައިވެރިން ކަނޑައަޅާނީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުން

  •  އަނެއް 10 ޖާގައަށް ބައިވެރިން ހޮވާނީ އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލާ ފަރާތްތަކުގެ މެދުގައި އިންޓަވިއު ކުރުމަށް ފަހު

  •  އާންމުކޮށް ހުޅުވާލާ 10 ޖާގައަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ވައިބަ ނަންބަރު 9934333އަށް އައިޑީ ކާޑާއި ގުޅޭނެ ނަންބަރު ފޮނުވުމަށް ޝަހީބު މީޑިއާ އިން އެދޭ

  • މި ކޯހުގައި ބައިވެރިވުމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ބުދަ ދުވަހުގެ މެންދުރު 2

"މި ކޯހުގައި ކިޔަވައިދެއްވާނީ ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ އެންމެ ތަޖުރިބާކާރު، އެންމެ ފުންނާބު އުސް، ނޫސްތަކުގެ އެޑިޓަރުން ފެންވަރުގެ ބޭފުޅުން. އޭގެ ތެރޭގައި މުޅިން ވެސް ތިއްބަވާނީ ނޫސްވެރިކަމުގެ ގައުމީ އިނާމާއި ނޫސްވެރިކަމުގެ އަލިމަސް ގަލަން ނުވަތަ ނޫސްވެރިކަމުގެ ރަން ގަލަން ލިބިވަޑައިގެންފައިވާ ބޭފުޅުން،" ޝަހީބް މީޑިއާ އިން ބުނެފައިވެ އެވެ.

ކޯހުގައި ކިޔަވައިދެއްވާ ބޭފުޅުން:

  • މުހައްމަދު ޝަހީބު، 'އަދިވެސް އޮންލައިން'ގެ ސީއީއޯ އަދި އެޑިޓަރު

  • މޫސާ ލަތީފު، 'ދައުރު' ނޫހުގެ އެޑިޓަރު

  • އަހުމަދު ޒާހިރު (ހިރިގާ)، 'ދައުރު' ނޫހުގެ މެނޭޖިން އެޑިޓަރު

  • އިސްމާއިލް ނަސީރު، 'މިހާރު' ނޫހުގެ އެޑިޓަރު

  • ހުސެއިން ފިޔާޒު މޫސާ، 'އަދަދު'ގެ އެޑިޓަރު

  • އާދަމް ހަލީމު، 'މި ނޫސް'ގެ ސީއީއޯ އަދި އެޑިޓަރު

  • 6. ސިނާން އަލީ، 'ވަން އޮންލައިން'ގެ ސީއީއޯ އަދި އެޑިޓަރު

  • އިމާދު ލަތީފު، ނިއުސް އެނަލިސްޓް

  • މުހައްމަދު އާސިފު، މޮންދުު ޕްރޮޑަކްޝަންސްގެ ސީއީއޯ

  • މުހައްމަދު އާމިރު (ފަރެސް)، ދިވެހިބަހުގެ ތަޖުރިބާކާރެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް