ޑެންމާކް ކޮޅަށް ފުރަތަމަ ލަނޑު ޖެހުމަށް ފަހު ފްރާންސްގެ ކީލިއަން އެމްބާޕޭ އުފާ ފާޅުކުރަން ދުއްވައިގަންނަނީ

އެމްބާޕޭގެ ދެ ލަނޑުން ފްރާންސް ދެ ވަަނަ ބުރަށް ދިޔަ ފުރަތަމަ ޓީމަށް

ފްރާންސްގެ ފަހަތުން ގްރޫޕް ޑީގައި ގަދަ 16 އިން ޖާގަ ހޯދުމުގެ ވާދަވެރިކަން އޮތީ އޮސްޓްރޭލިޔާ އާއި ޑެންމާކްގެ މެދުގައި
26 ނޮވެމްބަރު 2022

ގަތަރު ވޯލްޑް ކަޕްގައި މިރޭ އުނދަގޫ މެޗެއްގައި އެކަމަކު ކީލިއަން އެމްބާޕޭ ޖެހި ދެ ލަނޑުން ޑެންމާކް ބަލިކޮށް ފްރާންސުން ދެ ވަނަ ބުރުން ޖާގަ ކަށަވަރުކޮށްފި އެވެ. މިއީ ގަދަ 16 އަށް ދިޔަ ފުރަތަމަ ޓީމެވެ.

ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހި ނިމުނަސް، ދެ ވަނަ ހާފުގައި ފެނުނީ ވަރުގަދަ ކުޅުންގަނޑެކެވެ. މެޗުގެ 61 ވަނަ މިނިޓްގައި އެމްބާޕޭ ލަނޑެއް ޖަހާފައި ވަނިކޮށް އޭގެ ހަތް މިނިޓް ފަހުން ކޯނަރެއްގައި ލިބުނު ބޯޅައަކުން އަންޑްރިއާސް ކްރިސްޓެންސެން ލަނޑު ޖަހައި، މެޗު އެއްވަރުކުރި އެވެ.

އެމްބާޕޭގެ ދެ ވަނަ ލަނޑު އައީ 86 ވަނަ މިނިޓްގަ އެވެ. ޑެންމާކްގެ ގޯލުގެ ހަމަ ކުރިމައްޗަށް އެންޓޮއިން ގްރީޒްމެން ހުރަސްކޮށްލި ބޯޅައަށް، ޑެންމާކްގެ ދިފާއީ ކުޅުންތެރިންނަށް ވުރެ ކުރިން އަރައި، ފަލަމަސްގަނޑު ޖަހަ އެވެ. މިއީ މި ވޯލްޑް ކަޕްގައި 23 އަހަރުގެ ފޯވަޑްގެ ތިން ވަނަ ލަނޑެވެ.

ގްރޫޕް ޑީގައި ފްރާންސް ކުޅުނު ފުރަތަމަ މެޗުގައި އޮސްޓްރޭލިޔާ 4-1 އިން ބަލިކުރި އިރު ވެސް އެމްބާޕޭ އެއް ލަނޑު ޖަހައި، އިތުރު ލަނޑަކަށް ފުރުސަތު ތަނަވަސްކޮށްދިނެވެ.

ގްރޫޕް ޑީގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޓިއުނީޝިއާގެ މައްޗަށް އޮސްޓްރޭލިޔާ އިން ހޯދި 1-0ގެ ކާމިޔާބީއާ އެކު ތާވަލްގެ ދެ ވަނައަށް ތިން ޕޮއިންޓާ އެކު އޮސްޓްރޭލިޔާ ވަނީ އަރައިފަ އެވެ. ޑެންމާކް ތިން ވަނާގައި އޮތީ އެންމެ ޕޮއިންޓެއް ލިބިގެންނެވެ. ޓިއުނީޝިއާއަށް ވެސް އެއް ޕޮއިންޓެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް