ތިލަމާލެ ބްރިޖުގެ މަސައްކަތަށް ސާވޭ ކުރުމަށް މިހާރު ވިލިމާލެ ސަަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ އުޅަނދު (ވ). (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ވިލިމާލެ ބްރިޖު

ބުރިޖުގެ މަސައްކަތަށް ވިލިމާލޭގެ ހުޅަނގު ދެކުނު ފަޅު ހުސްކުރަން އަންގައިފި

ކައުންސިލުން ވަނީ އަންނަ އަންގާރަ ދުވަހުގެ އިރުއޮއްސި 6ގެ ކުރިން އުޅަނދުތައް އެ ސަރަހައްދުން ނެގުމަށް އަންގާފައި
16 އޭޕްރީލު 2022

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބުރިޖު ނުވަތަ ތިލަމާލެ ބްރިޖުގެ މަސައްކަތަށް ވިލިމާލޭގެ ހުޅަނގު ދެކުނު ފަޅު ހުސްކުރަން މާލޭ ސިޓީ ކައުންސިލުން އަންގައިފި އެވެ.

ވީ ކިހިނެއް؟ - ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ވަނީ، ވިލިމާލޭގެ ހުޅަނގު ދެކުނު ފަޅުތެރެ އާއި އެއްގަމުން ހާއްސަކޮށްފައިވާ ސަރަހައްދު ވަކިކުރަން ފެންސް ޖެހުމުގެ މަސައްކަތް މިހާރު ފަށަފައިވާތީ، އެ ސަރަހައްދުގެ އެއްގަމާއި ފަޅު ތެރޭގައި އަޅާފައި ހުރި އުޅަނދުތައް ކައުންސިލުން އަންގާ ސަރަހައްދަކަށް ބަދަލުކުރަން އަންގާފަ އެވެ.

ކައުންސިލުން ވަނީ އަންނަ އަންގާރަ ދުވަހުގެ އިރުއޮއްސި 6ގެ ކުރިން އުޅަނދުތައް އެ ސަރަހައްދުން ނެގުމަށް އަންގާފަ އެވެ. ނަމަވެސް، އުޅަނދުތައް ގެންދަން ޖެހޭ ތަނެއް ކައުންސިލަކުން ނުބުނެ އެވެ.

ބުނީ ކީކޭ؟- ކައުންސިލުން ބުނީ އަންގާރަ ދުވަހުގެ ނިޔަލަށް އެ ސަހައްދުން ނުނަގާ ހުރި ހުރިހާ އުޅަނދެއް ކައުންސިލުން ނަގައި އުޅަނދުފަހަރު ބަހައްޓާ ސަރަހައްދަށް ބަދަލުކުރާނެ ކަމަށެވެ.

"އެފަދަ އުޅަނދުފަހަރު ނެގުމުގެ ތެރޭގަ އާއި ނެގުމަށް ފަހު އުޅަނދާއި އުޅަނދުގައިވާ ތަކެއްޗަށް ލިބޭ ގެއްލުމާއި އުނިއިތުރަށް މި ކައުންސިލުން ޒިންމާ ނުވާނެކަން އާންމުކޮށް އަންގާ އިއުލާނުކުރީމެވެ،" ކައުންސިލްގެ އިއުލާނުގައިވެ އެވެ.

މާލެ އާއި ތިލަފުށި ގުޅާލާ ބްރިޖުގެ ޑިޒައިންގެ ކުރެހުމެއް.

އެނގުން މުހިއްމު - އިންޑިއާގެ ކްރެޑިޓް ލައިނެއްގެ ދަށުން، އެ ގައުމުގެ އެފްކޮން ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ބްރިޖު މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތެވެ. 

ޖިއޯ ޓެކްނިކަލް ސާވޭ:

  • ޖިއޯ ޓެކްނިކަލް ސާވޭ އަކީ ކަނޑުއަޑީގެ ބިންގަނޑުގެ ވަރުގަދަކަން ދެނެގަންނަން ހަދާ ސާވޭއެއް

  • ސާވޭއަށް ފަހު ބުރިޖް އޮންނާނެ ގޮތުގެ ތަފްސީލީ ކުރެހުންތައް ނިންމާނެ

ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖް:

  • ޖުމްލަ އަގަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)

  • 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާއިން ދޭ ހިލޭ އެހީ

  • ބާކީ 400 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ) ހަމަޖައްސައިދެނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިނެއްގެ ދަށުން

  • ދިގު މިނުގައި 6.7 ކިލޯމީޓަރު ހުންނަ ކޯޒްވޭއަކުން ހަތަރު ރަށް ގުޅާލާނެ

  • ބްރިޖު އަޅަން ހަވާލުކުރި އެފްކޮން އަކީ އިންޑިއާގެ ޓާޓާ ކުންފުންޏާ ގުޅުން އޮންނަ ކުންފުންޏެއް

  • އެފްކޮންއާ މަޝްރޫއު ހަވާލުކުރީ 26 އޮގަސްޓް 2021ގައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް