އާސެނަލްގެ ފޯވަޑް ގެބްރީލް ޖީސަސް، ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ: އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ މެޗުގައި ދެ ލަނޑު ޖެހި

އާސެނަލް

އާސެނަލް އެހެން ލެވެލްއަކަށް، ފަހަތުގައި ހުރީ ޖީސަސް

ގަދަ ހަތަރަކަށް ޓީމު ގެންދަން ޖީސަސްއަކީ މުހިންމު ބައިވެރިއެއްކަން ދެ މެޗުން ދައްކައިދީފި
14 އޯގަސްޓު 2022

އާސެނަލްގެ ގެއްލިފައި އޮތް މަގާމަށް އަނބުރާ ގެންދަން ހޯދަމުން އައި ފޯވަޑަކީ ގެބްރީލް ޖީސަސްކަން، ރޭގެ މެޗުން އެކަނި ވެސް ކްލަބްގެ ސަޕޯޓަރުން ގަބޫލުކުރާނެ އެވެ. އަމިއްލަ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމްގައި އާސެނަލްއަށް ކުޅުނު ފުރަތަމަ މެޗުގައި ރޭ ލެސްޓާ ކޮޅަށް ދެ ލަނޑު ޖަހައި، ދެ ލަނޑު ޖަހަން އެހީތެރިވުމަކީ، އާ ކުޅުންތެރިއެއްގެ ފަރާތުން ފެނުނު ވަރަށް ބޮޑު އުއްމީދެކެވެ.

ހުސް ތަރިން ހިމެނޭ މެންޗެސްޓަ ސިޓީއަށް އާލިން ހާލޭންޑް ގެންދިއުމާ އެކު ޓީމުން ފުރުސަތު ކުޑަވާނެކަން އެނގޭތީ އާސެނަލްއަށް ބަދަލުވި ބްރެޒިލްގެ 25 އަހަރުގެ ފޯވަޑާ މެދު އާސެނަލްގެ ސަޕޯޓަރުން ދެކެނީ އެއީ ލީގުގެ ގަދަ ހަތަރެއްގައި ނިންމައި، ޗެމްޕިއަންސް ލީގުން ސީދާ ޖާގައެއް ހޯދައިދޭނެ ހުނަރު ހުރި ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ރޭ ޖީސަސް، އާސެނަލްގެ ދަނޑުގައި ހަމައެކަނި ދެ ލަނޑު ޖެހީކީ ނޫނެވެ. ހެޓްރިކް ހަދަން ވެސް އެތައް ފުރުސަތެއް ލިބުނެވެ.

އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ ކެވިން ކެމްބެލް ބުނީ ސިޓީއަށް ހާލޭންޑް ގެންދިއުމާ އެކު ޖީސަސްއަށް އޮތީ އެހެން ދިމާލަކަށް ދިއުން ކަމަށާއި އޭނާއަކީ ކޮން ކަހަލަ ކުޅުންތެރިއެއް ކަން ކޯޗު މިކޭލް އާޓެޓާއަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.

ކުރީގެ އެހެން ކުޅުންތެރިއެއް ކަމަށްވާ މައިކަލް ބްރައުން ބުނި ގޮތުގައި އާސެނަލްގެ ކާމިޔާބީގެ ސަބަބަކަށް ޖީސަސް ހެދިދާނެ އެވެ.

ލެސްޓާ ކޮޅަށް ލަނޑު ޖެހުމަށް ފަހު އާސެނަލް ކުޅުންތެރިން އުފާ ފާޅުކުރަނީ

"އެހެން ކްލަބެއްގެ މުހިންމު ބައިވެރިޔަކަށް ވާން ޖީސަސް ބޭނުންވާނީ. އޭނާއަށް މިހާރު އެވަނީ ވަރަށް ބޮޑު އިތުބާރެއް ލިބިފައި،" ބްރައުން ބުންޏެވެ.

މެންޗެސްޓަ ސިޓީގެ ކުރީގެ ދިފާއީ ކުޅުންތެރިޔާ މިކާ ރިޗަޑްސް ބުނި ގޮތުގައި ރޭގެ މެޗުގައި ޖީސަސް ކުރި ކޮންމެ ކަމެއް ވެސް ފުރިހަމަ އެވެ.

"އާސެނަލްގައި އޭނާ ފެންނަނީ ވަރަށް ތަފާތު ކުޅުންތެރިއެއްގެ ގޮތުގައި، ސިޓީގައި ހުރި ހުރުމަށް ވުރެ. މާ ބޮޑު އިތުބާރެއްގައި ކުޅެނީ ވެސް،" ރިޗަޑްސް ބުންޏެވެ.

އާސެނަލް އެންމެ ފަހުން ލީގުގެ ގަދަ ހަތަރެއްގައި ނިންމީ 2016 ގަ އެވެ. އެ މަގާމަށް ޓީމު ގެންދަން ޖީސަސްއަކީ މިހާރު މުހިންމު ބައިވެރިއެކެވެ.

ކޯޗު އާޓެޓާ ބުނީ ދެ ލަނޑު ޖަހައި، އެހެން ލަނޑުތައް ޖަހަން އެހީވުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ.

"އެކަމަކު ޑްރެސިން ރޫމްގައި އޭނާ ހުރީ ހިތްހަމަނުޖެހިފައި، ސަބަބަކީ އޭނާ ގަބޫލުކުރީ މެޗުގައި ހަތަރު ލަނޑު ޖެހެން ޖެހޭނެ ކަމަށް،" އާޓެޓާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޖީސަސް ވަނީ މިހާރު ވެސް އާސެނަލްގެ ފެންވަރު އެހެން ދިމާލަކަށް ގެންގޮސްދީފަ އެވެ.

ދެ މެޗު ކުޅުނު އިރު އާސެނަލް ތާވަލްގެ ދެ ވަނާގައި އޮތީ ހަ ޕޮއިންޓުން އެއްވަރު ނަމަވެސް، ޗެމްޕިއަން ސިޓީއަށް ވުރެ ފައިދާ ގޯލް އެއް ލަނޑުން މަދުވެގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް