ބަހުގެ ހިދުމަތް

ވެހިކަލްގައި ދޮރުމައްޗަށް: މަޖީދީ މަގުން އަދިވެސް ތަފާތެއް ނުފެނޭ

މާލޭގައި މިނީ ބަސް ދުއްވަން ހަމަޖެހިފައިވާ މަގުތަކުގެ ތެރެއިން މަޖީދީ މަގުގައި ޕާކުކުރުން މަނާކުރި ނަމަވެސް، އެ ނިންމުމަށް ބައެއް މީހުން އެއްބާރުލުމެއް ނުދޭ

މަޖީދީ މަގަކީ މާލޭގެ ހުޅަނގާއި އިރަށް ސީދަލަށް ދަތުރު ކުރެވެން އޮންނަ މަދު މަގުތަކުގެ ތެރެއިން އެއް މަގެވެ. ސީދާ މާލޭގެ މެދުގައި އޮންނަ މި މަގަކީ އެންމެ ބާރުބޮޑުވާ މަގު ވެސް މެ އެވެ. އެ ކަމަށް ހައްލެއް ހޯދައިދިނުމަށް މި ފަހަކާ ޖެހެންދެން ވެސް މަޖީދީ މަގުގެ ބޮޑު ބައެއްގެ އެއް ފަޅީގައި އޮތީ ޕާކުކުރުުން މަނާކޮށްފަ އެވެ.

މިހާރު، މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް، ޕާކުކުރުން މަނާކުރަން ނިންމާފައިވާ މަގުތަކުގެ ތެރޭގައި މަޖީދީ މަގު ހިމެނެ އެވެ. އެ ހިދުމަތް ދިނުމަށް ހަވާލުކުރި އެމްޓީސީސީގެ އެދުމަކަށް މާލޭ ސިޓީ ކައުންސިލުން ވަނީ ހަތަރު މަގެއްގައި ޕާކުކުރުން މަނާކުރުމަށް ނިންމައިފަ އެވެ. އޭގެ ތެރެއިން މަޖީދީ މަގުގައި ޕާކުކުރުން މި މަހު 14 އިން ފެށިގެން މަނަ އެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމަށް މަޖީދީ މަގުގައި ބަސް ހުއްޓާ ތަންތަން ކަނޑައަޅައި ދަތުރުތައް ފެށުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ނަމަވެސް، ފެންނަ ފެނުމަށް، ބައެއް މީހުން އަދިވެސް މި ކަމަށް ތައްޔާރެއް ނޫނެވެ. ޕާކު ކުރުން މަނާކުރި ނަމަވެސް، އަދިވެސް ވަރަށް ގިނަ އަދަދެއްގެ މީހުން މަޖީދީ މަގުގައި ޕާކު ކުރެ އެވެ.

މަޖީދީ މަގުގައި ޕާކުކުރުން މަނާކުރަން ދަމާފައިވާ ރޮނގުގެ މަތީގައި ސައިކަލުތަކެއް ޕާކުކޮށްފައި. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
މަޖީދީ މަގުގައި ޕާކުކުރުން މަނާކުރަން ދަމާފައިވާ ރޮނގުގެ މަތީގައި ސައިކަލުތަކެއް ޕާކުކޮށްފައި. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ޕާކުކުރުން މަނާ ތަންތަން ފާހަގަކުރުމަށް ދުވާރުގެ އަރިމަތިން މަގުމަތީގައި ދަމާފައި ހުންނަނީ އެއް ރޮނގެވެ. ޕާކުކުރުން މަނާކަން އާންމުންނަށް މި ދުވަސްކޮޅު އަންގައިދޭން ވަގުތީ ގޮތުން ކޯނު ޖަހައި ޓޭޕު ވެސް ހުންނަނީ ދަމާފަ އެވެ. ނަމަވެސް މަޖީދީ މަގުގައި ޕާކުކޮށްފައި ހުންނަނީ މިއިން އެއްވެސް ކަމަކަށް ބަލައިނުލައި، ރޮނގާއި ޓޭޕުގެ ވެސް މަތިންނެވެ. ދެ ކޯނުގެ ދޭތެރޭގައި، ޓޭޕު ފަށުގެ ވެސް އެތެރޭގައި ޕާކުކޮށްފައި ހުންނަ ތަން ފެނެ އެވެ. ބަސް ސްޓޮޕެއްގައި ކާރެއް ޕާކުކޮށްފަ އެވެ. ނަމަވެސް، ހަތަރެސްކަން ގޮޅިއެއް ކުރަހައި އެއީ ބަސް ސްޓޮޕެއްކަން އަންގައިދޭން އަރިމަތީގައި ބޮޑު ބޯޑެއް ހަރުކޮށްފައި ހުރެ އެވެ.

ޕާކު ކުރަންވީ ކޮންތާކު؟

މިނީ ބަހުގެ ހިދުމަތް ފެށުމަށް މަގުތަކުގެ ހާލަތު ރަނގަޅުކޮށްދިނުމަށް އެމްޓީސީސީން ވަނީ މާލޭ ސިޓީ ކައުންސިލުގައި އެދިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ބަސް ދުއްވަން މާލޭގެ މަގުތަކުގެ ޓްރެފިކް ކަންކަން ރަނގަޅު ކުރުން

  • ބަސް ދުއްވާ މަގުތަކުގެ ޕާކިން މަދު ކުރުން

  • ބަސް ހުއްޓާ ތަންތަން ހެދުމަށް ޖާގަ ދިނުން

މިނީ ބަސް ދުއްވާ ރޫޓުތަކުން ޕާކުކުރުން މަނާކުރަން ނިންމުމާ އެކުއެކީގައި ސިޓީ ކައުންސިލުން އަންނަނީ ސަރުކާރުން ހަމަޖައްސައިދިން އެހެން ސަރަހައްދުތައް ނުވަތަ ބިންތަކުގައި ޕާކިން ޒޯނުތައް ތަރައްގީކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • މަޖީދީމަގު ހިނާމާގެ ޕާކިން ޒޯން (ޕާކިން ޖާގަ އިތުރުކުރި)

  • ނަލަހިޔާ ބުރު ކައިރި (ސަން ފްރަންޓު ލިވިން ފިހާރަ ކައިރި) ޕޭމަންޓާއި ޑިވައިޑާތަކުން ބައެއް ނެގުމަށްފަހު ޕާކިން ޒޯނެއް ހެދި

  • ރަސްފަންނު ކައިރީގައި ހުންނަ ކޮރަލް ބޮލެވާޑު ކައިރިން ބިމެއް

  • އެކުވެނި ޓްރެކް ކައިރިން ދެ ބިމެއް

  • ދަރުބާރުގެ ކައިރި

  • ހ. ސަމޯސާވިލާ ފުރަގަހުގައި އޮންނަ ބިމުން ބައެއް

ސަންފްރަންޓް ލިވިން ފިހާރަ ކައިރީގައި ތަރައްގީކުރި ޕާކިން ޒޯން. (ފޮޓޯ/މާލޭ ސިޓީ ކައުންސިލް)
މަޖީދީ މަގު ހީނާމާގޭ ޕާކިން ޒޯނަށް އިތުރުކުރި ބައިގައި ގާ އަތުރަނީ. (ފޮޓޯ/މާލޭ ސިޓީ ކައުންސިލް)

ގިނަ ދިވެހިންނަށް އާދަވެފައި އޮންނަ ގޮތަކީ ގޭ ދޮރުމަތީގައި ޕާކު ކުރުމެވެ. ގެއާ ނުވަތަ ދާން އުޅޭ ތަނަކާ ވީހާ ވެސް ކައިރިން ޕާކުކުރުމަކީ އެންމެ ފަސޭހަ ގޮތް ނަމަވެސް، މާލޭގެ ހާލަތަށް ބަލާއިރު އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ބުނުން ވަރަށް ދައްޗެވެ. މާލޭގައި ދުއްވާ އުޅަނދުފަހަރުގެ އަދަދު ކޮންޓްރޯލުން ނެއްޓުމުގެ އިތުރަށް، ޖާގައިގެ ދަތިކަމުން ޕާކިން ޒޯން ތަރައްގީ ކުރުމަކީ މާލޭގައި ކުރަން ފަސޭހަ ކަމެއް ވެސް ނޫނެވެ.

ޓްރެފިކަށް ކޮންމެވެސް ވަރެއްގެ ލުޔެއް

މަޖީދީ މަގަކީ އާންމުކޮށް، އަދި ވަކިން ހާއްސަކޮށް ސްކޫލްތަކާއި އޮފީސްތައް ނިމޭ ގަޑިތަކުގައި ބާރުބޮޑުވާ މަގެކެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. މިއީ މާލޭގެ އެއް ކޮޅުން އަނެއް ކޮޅަށް، އެއްވެސް ގޯޅިއެއް ނާޅައި ސީދަލަށް ދުއްވެން އޮންނަ މަދު މަގުތަކުގެ ތެރެއިން އެއް މަގެވެ. މާލޭގެ އެންމެ ގިނަ ފިހާރަތައް ހުންނަ މަގަކީ ވެސް މަޖީދީ މަގެވެ. އެ ތަންތަނަށް ވިޔަފާރި ކުރަން ދާ މީހުންގެ އުޅަނދުތަކާއި މުދާ ބާލާ އުޅަނދުފަހަރު މަޑުކޮށްގެން ނުވަތަ ޕާކުކޮށްފައި ހުރުމަކީ ވެސް މި މަގު ޓްރެފިކަށް ބާރުބޮޑުވާ ސަބަބެކެވެ.

މާލޭގެ މަގުތަކަކީ މާ ފުޅާ މަގުތަކަކަށް ނުވާއިރު، މަޖީދީ މަގު ވެސް ވަކި ތަފާތެއް ނޫނެވެ. މުދާ ބަރުކުރާ ނުވަތަ ބާލާ އުޅަނދެއް މަގުގެ އެއް ފަރާތުގައި މަޑުކޮށްފި ނަމަ، މަގުގެ އަނެއް ލޭނަށް ނާރައި ކުރިއަށް ދިއުމަކީ (ހާއްސަކޮށް ކާރާއި ޕިކަޕުތަކަށް) ދަތި ކަމެކެވެ. އެކަމަކު މަޑުނުކޮށް ވެސް ވާކަށް ނެތެވެ.

މީގެ ކުރިން ޕާކު ކުރެވޭ ގޮތަށް އޮތްއިރު މުދާ ބާލަން މަޑުކުރަން ޖެހެނީ މަގު މެދުގަައި ކަހަލަ ގޮތަކަށެވެ. ނަމަވެސް، ކުރިން ޕާކިން ޒޯނަށް ކަނޑައަޅާފައި އޮތް ޖާގަ މިހާރު މުދާ ބަރު ކުރުމަށާއި މުދާ ބާލަން ބޭނުންކުރާތީ، ކުރިން ޓްރެފިކް ކޮށިއަރާ ވަރަކަށް މިހާރަކު ނާރަ އެވެ.

އާންމުންގެ އެއްބާރުލުމާ ނުލާ ނުވާނެ

ބަހުގެ ހިދުމަތަށް މާލޭގެ ބޮޑެތި މަގުތަކުގެ ޓްރެފިކަށް ބޮޑު ބަދަލެއް ގެންނައިރު އެންމެ މުހިންމު ކަމަކީ އާންމުންގެ އެއްބާރުލުމެވެ. މި ހިދުމަތް ދޭ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވެސް މީގެ ކުރިން އެދިވަޑައިގެންނެވީ އެކަމަށެވެ. އެގޮތުން، އޭނާ އޭރު ފާހަގަކުރެއްވި ކަންތައްތަކަކީ:

  • ޕާކު ކުރުން މަނާ ތަންތަނުގައި ޕާކު ނުކުރުމަށް ސަމާލުކަންދޭން ޖެހޭ

  • ބަސް ދުއްވާފައި ދާއިރު އޯވަޓޭކް ނުކުރަން ސަމާލުވާން ވާނެ

  • ސްޕީޑް ބާރުކޮށް ނުދުއްވައި ކަނޑައަޅާފައި އޮންނަ ދުވެލީގައި ދުއްވުން

މަޖީދީ މަގުގައި ޕާކުކުރުން މަނާ ތަނެއްގައި ސައިކަލެއް ޕާކުކޮށްފައި. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
މަޖީދީ މަގުގައި ޕާކުކުރުން މަނާ ތަނެއްގައި ސައިކަލެއް ޕާކުކޮށްފައި. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މިނީ ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީން ވަނީ އެ ހިދުމަތުގެ ޓެސްޓު ބުރުތަކެއް ވެސް ބާއްވާފަ އެވެ. ބޭނުމަކީ ރަސްމީކޮށް ހިދުމަތް ފެށުމުގެ ކުރިން ހިދުމަތުގެ ތަޖުރިބާ ވީހާ ވެސް ރަނގަޅު ކުރުމެވެ. ޓެސްޓު ބުރުތަކުގެ ނަތީޖާ ޖުމުލަކޮށް ރަނގަޅު ނަމަވެސް، ގަވާއިދާ ހިލާފަށް ޕާކު ކުރުމަކީ މި ހިދުމަތް އޮމާންކޮށް ކުރިއަށްގެންދިއުމަށް އޮތް ހުރަހެކެވެ.

"އަޅުގަނޑުމެން މިހާރު ދެ ޓްރަޔަލްއެއް ބާއްވައިފިން. މަޖީދީ މަގު ޖުމުލަކޮށް ރަނގަޅު، އެކަމަކު [ގަވައިދާ ހިލާފަށް] ޕާކު ކުރާ މައްސަލަ ފާހަގަވީ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި މި ހިދުމަތް ފެށުމަށް، ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީއާ ގުޅިގެން،  ޕާކް ކުރެވޭނެ ޖާގަ ތަރައްގީކޮށްފައި ވާއިރު، އެ ތަންތަނުގައި ޕާކު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

"މިއީ ބައިވަރު މީހުން ބޭނުން ކުރާނެ ހިދުމަތެއް. ގަވައިދާ ހިލާފަށް ޕާކު ކުރީމަ ބައިވަރު މީހުންނަށް އުނދަގޫތަކެއް ކުރިމަތިވާނެ،" އޭނާ ވިދާޅުވި އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމުގެ ގޮތުން އެމްޓީސީސީން ކުރިއަށް ގެންދިޔަ ޓެސްޓު ބުރުގެ ތެރެއިން. (ފޮޓޯ/އެމްޓީސީސީ)
މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމުގެ ގޮތުން އެމްޓީސީސީން ކުރިއަށް ގެންދިޔަ ޓެސްޓު ބުރުގެ ތެރެއިން. (ފޮޓޯ/އެމްޓީސީސީ)

އާޒިމް ވަކިން ހާއްސަކޮށް ފާހަގަކުރެއްވީ ސްކޫލް ފެށޭ އަދި ނިމޭ ގަޑިތަކެވެ. އެއީ އަވަސް އަރުވާލާފައި ހިތަށް އެރި ތަނަކަށް ޕާކު ކުރާ، ބާރުބޮޑު ގަޑިތަކެކެވެ.

"ސްކޫލަށް ކުދިން މި ގެންދަނީ ތަރުބިއްޔަތު ކުރަން. [އެކަމަކު] ދަރިފުޅު ގޮވައިގެން ގޮސް، ގޯސް ތަނެއްގައި ސައިކަލު ޕާކު މި ކުރެވެނީ،" އާޒިމް ވިދާޅުވި އެވެ.

"އޭގެ ބަދަލުގައި ކުދިންނަށް ވެސް [މިސާލު ދައްކައިގެން] ގަވައިދަށް އުޅެން ދަސްކޮށްދޭންވީ."

އާޒިމް ވިދާޅުވީ މިނީ ބަހުގެ ހިދުމަތް ރަނގަޅަށް ކުރިއަށް ގެންދެވިއްޖެ ނަމަ، އަވަސް އަދި އަރާމު ދަތުރަކުން މާލޭގެ އެއް ތަނުން އަނެއް ތަނަށް ދެވޭނެ ކަމަށެވެ. އޭނާ ލަފާކުރެއްވީ ކޮންމެ ބަސް ދަތުރަކާ އެކު މާލޭގެ މަގުމަތިން 11 ސައިކަލާއި ހަ ކާރު މަދުކުރެވޭނެ ކަމަށެވެ.

"ބަސް ދުއްވަން ފެށީމަ ބަހަށް ބައިވަރު މީހުން އަރާނެ. އޭރުން މަގުމަތިން މިހާރު މި ފެންނަ ވަރަށް ވުރެ މީހުންނާއި ވެހިކަލްތައް މަދުވާނެ،" އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީން މަސައްކަތް ކުރަމުން އަންނަނީ ވީ އެންމެ އަވަހަށް މިނީ ބަހުގެ ހިދުމަތް މާލޭގައި ފެށުމަށެވެ. މި މަހުގެ ތެރޭގައި އެ ހިދުމަތް ފެށުމަށް އަމާޒު ހިފާފައިވާ ކަމަށް އާޒިމް ވިދާޅުވި ނަމަވެސް، އެއީ ސީދާ ކޮން ތާރީހެއް ކަމެއް ވިދާޅެއް ނުވެ އެވެ.

މިނީ ބަހުގެ ހިދުމަތް:

  • މާލޭގެ ހުރިހާ ބޮޑެތި މަގުތަކުގައި ބަސް ދުއްވާނެ

  • މާލޭގައި ދުއްވާނީ ޖުމުލަ 12 މިނީ ބަސް

  • ބަސްތައް ހުންނާނީ އެއާކޯން ކޮށްފައި؛ ޖާގަ އަކީ 20-22 މީހުން

  • ކޮންމެ 10 މިނެޓަކުން، ކޮންމެ ބަސް ސްޓޮަޕަކަށް ބަހެއް އަންނާނެ

  • އަމާޒު ހިފާފައިވަނީ ހިނގާލާފައި މާލޭގެ ކޮންމެ ތަނަކަށް ވެސް 10 މިނެޓުން ދެވޭ ވަރަށް ބަސް ދަތުރުތައް ބޭއްވުމަށް

ކޮމެންޓް (5)

.....

22 އޯގަސްޓު 2022
ލިޔުން ވަރަށްވެސް ކަމުދޭ. އެކަމަކު ފޮޓޯތަކުން ސައިކަލު ނަމްބަރު ފެންނަންހުުރުން އެއީ އެންމެ ރަނގަޅުކަމެއް ކަމުގައި ނުފެނޭ.
0 2

ދުއްޕާން

22 އޯގަސްޓު 2022
މިނީ ބަހެއް ނޫން ރޭލު ތައާރަފް ކުރިޔަސް މާލެއިން ސައިކަލެއް މަދެއް ނުވާނެ.
2 0

ހަގީގަތް

22 އޯގަސްޓު 2022
ދުއްވާއެއްޗެއް ނެތްމީހުން ބަހަށް އަރާނީ. ސައިކަލްހުންނަމީހާ ދާނީ ހަމަ ސައިކަލުގާ. އެންމެބޮޑަށް ގަވާއިދާ ޚިލާފުވަނީ ސައިކަލްތައް. ނުބައިފަޅިއަށް އަރާގެން ވެސް ވީހާކުރިއަކަށްވެރޭތޯ އެންމެންބަލަނީ. ބަސްދަތުރުކުރިއަސް ސައިކަލްދުއްވުން މަދެއްނުވާނެ. އާޒިމް ކޮންގޮތަކަށްވިސްނާފާތޯ ދުއްވާ އެއްޗެތި މަދުވާނެކަމަށްބުނަނީ.
2 3

ދިވެހިން

22 އޯގަސްޓު 2022
ރޮގުދަމާ ސްޓިކާ ޖަހާ ހެދުމުގެކުރިން އާންމުންނަށް ޕާކުކުރާެ ޖާގައެއް ދައްކަންޖެހޭ މަޖީދީމަގުގަ ފިހާރައާއި ގެތައް އެބަހުރި. ކޮންމެހެން ގޭގެކުރިމަތީ ޕާކިންހަދާވާހަކައެއްނޫން މިބުނަނީ ކައިރި ސަރަހައްދެއްގައި އެކަށީގެންވާ ޕާކިންއެއް ހުންނަންޖެހޭ ނޫނީ
1 5

ދިވެއްސެއް

22 އޯގަސްޓު 2022
@ދިވެހިން ސައިކަލުގަ ގޮސް ކޮންމެ މީހަކުވެސް ފިހާރަ ދޮރުމަތީގަ ޕާކުކުރަން ހިފާތީ އެހެން ވަނީ. އަމުދުން މިނީ ބަހުގެ ޚިދުމަތް ފެށީމަ އެކަން އެގޮތަށް ކުރުން ހުއްޓާލަން ޖެހޭ. ދިވެހިންގެ އުޅުމުގެ ވައްޓަފާޅިވެސް ބަދަލުވެގެން މައްސަލަތަކަށް ހައްލު ލިބޭނީ.
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް