ދަރުމަވަންތަ ހޮސްޕިޓަލްގެ ކުރިމަތިން ބަޔަކު ހިނގާފައި ދަނީ. (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

ސިއްހަތު

މި އަހަރު ރޯގާތައް ފެތުރޭ މިންވަރު އިތުރު: އެޗްޕީއޭ

އަރިދަފުސް ރޯގާ އާއި ޑެންގީ އަދި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވެފައި ވިޔަސް، ވައިރަލް ހުން، ފާނަބަސަންދު އަދި ލޮލު ރޯގާ ފަދަ ބަލިތައް އިތުރެއް ނުވޭ

މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖޭގައި އެކި ކަހަލަ ރޯގާތައް ފެތުރޭ މިންވަރު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެޗްޕީއޭއިން ވަނީ ރާއްޖޭގައި އަރިދަފުސް ރޯގާ، ޑެންގީ އަދި ބޭރަށް ހިންގުން ފެތުރޭ މިންވަރުގެ ތަފާސްހިސާބުތައް މިއަދު އާއްމުކޮށްފަ އެވެ. އެގޮތުން، އެޗްޕީއޭއިން ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ރިޕޯޓުކުރި ކޭސްތައް ވަނީ އިތުރުވެފަ އެވެ.

އަރިދަފުސް ރޯގާ

ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. ނަމަވެސް، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތަފާސްހިސާބުތައް އެޗްޕީއޭ އިން އާންމެއް ނުކުރެ އެވެ.

މިދިޔަ މާޗު މަހާ އަޅާބަލާއިރު މިދިޔަ މަހު އަރިދަފުސް ރޯގާގެ ކޭސްތައް މަދެވެ. އެގޮތުން:

  • މާޗު: 14،399 ކޭސް

  • އޭޕްރިލް: 12،978 ކޭސް

  • މާޗު މަހުގެ ފަހު ހަފްތާ: 3،301 ކޭސް

  • އޭޕްރީލް މަހުގެ ފަހު ހަފްތާ: 2،925 ކޭސް

ޑެންގީ

މި އަހަރުގެ ފުރަތަމަ ތިން މަހާ އަޅާބަލާއިރު، މިދިޔަ މަހު ޑެންގީގެ ކޭސްތައް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އެގޮތުން:

  • މާޗު: 26 ކޭސް

  • އޭޕްރީލް: 92 ކޭސް

  • މާޗު މަހުގެ ފަހު ހަފްތާ: 26 ކޭސް

  • އޭޕްރީލް މަހުގެ ފަހު ހަފްތާ: 92 ކޭސް

ބޭރަށް ހިންގުމާއި ހޮޑުލުން

އެޗްޕީއޭ އިން ބުނި ގޮތުގައި، ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރުގެ މިހާތަނަށް ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. ނަމަވެސް، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތަފާސްހިސާބުތަކެއް އެޗްޕީއޭ އިން އާންމެއް ނުކުރެ އެވެ.

މިދިޔަ މާޗު މަހާ އަޅާބަލާއިރު މިދިޔަ މަހު ރިޕޯޓުކުރި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް ވަނީ މަދުވެފަ އެވެ. އެގޮތުން:

  • މާޗު: 2063 ކޭސް

  • އޭޕްރިލް: 1575 ކޭސް

  • މާޗު މަހުގެ ފަހު ހަފްތާ: 639 ކޭސް

  • އޭޕްރިލް މަހުގެ ފަހު ހަފްތާ: 396 ކޭސް

އެޗްޕީއޭއިން ބުނީ ވައިރަލް ހުން، ފާނަބަސަންދު އަދި ލޮލު ރޯގާ ފަދަ ބަލިތައް އާއްމުކޮށް އުޅޭ މިންވަރަށް ވުރެ އިތުރު ނުވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް