ނޯތު ހާބަރުގެ ތޮއްޖެހުން: 'މާލެ އަންނަން 2 ދުވަސް، ޖެޓީއާ ކައިރިކުރަން 5 ދުވަސް'

ބަނދަރު ބޮޑުކުރެވެން ނެތުމުން މި މައްސަލައަށް ވަގުތީ ހައްލެއް ވެސް ނެތް ކަމަށް އެމްޕީއެލް އިން ބުނޭ

"ހަމައެެކަނި ދިވެހިންނަށް ހިދުމަތް ދޭ މި ހާބަރު، ދިވެހިންގެ ބޭނުންތަކާ އެއްގޮތަށް، ދެމެހެއްޓެނެވި ގޮތެއްގައި އަންނަނީ ތަރައްގީ ކުރަމުން." 

މިއީ ނޯތު ހާބަރާ ގުޅޭ ގޮތުން، އެތަން ހިންގާ އެމްޕީއެލް ކުންފުނީގެ ވެބްސައިޓުގައި ބަޔާން ކޮށްފައިވާ ޖުމްލައެކެވެ. ނަމަވެސް އެ ތަނަށް ދިއުމުން މަންޒަރު ފެންނަނީ ތަފާތުކޮށެވެ.

ތެދެކެވެ. އެ ބަނދަރުގެ ހިދުމަތް 17 މެއި 2011ގައި ފެށި ފަހުން ރަނގަޅު ބަދަލުތަކެއް އަ އެވެ. އެކަމަކު މިހާރު ބަނދަރުގެ ހާލަތު އޮތީ، އެމްޕީއެލްގެ ވެބްސައިޓުގައި އެ ބުނާ ދިވެހިންގެ ބޭނުންތަކާ އެއްގޮތަށް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރާ ވާހަކައާ ދިމާވާ ގޮތަކަށެއް ނޫނެވެ. ތަނެއް ފުރިހަމަވާ ކަން ނުވަތަ ނޫން ކަން އެނގޭނީ، އެ ތަނެއް އޮޕަރޭޓުކުރާ ބަޔަކަށް ވުރެ އެ ތަނެއްގެ ބޭނުންހިފާ މީހުންނަށެވެ.

ނޯތު ހާބަރަކީ، ބޯޓުފަހަރުގެ ފަޅުވެރިން ބުނާ ގޮތުގައި، މިހާރު މައްސަލަ ބޮޑު ތަނެކެވެ. ބަނދަރަށް ބޯޓުފަހަރު ވަދެ ނުކުތުމަށް ބޮޑެތި ދަތިތަކެއް ދިމާވެ އެވެ. މި މައްސަލައަށް ހައްލެއް ނުލިބި ދިގުލައިގެން ގޮސް، އޮޑިވެރިންނާއި ފަޅުވެރިންގެ ޝަކުވާ ބޮޑަސް، ތިބެވެނީ އެކަމަށް ފާޑަކަށް ހޭނިފަ އެވެ.

"ކަލޭމެންނަށް އިންޓަވިއު ދީގެން ވަކި ކޮން ރަނގަޅެއް ވާނީ؟ ހަމަ ވަގުތު ބޭކާރު ވާނީ،" ބޯޓަކުން ވާހަކަ ދެއްކި އެކަކު 'ދައުރު'އަށް ބުންޏެވެ.

އެ މީހުން އެ ތަން ސިފަކުރަނީ "އެއް އޮޑި އަނެއް އޮޑިއާ މުޑި އަރައިގެން، ގަދަވާ ބަޔަކަށް ވަދެވޭ ތަނެއް"ގެ ގޮތުގަ އެވެ.

މާލޭ ނޯތު ހާބަރުގައި އަޅާފައި ހުރި ބޯޓުފަހަރު: ބޯޓުފަހަރު ގިނަވުމާއި ބޯޓުފަހަރުގެ ސައިޒު ބޮޑުވުމުން ބަނދަރަށް އޮބި އޮންނަ ވަރެއް ނުވޭ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫދް ޖުނައިދު)

ނޯތު ހާބަރަށް އޭރު ގެނައި ބަދަލަށް ފަހު ތަން އޮތީ ހަމަ އެގޮތަށެވެ. އަދި އެއީ އިތުރަށް ބޮޑުކުރެވެން ވެސް އޮތް ތަނެއް ނޫނެވެ. އެކަމަކު މިދިއަ 10 އަހަރުގެ ތެރޭގައި ބޯޓުފަހަރުގެ އަދަދު އިތުރުވެއްޖެ އެވެ. ޒަމާނާ އެކު ބޯޓުފަހަރު ބޮޑު ވެސް ވެއްޖެ އެވެ. ކުރިން ނަމަ އެތަނަށް އާންމުކޮށް ވަންނަނީ 40-50 ފޫޓުގެ ބޯޓުފަހަރު ނަމަވެސް، މިހާރު ބަންނަ ބޯޓުފަހަރުގައި 80-100 ފޫޓު ހުރެ އެވެ.

"ރާއްޖޭގައި ބޯޓުފަހަރު ދަނީ ގިނަވަމުން. އާންމު ރައްޔިތުން މިތަނަށް [މާލެއަށް] ނައިސް ވާނެ ގޮތެއް ނެތް، ކޮންމެ ސަރުކާރެއް އޮތަސް،" އައްޑޫ މީދުއަށް ނިސްބަތްވާ 'ސީމެކްސް' ބޯޓުގެ ކައްޕި، އަހްމަދު ދީދީ ބުންޏެވެ.

"މި ބަނދަރުން ކޮންމެވެސް އެއްޗެއް އަރުވައިގެން ދާން އެބަ ޖެހޭ. އެހެންވެ، މީހުން ތެޅިފޮޅިގެން، ބޮއްކުރާގަނޑެއް ބަނދެގެން ވެސް މިތަނަށް ވަދޭ." 

ދަތުރު މަދުވެ، އާމްދަނީއަށް ފަސް ނަންބަރުގެ ގެއްލުން

ސީމެކްސް ބޯޓަށް މާލެ އާދެވުނީ އައްޑޫން ފުރައިގެން ދެ ދުވަހުގެ ދަތުރަކަށް ފަހު އެވެ. އެކަމަކު ބަނދަރުގެ ޖެޓީއާ ކައިރިކޮށްލެވުނީ އޭގެ ފަސް ދުވަސް ފަހުންނެވެ. ބޭކާރު ގޮތުގައި މިގޮތަށް ދުވަސްތައް ހޭދަކުރަން ޖެހޭތީ، ކުރެވޭ ދަތުރުގެ އަދަދު ވެސް ވަނީ މަދުވެފަ އެވެ.

"ކުރިން މަހަކު ދެ ދަތުރު ކުރެވޭ. މިހާރު ކުރެވެނީ އެންމެ ދަތުރެއް. ފައިސާގެ ގޮތުން ބުނާ ނަމަ، އެއީ މަހަކު ބައި ލައްކަ ރުފިޔާގެ ގެއްލުން،" ބޯޓުފަހަރު ދުއްވުމުގައި 35 އަހަރު ހޭދަކުރި އަހްމަދު ދީދީ ބުންޏެވެ.

ހަމައެކަނި ސީމެކްސް ބޯޓަކަށް އެކަންޏެއް ނޫނެވެ. 'ދައުރު'ން ބައްދަލުކުރި ކޮންމެ ބޯޓެއްގެ ކައްޕިން ވެސް ބުނަނީ އެވަރުގެ ގެއްލުމެއް ވާނެ ކަމަށެވެ.

ދެން އޮތީ މީގެ އަނެއް ކޮޅެވެ. ބޯޓުފަހަރު އަނބުރާ ރަށަށް ދިއުމުގައި ދިމާވާ ލަސްތަކުގެ ސަބަބުން ރަށްރަށުގެ ވިޔަފާރިތަކަށް ކުރާ ނޭދެވޭ އަސަރުތަކެވެ. މުދާ ނުލިބި އެތައް ދުވަހެއް ވަންދެން މަޑުކުރަން ޖެހެ އެވެ. އުތުރުން ހދ. ކުޅުދުއްފުއްޓާއި ދެކުނުން އައްޑޫގައި ސަރަހައްދީ ބަނދަރެއް އޮތަސް ގިނަ ރަށްރަށުން އަދިވެސް މުދާ ގަންނަނީ މާލެއިންނެވެ.

ހިދުމަތުގައި މާ ބޮޑު ތަފާތެއް ނެތް އެކްސްޕްރެސް ޒޯން

އަބްދުﷲ ދީދީގެ އޮތް އަނެއް ކަންބޮޑުވުމަކީ، ނޯތު ހާބަރުގައި އޮންނަ 'އެކްސްޕްރެސް ޒޯން' ނަމަކަށް ކިޔާ ސަރަހައްދެވެ. ނޯތު ހާބަރުގެ އެހެން ސަރަހައްދުތަކާ އެ ޒޯން ތަފާތުވަނީ ހަމައެކަނި ނަގާ ފީންނެވެ. ޖާގަ އެއްވަރުވެފައި، ހިދުމަތް ވެސް ތަފާތެއް ނޫނެވެ.

"އެކްސްޕްރެސްއޭ ކިޔާއިރު، މަގުން އެންމެ ތަންކޮޅެއް ވެސް ބޮޑުވަނީއެއް ނޫން... ބޯޓުގެ ނިސްބަތުން ފީ ނަގަނީ. މި ބޯޓަށް އަރާ ދުވާލަކު 1،100 ރުފިޔާ. އެހެން ސަރަހައްދަކަށް ކައިރި ކުރީމަ ނަގަނީ 200 ކޮންމެވެސް ވަރެއް،" އޭނާ ބުންޏެވެ.

ނޯތު ހާބަރުގެ އެކި ސަރަހައްދުތަކުން ފީ ނަގާ ގޮތް:

  • މާލޭގެ ތޮށްޓާ ވީ ފަޅި: ފޫޓަކަށް، ގަޑިއިރަކަށް ބައި ރުފިޔާ

  • އޭ ޒޯން އަދި ބީ ޒޯން: ފޫޓަކަށް، ގަޑިއިރަކަށް 1 ރުފިޔާ

  • އެކްސްޕްރެސް ޒޯން: ފޫޓަކަށް، ގަޑިއިރަކަށް 5 ރުފިޔާ

ފޫޓު ބަލަނީ ބޯޓު ކައިރި ކޮށްފައި އޮންނައިރު ނަގާ ޖާގައިގެ މިންވަރުންނެވެ.

އާބާދީ ބޮޑުވާ ވަރަކަށް ރަށްރަށުން މުދާ ބަލާ އަންނަ އުޅަނދުފަހަރުގެ އަދަދު ވެސް ގިނަ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫދް ޖުނައިދު)

އެކްސްޕްރެސް ޒޯނުގައި އޮތް މ. އަތޮޅާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ކައްޕިއަކު ބުނީ ތަންކޮޅެއް އަވަހަށް ޖާގަ ލިބުން ފިޔަވައި އެކްސްޕްރެސް ޒޯނުން ލިބޭ އިތުރު ހިދުމަތެއް ނެތް ކަމަށެވެ.

"އެހެން ތަންތަނާ ބަލާފައި ބައެއް ފަހަރު ތަންކޮޅެއް އަވަސްވާނެ ޖާގަ ލިބުން. އިތުރު އެއްވެސް ތަފާތެއް ނެތް. މި ބުރު ވަދެވުނީ މާލެ އައިސް ތިން ދުވަސް ފަހުން. އެއީ އެކްސްޕްރެސް ވީމަ. ނޯމަލް ކިޔޫގައި ނަމަ އަދި އިތުރު ދެ ތިން ދުވަސް ނަގާނެ،" އޭނާ ބުންޏެވެ.

ކުރިން މަހަކު 3-4 ދަތުރު ކުރި އެ ބޯޓަށް ވެސް މިހާރު މަހަކު ދެ ދަތުރު ކުރެވެނީ ކިރިޔާ އެވެ. ކައްޕި ބުނީ މަދުވާ ކޮންމެ ދަތުރަކަށް 60-70 ހާހުން ގެއްލުންވާ ކަމަށެވެ.

އެމްޕީއެލް އިން ބުނީ އެކްސްޕްރެސް ޒޯނަކީ ބޯޓުފަހަރުގެ ވެރިންނާ މަޝްވަރާ ކުރުމަށް ފަހު ހަމަޖެއްސި ތަނެއް ކަމަށެވެ. ބޭނުމަކީ ތަރުކާރީ އާއި އެ ނޫން ވެސް އަވަހަށް ޕްރޮސެސްކުރަން ޖެހޭ ޒާތުގެ މުދާ އަރުވާ ބާލަން ހާއްސަ ސަރަހައްދެއް ކަނޑައަޅައި ލުއިތަކެއް ދިނުމެވެ.

ބަނދަރުން ޖާގަ ލިބެން ހަފްތާއެއް، މަޑުކުރަން އެއް ގަޑިއިރު

އަތޮޅުތަކުން ދިގު ދަތުރެއް ކޮށް މާލެ އައިސް، ނޯތު ހާބަރުގެ ޖެޓީއާ ކައިރިނުވެވި، ކިއޫގައި އޮންނަން ޖެހެ އެވެ. ތޮށިގަނޑާ ކައިރިވުމުން މުދާ ބާލަން ދެނީ އެންމެ ގަޑިއިރެއް ކަމަށް ބައެއް ކައްޕިން ބުނެ އެވެ. އެއީ އެމީޙުންގެ ވަރަށް ބޮޑު ހިތްހަމަނުޖެހުމަކާއި ޝަކުވާއެކެވެ.

"ގާތްކޮށްގެން އަޅުގަނޑުމެންނަށް ލިބުނީ އެއް ގަޑިއިރު، ގެނައި ތަރުކާރީކޮޅާއި މީހުން ބާލަން. އެއް ގަޑިއިރު ތެރޭގައި ބޮޑު ބޯޓެއްގެ މުދާ ހުހެއް ނުކުރެވޭނެ،" ލ. މާވަށު، ދުރާލާ-9 ބޯޓުގެ ކޭޝިއަރު މުހައްމަދު އަހްމަދު ބުންޏެވެ.

"ކޮންމެ ގޮތެއް ވިޔަސް ތޮށްޓަށް ހުސްކޮށްލާފައި އަޅުގަނޑުމެންނަކަށް ނުދެވޭނެ. އެމީހެއްގެ އެއްޗެއް އެމީހަކާ ހަވާލުކުރަން ޖެހޭނެ. އެކަމަކު ބަނދަރުން ވެސް، ފަޅުން ވެސް ބޭރުވާށޭ އެންގީ."

މާލޭ ނޯތު ހާބަރު ތޮއްޖެހިފައި: މި އުނދަގޫތަކުން ސަލާމަތްވާނެ މާ ގިނަ ހައްލުތަކެއް ނުފެނޭ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫދް ޖުނައިދު)

ފަޅުން ބޭރަށް ނުކުންނަން އެންގިއިރު، އޭނާ ބުނީ، އޭރު ވެސް ބަނދަރަށް ނުވަދެވިގެން ފަސްދޮޅަހަކަށް ބޯޓު ކިޔޫގައި އޮތް ކަމަށެވެ.

އެއީ ނޯތު ހާބަރުގެ އެތެރޭގައި ހުންނަ ޖެޓީތަކަށް ކައިރި ކުރަން ބޯޓުފަހަރުގެ ފަޅުވެރިން އުޅޭ ހާލެވެ. އޭނާ ބުނީ ބޮޑުތަކުރުފާނު މަގުގެ ޖެޓީއަށް ކައިރިކުރާ ބޯޓުފަހަރަށް ކުރިމަތިވާ ގޮންޖެހުން އަދި މާ ބޮޑު ކަމަށެވެ. އެއީ މާލޭ ސިޓި ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ސަރަހައްދެކެވެ.

"އެ ތަނަކުން ފެނެއް ނުލިބޭ، ކަރަންޓެއް ނުލިބޭ، އެއްވެސް ކަހަލަ ހިދުމަތެއް ނެތް. ވަގުން އެހާ ގިނަ. ސައުވީސް ގަޑިއިރު ބޯޓުގެ ފާރައަށް ތިބެން މި ޖެހެނީ،" އޭނާ ބުންޏެވެ.

"މާލެ ފަރާތުގައި މި އޮންނަނީ ފެންސު ޖަހާފައި. ފެންސުގެ ވަކި ހިސާބަކުން [ދުރަށް] ކައިރި ކުރެވެނީ ވެސް. އެހިސާބުން ފެށެނީ ޕާކިން ޒޯނެއް. މުދަލެއް ބޭލޭކަށް ނޯވޭ. ހަމައެކަނި ނޯތު ހާބަރުގެ އެތެރެ އާއި ބޭރު ތޮށިގަނޑު، މުދަލާއި މީހުން އަރުވައި، ބާލަން އޮތް ތަންކޮޅަކީ."

މާލޭ ބަނދަރު: ބޮޑުތަކުރުފާނު މަގާ ވީ ފަޅިން ފެންސު ނުޖަހައި އޮތް ސަރަހައްދަކީ އެމްޕީއެލްއާ ބެހޭ ބައެއް ނޫން(ދައުރު ފޮޓޯ/ އަބްދުﷲ އަނޫދް ޖުނައިދު)

މީގެ ކުރިން މަހަކު 3-4 ދަތުރު ކުރި އެ ބޯޓަށް މިހާރު މަހަކު ދެ ދަތުރު ވެސް ނުކުރެވެ އެވެ. ކުރެވޭ ދަތުރުގެ އަދަދު މަދުވުމާ އެކު ބޯޓުދަތުރު ކުރާ މީހުންގެ އާމްދަނީއަށް ވަރަށް ބޮޑު ނޭދެވޭ އަސަރުތަކެއް ދަނީ ފޯރަމުންނެވެ. މުވައްޒަފުންގެ މުސާރައަށް ކުރާ ހަރަދުގެ އިތުރުން، މާލެ އައިސް ބޭކާރު ގޮތުގައި ހޭދަކުރާ ދުވަސްތަކުގައި ހިނގާ ހަރަދަކީ ވެސް ތަކުލީފެކެވެ.

އެމްޕީއެލް އޮތީ ގޮތް ހުސްވެފައި، ހައްލަކީ އިތުރު ބަނދަރެއް

ނޯތު ހާބަރުގައި ދިމާވާ މައްސަލަތައް އެމްޕީއެލްއަށް ނޭނގެނީއެއް ނޫނެވެ. އަދި މިހާރު ދިމާވާ ދަތިތަކަކީ އެމްޕީއެލްއަށް ވެސް ކަންބޮޑުވުމެކެވެ. އެކަމަކު ބަނދަރަށް ލިބެން އޮތް ޖާގައަށް ބަލާއިރު، އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ގެނެވޭނެ ވަގުތީ ހައްލެއް ފެންނަން ނެތް ކަމަށެވެ.

"ހަމައެކަނި ކުރެވެން އޮތް ކަމަކީ ބޯޓުފަހަރު [ކައިރިކުރުން] އަވަސްކުރެވޭނެ ގޮތެއް ހޯދުން،" ޝާހިދު ވިދާޅުވި އެވެ.

މިގޮތަށް މާލެއަށް އަންނަ ބޯޓުފަހަރު މުދާ އަރުވާ ބާލަން ދެން އޮތީ މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި އޮތް ޓީ-ޖެޓީ އެވެ. އެކަމަކު އާންމުކޮށް އެ ތަނަށް ކައިރި ކުރަނީ ރިސޯޓުތަކާއި އިންޑަސްޓްރިއަލް ރަށްރަށާއި ތިލަފުށިން ގަނޑުކޮށް މުދާ އަރުވާ ބާލާ އުޅަނދުފަހަރެވެ. އެތަނުގެ ބާރުބޮޑުކަމުން އެއީ ވެސް އާންމު މުދާ ބަލާ އަންނަ ރަށްރަށުގެ އުޅަނދު ފަހަރަށް ހިދުމަތް ދޭ ތަނެއް ނޫނެވެ.

"ޓެމްޕޮރެރީކޮށް [ވަގުތީ ގޮތުން] ގެނެވޭނެ ހައްލެއް ފެންނާކަށް ނެތް،" ރަށްރަށުން މުދާ ބަލާ އަންނަ އުޅަނދު ފަހަރުގެ ނިސްބަތުން ބަނދަރު ބޮޑުކުރެވެން ނެތްކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވި އެވެ.

ބަނދަރުގެ މައްސަލައަށް ދުރު ރާސްތާގައި އޮތް ހައްލެއް ކަމަށް، އޭނާ ވިދާޅުވީ ގުޅީފަޅުގައި ތަރައްގީ ކުރަން ސަރުކާރުން ރާވާފައިވާ ބަނދަރެވެ. އެކަމަކު އެތަން ނިމޭނެ ދުވަހެއް އަދި ނޭނގެ އެވެ.

"ކޮންމެ ގޮތެއް ވިޔަސް، މާލެއަކީ ރާއްޖޭގެ ހުރިހާ ދިމާލަކުން ވެސް ސްޕަލައި ބަލައި އަންނަން ޑިޕެންޑް ވާ ތަން. އެކަމަކު މާލޭގައި ނެތް އަރާފުރާ، ކައިރި ކުރެވޭނެ ކީ ވޯލް ޖާގައެއް،" ޝާހިދު ވިދާޅުވި އެވެ.

"ލޯންގް ޓާމްގައި މިކަމަށް ޕޮލިސީ ލެވެލްގައި ވަރަށް ގިނަ ވިސްނުންތަކެއް ވިސްނަން ޖެހޭ. އޮޑިދޯނިފަހަރަށް ކޭޓާ ކުރެވޭނެ ވަސީލަތްތަކެއް ގާއިމުކޮށްގެން ނޫނީ ހައްލެއް ނުލިބޭނެ."

ކޮމެންޓް (2)

ސިކުނޑި

4 ޖެނުއަރީ 2022
މިއީ ބަދަލުވާން ޖެހޭ ސިސްޓަމެއް! ބޯޓުގައި މިގޮތަށް މުދާ އުފުލުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ކަމުގައި ނުބެލެވޭ! ބޯޓުން މުދާގެނެސް ޖެޓީ މަތީގައި ވިއްކާ އުސޫލާއި ހަދިޔާ ފޮށިގަނޑު ބަލާ ބޯޓުދޮށަށް ދާ އުސޫލު ބަދަލުވާންޖެހޭ!
2 0

ކާވިޔާ

4 ޖެނުއަރީ 2022
ވިޔަފާރި ނެތުމުން ބޯޓު ފަހަރަށް މުދާ ނުލިބި ބަރު ނުވާތީ މިފަހަކަށްް އައިސް ފުރުން ލަސްވަނީ އަދި އަންނަ އިތުރު ބޯޓުތަކަށް ޖާގަ ނުލިބެނީ... އެހެންޔާ 1-2 ދުވަސް އެންމެ ގިނަވެގެން ނަގާނީ ޖާގަ ލިބެން..
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް