ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ސީއީއޯ އިމާދު ސޯލިހް 'ދައުރު'އަށް އިންޓަވިއު ދެއްވަނީ: ޑްރަގަށް ދެވިހިފާފައިވާ މީހުންނަށް ދޭ ފަރުވާގެ ނިޒާމު ހަރުދަނާކުރަން ވަނީ މަސައްކަތް ފަށާފައި (ދައުރު ފޮޓޯ)

އެންޑީއޭ

ޑްރަގް އެޑިކްޝަންގެ ފަރުވާ 5 ސަރަހައްދެއްގެ ހޮސްޕިޓަލްތަކުން ދޭން ފަށަނީ

އެންޑީއޭއިން އަމާޒު ހިފާފައި ވަނީ ޕަބްލިކް ހެލްތް އެޕްރޯޗަކުން ޑްރަގަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދެވޭނޭ ނިޒާމެއް ގާއިމްކުރަން
23 ޖެނުއަރީ 2023

މަސްތުވާތަކެތީގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކާއި ގުޅިގެން ކޮމިއުނިޓީ-ބޭސްޑް ފަރުވާގެ ޕްރޮގްރާމްތައް ރާއްޖޭގެ ފަސް ސަރަހައްދެއްގައި މިއަހަރު ހިންގަން ފަށާނެ ކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ސީއީއޯ އިމާދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެންޑީއޭއާ މެދު އާންމުންގެ ޝަކުވާ ބޮޑުވެފައިވަނިކޮށް މިދިޔަ ނޮވެމްބަރުގައި އެތަނުގެ ސީއީއޯގެ މަގާމަށް އިމާދު އައްޔަންކޮށްފައިވަނީ އެންޑީއޭގެ ހިންގުން ހަރުދަނާކޮށް، ފަރުވާގެ ޕްރޮގްރާމްތައް ރަނގަޅު ކުރުމަށެވެ.

މަގާމާ ހަވާލުވުމަށްފަހު މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުގެ މައުލޫމާތު މީޑިއާއާއި ހިއްސާ ކުރުމަށް އެންޑީއޭގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމާދު ވިދާޅުވީ އެންމެ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތަކީ މަސްތުވާތަކެތީގެ މައްސަލަ "ޕަބްލިކް ހެލްތު އެޕްރޯޗަކުން އެޑްރެސް ކުރުން" ކަމަށެވެ.

ބުނީ ކީކޭ؟ - މަސްތުވާތަކެތީގެ މައްސަލައަކީ ދުނިޔެ ގަބޫލުކުރާ ގޮތުގައި ސިއްހީ މައްސަލައަކަށް ވުމުން ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުން އެކަމަށް ފަރުވާދެވޭ ގޮތަށް ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް އިމާދު ވިދާޅުވި އެވެ. އެގޮތުން:

  • މި އަހަރު ރާއްޖޭގެ ފަސް ސަރަހައްދެއްގައި އެފަދަ ފަރުވާގެ ޕްރޮގްރާމްތައް ފެށުމުގެ މަސައްކަތް ދަނީ ކުރަމުން

  • އެންމެ ފުރަތަމަ އެ ޕްރޮގްރާމް ފަށާނީ ހދ. ކުޅުދުއްފުށީ ޓާޝަރީ ހޮސްޕިޓަލުގައި

  • އެރަށުގައި ފަރުވާގެ ޕްރޮގްރާމް ފެށުމަށް އެންޑީއޭގެ މުވައްޒަފުން ދަނީ އެސެސްމެންޓްތައް ހަދާ ތައްޔާރީތައް ވަމުން

މީގެ އިތުރުން ފަރުވާދެވޭ މީހުންގެ އަދަދު އިތުރުކުރުމަށް ވެސް އެންޑީއޭއިން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށްވެސް އިމާދު ވިދާޅުވި އެވެ. އެގޮތުން އޭނާ ފާހަގަރުކެއްވި ގޮތުގައި: 

  • ކުރީގައި ހަ ކްލައިންޓުން ނަގަމުން ދިޔަ ތަންތަނުން މިހާރު 15 ކްލައަންޓުން އެއްފަހަރާ ނެގޭނެ

  • ކުރިން ގުޅީފަޅުގައި ދިން ފަރުވާގެ ހިދުމަތް މިހާރު ކ. ހިންމަފުށީގައި ހުރި މައި ސެންޓަރަށް ބަދަލުކޮށް ފަރުވާ ދެވޭ މީހުންގެ އަދަދު 10އަކުން 21 އަށް އިތުރުކުރެވިފައި ވޭ

  • ކުރިއަށް އޮތް ތަނުގައި މާލެ ސަރަހައްދުގައި މެތަޑޯން ޑިސްޕެންސް ކޮށްގެން ފަރުވާ ދެވޭ މީހުންގެ އަދަދު 80އިން 250 އަށް އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް؛ އެއާއެކު ވެއިޓްލިސްޓަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އިމާދު ވިދާޅުވި

"އަޅުގަނޑުމެންގެ މިހާރުގެ ދުނިޔެ ގަބޫލުކޮށްފަ އޮތް ވިސްނުމަކީ މަސްތުވާތަކެތީގެ މައްސަލައަކީ އެހެންވެސް ސިއްހީ ބައްޔެއް ގޮތަށް، ބައްޔެކޭ. ހާއްސަކޮށް މަސްތުވާތަކެތީގެ މައްސަލައިގެ އެޑިކްޝަން، އެއަށް ދެވިހިފާ ހިސާބަށް މީހަކު ގޮސްފިކަމަށް ވަނީ ނަމަ އެކަމުގެ ތެރެއިން ނުކުމެގަންނަން އެކުރެވޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ،" އިމާދު ވިދާޅުވި އެވެ.

"އެހެންވީމަ މަސްތުވާތަކެތީގެ މައްސަލައިގައި، ދެވިހިފާފަ ހުންނަ މީހަކު އެ ދެވިހިފުން ރަަނގަޅުކުރުމަށްޓަކައި އޭނަ ބޭނުންވާކަމަށް ވަނީނަމަ، އެންޑީއޭގެ ދޮރުގައި ޓަކި ޖަހައިފި ކަމަށް ވަނީ ނަމަ، މި ދޮރު ހުންނާނީ އޭނައަށް ހުޅުވިފައި. އަޅުގަނޑުމެން އެ ދޮރެއް ބަންދެއް ނުކުރާނަން."

އިމާދު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިވަގުތު ތަފާތު ވައްތަރުުގެ ފަރުވާތައް ދެވެ އެވެ. އޭގެތެރޭގައި ހިމެނެނީ:

  • ޑީޓޮކްސިފިކޭޝަން: މަސްތުވާތަކެތި ހަށިގަނޑުން ބޭރުކުރުމަށް ދެވޭ ފަރުވާ

  • އިން-ހައުސް ފަރުވާ ޕްރޮގްރާމް: ހިންމަފުށީގައި ހުންނަ މައި ރިހެބިލިޓޭޝަން ސެންޓަރުގައި ދިގުމުއްދަތަކަށް ކްލައަންޓުން ބައިތިއްބައިގެން ދެވޭ ފަރުވާއެއް؛ ފަރުވާގެ މުއްދަތު ކަނޑައަޅާނީ އެސެސްމެންޓަށް ރިއާޔަތް ކޮށްފައި

  • ކޮމިއުނިޓީ ބޭސްޑް ފަރުވާ ޕްރޮގްރާމް: ދިރިއުޅުމުގެ ހުރިހާ ކަމެއް ކުރިއަށްގެންދަމުން، ވަޒީފާ އަދާކުރަމުން، މުޖުތަމައުގެ ތެރޭގައި ތިބެގެން ކުރިއަށްގެންދެވޭ ފަރުވާގެ ޕްރޮގްރާމެއް

  • މެތަޑޯން މެއިންޓެނަންސް ޓްރީޓްމަންޓް: ހެރޮއިންއަށް ދެވިހިފާފައި ތިބޭ ފަރާތްތަކަށް ހިންގޭ ފަރުވާގެ ޕްރޮގްރާމެއް

ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި، ޖަލު ހުކުމުން ސަލާމަތްވުމަށް ފަރުވާގެ ޕްރޮގްރާމްތައް ނިވާފަތްގަނޑަކަށް ބޭނުންކުރާ ކަމުގެ ވާހަކަ ދެކެވޭ ކަން ފާހަގަކުރައްވާ އިމާދު ވިދާޅުވީ، ކުށެއް ކުރުމަކީ ނުވަތަ ކުށުގެ ރިކޯޑެއް އޮތުމަކީ އެމީހާއަށް ފަރުވާ ދިނުމަށް އުޒުރުވެރި ވެވޭނެ ސަބަބެއް ނޫން ކަމަށެވެ.

"... މީހަކު ހާޓް-އެޓޭކެއް ޖެހިގެން ހޮސްޕިޓަލަށް ދިޔައިމަ، އަޅުގަނޑުމެން ސުވާލެއް ނުކުރަމޭ އޭނަގެ ކްރިމިނަލް ބެކްގްރައުންޑަކީ ކޮބައިތޯ އެއް"، ހަމަ އެ ވިސްނުމުގައި، މަސްތުވާތަކެތީގެ މައްސަލައަށް އޮތް ހައްލަކީ ފަރުވާ ދިނުން ކަމުގައި ވަނީ ނަމަ، އެ މީހަކަށް ހިދުމަތްދޭން ޖެހޭނީ ވެސް އެ އުސޫލުން ކަމަށާއި އެ ފުރުސަތު އޭނާއަށް ފަހިވެފައި އޮންނަން ޖެހޭނެ ކަމަށް އިމާދު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް